ދުނިޔެ

އަދުގެ ދުނިޔެ: ޕާކިސްތާނުގެ އެއްވެސް ބޮޑުވަޒީރަކަށް ދައުރު ފުރިހަމައެއް ނުކުރެއްވެއެވެ.

އިމާދު ލަތީފު

އިންޑިޔާ ދެބައިވެ ޕާކިސްތާނުގެ ނަމުގައި 1947 ގައި ވަކި ދައުލަތެެއް އުފަންވި ފަހުން އެގައުމުގައި މިހާތަނަށް 18 ބޭފުޅަކު ބޮޑުވަޒީރުކަން ކުރައްވައިފިއެވެ. މީގެ ތެރެއިން ދެ ބޭފުޅަކު އެއްފަހަރަށްވުރެ ގިނަ ފަހަރު މަތިން ބޮޑުވަޒީރުކަން ކުރެއްވިއެވެ. އެއީ ނަވާޒް ޝަރީފާއި ބޭނަޒީރު ބުއްޓޫއެވެ. އެހެންނަމަވެސް ޕާކިސްތާނުގެ މިނިވަންކަމުގެ ދިގު 75 އަހަރުގެ މާޟީގައި މިހާތަނަށް އަދި ދުވަހަކުވެސް އެއްވެސް ބޮޑުވަޒީރަކަށް ދައުރެއް ހަމަވަންދެން މަގާމުގައި ނުހުންނެވެއެވެ. ނަވާޒް ޝަރީފާއި ބޭނަޒީރުވެސް ހިމެނޭގޮތުންނެވެ. މަގާމު ގެއްލުނީމާ ދުވަސްތަކެއް ފަހުން ކޮންމެވެސް ގޮތަކުން އެބޭފުޅުން އަނެއްކާވެސް މަގާމު ހޯއްދަވަނީއެވެ. އެއްވެސް ބޮޑުވަޒީރަކަށް ދައުރު ހަމަވަންދެން މަގާމުގައި ނުހުންނެވޭ ހަމައެކަނި ގައުމަކީވެސް ޕާކިސްތާނެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު ކަމުގައި މިވަގުތު އެހުންނެވީ އިމްރާން ޚާނެވެ. އޭނާއަކީ އެގައުމުގެ ތާރީޚުގައި 18 ވަނަ ބޮޑުވަޒީރެވެ. މަގާމާއި ހަވާލުވަޑައިގަތީ 18 އޮގަސްޓް 2018ގައެވެ. މަގާމުގައި ދެމިހުންނަވާތާ 3 އަހަރާއި 8 މަސް ވެއްޖެއެވެ. ދައުރު ހަމަވާން އަދި ބާކީ އެއް އަހަރާއި ހަތަރު މަސް އެބައޮތެވެ. ޕާކިސްތާނުގައި ބޮޑުވަޒީރުކަމުގެ ދައުރެއްގެ ދިގުމިނަކީ ފަސް އަހަރެވެ. ބާކީ މިއޮތް ދޮޅުއަހަރަށްވުރެ ކުރު މުއްދަތު ފުރިހަމަ ކުރައްވައި އިމްރާން ޚާނަށް ރިކޯޑެއް ގާއިމުކުރެއްވިދާނެ ބާވައެވެ. ދައުރެއް ފުރިހަމަ ކުރެއްވި ފުރަތަމަ ބޮޑުވަޒީރަކަށް ވެވަޑައިގެންނެވިދާނޭ ބާވައެވެ. މިހާރު މަސްރަހު ފެންނަގޮތުން އެއީ ނުވުން ކައިރި ކަމެކެވެ. އިމްރާނަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު މިމަހު ވަނީ ގެއްލިފައެވެ. އިތުބާރު އޮތްތޯ ނެތްތޯ ބެލުމުގެ ވޯޓު އަންނަ ހުކުރު ދުވަހު ނަގާނެއެވެ.

އިމްރާން ޚާނުގެ ސަރުކާރަށް ޕާލަމެންޓްގެ އަޣުލަބިއްޔަތު ގެއްލުނީ އޭނާގެ އަމިއްލަ ޕާޓީ އާއި ކޯލިޝަންގެ ބައިވެރިންގެ ތެރެއިން މަދުވެގެން ވިއްސަކަށް މެންބަރުން ސަރުކާރު ދޫކޮށް ދިޔުމުންނެވެ. އެއަށްފަހު އިމްރާނަށް އިތުބާރު ނެތްކަމުގެ މައްސަލަ ޕާލަމެންޓަށް ވައްދާފައިވަނީއެވެ. ޕާލަމެންޓްގައި ތިއްބަވަނީ ޖުމްލަ 342 މެންބަރުންނެވެ. އިމްރާން ޚާންގެ ތަހުރީކް އިންސާފު ޕާޓީއަށް ލިބިފައިވަނީ 155 ގޮނޑިއެވެ. ކުދިކުދި އިތުރު ފަސް ޕާޓީއެއް އިމްރާނުގެ ކޯލިޝަނުގައި ހިމެނޭތީ އެމީހުން ކޮންޓްރޯލްކުރާ 21 ގޮނޑިޔާއެކު އިމްރާނުގެ ސަރުކާރަށް މިހާތަނަށް ކިރިޔަ ކިރިޔާ އަޣުލަބިއްޔަތު ހިފެހެއްޓުނީއެވެ. އެންމެފަހުން ކޮޅު ބަދަލުކުރި މެންބަރުންގެ ސަބަބުން ބާރުގެ ތިލަފަތް އަނެއް އަތަށް ވަނީ ބަރުވެފައެވެ. ކޯލިޝަނަށް އަޣުލަބިއްޔަތު ގެއްލުނީއެވެ.

ޕާކިސްތާނުގެ ޕާލަމެންޓްގެ އަޣުލަބިއްޔަތަކީ މަދުވެގެން 172 ގޮނޑިއެވެ. އެއަދަދު އިމްރާނަކަށް މިހާރު ނެތެވެ. އެހެންވީމާ ހުކުރު ދުވަހު ޕާލަމެންޓްގައި ނަގާ ވޯޓުން އޭނާ މަގާމުން ދުރުކުރާނޭކަން ގާތްގަޑަކަށް ކަށަވަރެވެ. އެންމެ ބޮޑު އިދިކޮޅު ޕާޓީއަކީ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފުގެ ޕާކިސްތާން މުސްލިމް ލީގު ޕާޓީއެވެ. އަވަހާރަކޮށްލެވިފައިވާ ކުރީގެ ބޮޑުވަޒީރެއް ކަމަށްވާ ބޭނަޒީރުގެ ޕީޕަލްސް ޕާޓީއަކީ ޕާލަމަންޓްގައި ތިންވަނަޔަށް އެންމެ ބޮޑު ޕާޓީއެވެ. ހުރިހާ އިދިކޮޅު ޕާޓީތައް އެއްކޮށްލީމާ ގާތްގަޑަކަށް 163 ގޮނޑި ހަމަވެއެވެ. އިމްރާނުގެ ސަރުކާރު ވައްޓާލައިފައި އައު ސަރުކާރެއް ގެންނަކަމަށް ވެއްޖެނަމަ އަދި އިތުރު ދިހަވަރަކަށް މެންބަރުންގެ ތާއީދު ބޭނުންވާނެއެވެ. ތަހުރީކް އިންސާފު ޕާޓީ ދޫކޮށްދިޔަ މެންބަރުންގެ ތާއީދު ލިބިއްޖެނަމަ އެއީ ކުރެވިދާނޭ ކަމެކެވެ.

އިމްރާނުގެ ސަރުކާރު ދޫކޮށްދިޔަ މެންބަރުން ވަނީ ވަރަށް ސީރިއަސް ތުހުމަތު ތަކެއް ކޮށްފައެވެ. ގައުމުގެ ކަންކަން ހަމަޔަކަށް އެޅުވުމާއި ޚާރިޖީ ސިޔާސަތު ބައްޓަންކުރުމުގައި އިމްރާން ޚާން ފޭލްވެފައިވާ ކަމަށް ބުނެފައެވެ. އެހެންވީމާ އެ މެންބަރުންނަށް މައާފުކުރައްވާނަމޭ އެނބުރި އަންނާށޭ އިމްރާނު ވިދާޅުވިޔަސް އެނބުރި އަންނާނޭ ކަމަކަށް ނުފެނެއެވެ. އަސްވިއްކައި ލަގަން ވިއްކުމުގެ އޮއިވަރެއްވެސް ނުހަނު ބާރަށް ދަނީ އެނބުރެމުންނެވެ. އެހެންވީމާ ހުކުރުދުވަހު އިމްރާނަށް އިތުބާރު ނެތްކަމަށް ފާސްވުން ނުހަނުގާތެވެ. އެކަމަކު ސުވާލު އުފެދެނީ ދެންވާނެ ގޮތަކާމެދުގައެވެ. ދެން ސަރުކާރެއް އުފައްދާނެ ބަޔަކާމެދުގައެވެ. ޕާކިސްތާނުގެ އެތެރޭގެ ހަމަޖެހުމާމެދުގައެވެ. ވެެރިރަށް އިސްލާމްއާބާދުގައި އިމްރާނަށް ތާއީދުއޮތްކަން ދެއްކުމަށް މިލިޔަން މީހުންގެ އެއްވުމަކަށްވެސް އެދަނީ ތައްޔާރުވަމުންނެވެ.

ސަރުކާރެއް ދެމިއޮތުމުގައި ސިފައިންގެ ތާއީދަކީ ވެސް ޕާކިސްތާނުގައި ވަރަށް މުހިއްމު އެއްޗެކެވެ. ދައުރުގެ ކުރީކޮޅު ސިފައިންގެ ތާއީދު އިމްރާނުގެ ފަރާތަށް ވަރަށް ބޮޑަށް އޮތްކަމަށް ފެނުނެވެ. މިހާރު އެކަން ބަދަލުވެއްޖެކަމުގެ ކުލަވަރުވެސް އެބަފެނެއެވެ. އެކޮޅަކުންވެސް މާބޮޑު ހިތްވަރެެއް އިމްރާނަކަށް ނެތެވެ. އެހެންވީމާ މީގެ ކުރީގެ 17 ބޮޑުވަޒީރުންނަށް ކުރިމަތިވެވަޑައިގެނެވި ގޮތް އިމްރާނަށްވެސް އެއޮތީ ކުރިމަތިވާގޮތަށެވެ. ސަލާމަތުގެ އައްސޭރިއެއް ނުފެނެއެވެ. ދައުރު ހަމަވުމުގެ ކުރިން ސަރުކާރުތައް ވެއްޓުމަށް މެދުވެރިވަނީ ތިން ގޮތަކުންނެވެ. ޕާލަމެންޓުގައި އިތުބާރު ނެތްކަމަށް ފާސްކޮށްގެންނެވެ. ސިފައިން އިންގިލާބު ގެނެސްގެންނެވެ. ގާނޫނުއަސާސީން ލިބިދޭ ބާރެއް ބޭނުންކުރައްވައިގެން ރައީސަކަށް ހުންނަވާ ބޭފުޅަކު ބޮޑުވަޒީރު މަގާމުން ދުރުކުރެެއްވުމުންނެވެ.