ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާންގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓު 25 މާރޗް 2022 ވާ ހުކުރު ދުވަހު ނަގަން ނިންމައިފިއެވެ.

އިމްރާން ހާން އާ ދެކޮޅަށް އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން އިދިކޮޅު އިއްތިހާދުން ނިންމާފައިވަނީ މަޖިލީސް ކުރާ ގޭގައި އިމްރާން ހާންގެ ޕާކިސްތާން ތެހެރީކް އެ އިންސާފް (ޕީޓީއައި) ޕާޓީން ގިނަ އަދަދެއްގެ މެންބަރުން ޕާޓީއާ ދެކޮޅަށް އަރާފައިވާ ދަނޑިވަޅެއްގައެވެ.

ޕީޓީއައި އާއި ފެޔަށްޖެހުނު މަޖިލީހުގައި ހިމެނިވަޑައިގަންނަވާ އެ ޕާޓީގެ 12 ވަރަކަށް މެންބަރުން ޕާޓީއާ ދެކޮޅަށް ނުކުމެފައިވާއިރު އިމްރާން ހާނަށް އިތުބާރު ނެތްކަމުގެ ވޯޓަށް ތާއީދުކުރައްވާނެކަމަށް ވަނީ ބެލެވިފައެވެ. އިދިކޮޅުން ބުނާގޮތުގައި ޕީޓީއައި ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ އަދި އެޕާޓީއަށް ތާއީދުކުރާ ފަރާތްތަކުގެ ތެރެއިން ގާނޫނު ހަދާ މަޖިލީހުގެ 20 މެންބަރެއް ތާއީދުވަނީ އިދިކޮޅަށް ލިބިފައެވެ.

އިދިކޮޅުން ތުހުމަތު ކުރާގޮތުގައި ގައުމުގެ އިގުތިސޯދާއި ހާރިޖީ ސިޔާސަތުތައް ދެމެހެއްޓުމުގައި އިމްރާން ހާން ވަނީ ފެއިލްވެފައެވެ. މިދިޔަ ޖެނުއަރީމަހު އެގައުމުގެ އިންފްލޭޝަން ރޭޓް 13 ޕަސެންޓް މައްޗަށް އަރާފައިވާއިރު ތެލާއި ކާބޯތަކެތީގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.

ޕާކިސްތާނުގެ ހައިބަރު ޕަކްތުންވާ ޕުރޮވިންސުގައި އާދިއްތަ ދުވަހު ބޮޑުވަޒީރު އިމްރާން ހާން ބައިވެރިވެވަޑައިގެންނެވި އެއްވުމެއްގައި އެމަނިކުފާނު ވަނީ ޕާޓީއާ އިދިކޮޅުވި މެންބަރުންނަށް ވަރަށް ބޮޑަށް ނަސޭހަތްތެރިވެވަޑައިގެން އެނބުރި ޕާޓީއާ ގުޅިވަޑައިގަތުމަށް އެދިވަޑައިގެންފައެވެ. އަދި މިއީ މީސްމީޑިއާގެ ޒަމާންކަމަށާއި އެއްވެސް ކަމެއް އާއްމުންނަށް އޮޅުވައި ނުލެވޭނެކަމުގައި އިމްރާންހާން ވަނީ އިންޒާރުކުރައްވާފައެވެ. އެގޮތުން މީހުންގެ އިހުތިރާމާއި ގަދަރު އެ މެންބަރުންގެ ކިބައިން ކެނޑިގެންދާނެކަމަށާއި އަދި އެ މެމްބަރުންނަށް އާއްމުން ކުރާ އިތުބާރު ގެއްލި މެންބަރުންގެ ދަރިންނާއި ކައިވެނިކުރާނެ މީހަކު ނުވުމަކީވެސް އެކަށީގެންވާ ކަމެއްކަމުގައި އިމްރާން ހާން ވަނީ ވިދާޅުވެފައެވެ. އެނބުރި ޕާޓީއާ ގުޅިވަޑައިގަތުމަށް އިލްތިމާސްކުރައްވައި އިމްރާންހާން ވަނީ ބައްޕައަކު ދަރިއަކަށް މައާފުކުރާނޭހެން މެންބަރުންނަށް މައާފުކުރައްވަން ތައްޔާރަށް ހުންނެވި ކަމަށްވެސް ވިދާޅުވެފައެވެ.

ހުކުރު ދުވަހު އިމްރާންހާންގެ މައްޗަށް ނެގޭ އިތުބާރު ނެތްކަމުގެ ވޯޓުން އެމަނިކުފާނުގެ މަގާމު ގެއްލޭނެ ކަމަށް ވަރަށް ބޮޑަށް ވަނީ ބެލެވިފައެވެ. މިހާތަނަށް ޕާކިސްތާނުގެ ތާރީހުގައި އެއްވެސް ބޮޑުވަޒީރަކަށް ދައުރު ހަމަވަންދެން މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވިފައެއް ނުވެއެވެ.