މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަދި ބޭންކް އޮފް ސިލޯން (ބީއޯސީ)ގައި ހުޅުވާފައި ހުރި އެކައުންޓަތަކުގެ ތެރެއިން ޑޯމަންޓް އެކައުންޓު (މުއާމަލާތް ނުކުރާ އެކައުންޓް)ތައް އުވާލާނެ ކަމަށް އެ ބޭންކް ތަކުން ބުނެފިއެވެ.
މި ކަމާއި ގުޅިގެން އެމްއައިބީ އަދި ބީއޯސީން ވެސް ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ވިދިވިދިގެން ފަސް އަހަރު ވަންދެން އެކައުންޓުގެ ވެރިފަރާތުން އެ އެކައުންޓުން އެއްވެސް މުއާމަލާތެއް ނުކޮށް އެ ބޭންކަށް އެއްވެސް ލިޔުމެއް ފޮނުވާފައި ނުވާނަމަ، ގާނޫނުގައި ބަޔާން ކޮށްފައިވާ ގޮތަށް އެ އެކައުންޓަކީ ޑޯމެންޓް އެކައުންޓެއްގެ ގޮތުގައި ކަނޑައަޅައި އެ އެކައުންޓުތައް އުވާލާނެ ކަމަށެވެ.
އެމްއައިބީ އިން ބުނީ އެ ބޭންކުގެ ޑޯމަންޓު އެކައުންޓު ލިސްޓުގައި ވާ ހުރިހާ ފަރާތްތަކަށް ވެސް ސިޓީއަކުން އެކަން އަންގާފައިވާނެ ކަމަށާއި ވެރި ފަރާތުން ޖަވާބެއް ނުލިބެއްޖެ ނަމަ އެފަރާތެއްގެ ނަން އާންމު ކުރުމަށްފަހު 60 ދުވަސް ތެރޭގައި އެކައުންޓުތައް އުވާލުމުގެ ގާނޫނީ ބާރު ލިބިގެންވާ ކަމަށެވެ. އަދި އެކައުންޓުތައް އެކްޓިވޭޓް ކުރަން ބޭނުންވާ ފަރާތްތަކުން 17 މޭ 2022، ގެ ކުރިން އެމްއައިބީގެ ކަސްޓަމާ މައުލޫމާތު ފޯމް ފުރައި ބޭންކަށް ހުށަ ނާޅާއިފި ނަމަ އެ އެކައުންޓެއް އުވާލާނެ ކަމަށް އެމްއައިބީން ވަނީ ބުނެފައެވެ.
ސިލޯނު ބޭންކުންވެސް ބުނެފައިވަނީ އެ ބޭންކުގެ ޑޯމަންޓް އެކައުންޓު ތަކުގެ ވެރިފަރާތްތަކުން 31 މޭ 2022ގެ ކުރިން ބޭންކަށް ދީފައިވާ ކަސްޓަމާ މައުލޫމާތު އަޕްޑޭޓްކޮށް އެކައުންޓުން ފައިސާގެ މުއާމަލާތެއް ނޮކޮށްފި ނަމަ ބީއޯސީގައި ވާ އެފަދަ ހުރިހާ އެކައުންޓެއްވެސް އުވާލާނެ ކަމަށެވެ.
އެމްއައިބީ އިން އާއްމުކޮށްފައިވާ ޑޯމަންޓް އެކައުންޓް ލިސްޓުގައި 2،918 އެކައުންޓެއް ވާއިރު، ބީއޯސީ ގެ ޑޯމަންޓް އެކައުންޓު ލިސްޓުގައި 190 ފަރާތެއްގެ އެކައުންޓު ވަނީ ހިމަނާފައެވެ.
ބޭންކުތަކުން ދީފައިވާ މުއްދަތުގައި އެކައުންޓުތައް އެކްޓިވް ނުކޮށްފި ނަމަ، ދެ ބޭންކުގައި ވެސް ހުރި ޑޯމަންޓް އެކައުންޓްތައް އުވާލުމަށްފަހު އެ އެކައުންޓުތަކުގައި ހުރި ފައިސާ ހަވާލު ކުރާނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށެވެ.
އެކައުންޓައް އުވާލައި އޭގައި ހުރި ފައިސާ، މަރުކަޒީ ބޭންކް އެމްއެމްއޭއާ ހަވާލު ކުރުމުން ދެން އެ ފައިސާ ބޭނުން ނަމަ 'ޑޯމަންޓް އެކައުންޓުގައިވާ ފައިސާ ނެގުމަށް އެދި ހުށަހަޅާ ފޯމު' ފުރުމަށްފަހު ހުށަހެޅުމުން އެ ފައިސާ އަނބުރާ ދޭން ޖެހޭނެ ކަމަށް ބޭންކިން އާ ބެހޭ ގާނޫނުގައި ވަނީ ބުނެފަ އެވެ.