(7 މާޗުގެ އަދަދާ ގުޅޭ)
އިސްވެގޮސްފައިއެވަނީ އީމާންކަމުގެ އަހުލުވެރީންނާއި ހެޔޮޢަމަލުކޮށްއުޅޭ މީހުންނަށް ހުސްޠާހިރުވަންތަ اللّــه ކުރައްވައިފައިވާ ވަޢުދުފުޅެކެވެ. އެބައިމީހުންނަށް ބިމުގެ ޚަލީފާކަން ދެއްވާނެއެވެ. އެއުރެންގެ ކުރީގެ މީހުންނަށްވެސް ދެއްވި ފަދައިންނެވެ.
އިސްލާމީ ނިޒާމުގައި ޚިލާފަތާއި، ސަރުކާރު ހިންގުމުގެ ނިޒާމާއި އިންތިޚާބުގެ ގޮތްތަކާއި، ދޭދޭމީހުންގެ ދެމެދުގެ މަޝްވަރާތަކާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ވެރީންނަށް ފާޑުކިޔުމާއި އިޙްތިސާބުކޮށް ޖަވާބުދާރީކުރުވުމާއި މިކަންކަމާ ބެހޭގޮތުން އައިސްފައިވާ ހުރިހާ އަމުރުފުޅުތަކަކަށާއި އިރުޝާދުތަކަކަށްވަނީ ކައު ނަބިއްޔާ صلّــى اللّــه عليـه وسلّـم ގެ ޙަޔާތްޕުޅުގައްޔާއި الخــلفــاء الــرّاشــدون ގެ ޙަޔާތްޕުޅުގައި ޢަމަލުކުރެއްވުމުގެ ނަމޫނާ ދައްކަވައިފައެވެ. އެ ނަމޫނާތަކުން ބައްޓަންވެގެން އަންނަނީ ވެރިކަމުގެ އިސްލާމީ ނިޒާމުގެ އޮނިގަނޑެވެ. ކައުސާހިބާ صلّــى اللّــه عليـه وسلّـم ވަނީ އެމާތް ސާހިބާގެ ސުންނަތާއި الخــلفــاء الــرّاشــدون ގެ ސުންނަތް އިޚްތިޔާރުކުރަން އަމުރުކުރައްވައިފައެވެ. އެހެންކަމުން ކީރިތި ޤުރްއާނުގެ އާޔަތްތަކާއި އިތުރު ސާހިބާގެ ޙަދީޘްފުޅުތަކުން ނެރެވޭ ޙުކުމްތަކާއި ކައުނަބިއްޔާއާއި الخــلفــاء الــرّاشــدون ގެ ސުންނަތާ މިހުރިހައިކަމެއް މުޠާލިޢާކުރުމުން ވެރިކަމުގެ އިސްލާމީ ނިޒާމު ނުވަތަ ޚިލާފަތުގެ ރޫފަ ފެނިގެން އާދެއެވެ. އެ ރޫފައާއި މިޒަމާނުގެ ޖުމްހޫރިއްޔަތުގެ ސިފައާ ވަރަށް ވައްތަރެވެ. ވަރަށް އެއްގޮތެވެ. އިސްލާމީ ޖުމްހޫރިއްޔަތާއި ހުޅަނގުގެ ޖުމްހޫރިއްޔަތުގައިހުރި އެއްގޮތް ކަންތައްތަކަށް ނަޒަރު ހިންގައިލާއިރު މި ދެ ނިޒާމުންކުރެ އެއްވެސް ނިޒާމެއްގައި ޝަޚްޞީ ވެރިކަމަކަށްވެސް ވިރާސީ ވެރިކަމަކަށްވެސް ޖާގައެއް ނެތެވެ. ޢާއިލީ ރަސްކަމާއި ގޮށްމުށު ބާރުގެ ވެރިކަން ޤަބޫލެއް ނުކުރެއެވެ. އިސްލާމީ ވެރިކަމުގެ ނިޒާމުގައި ވަނީ މިބާވަތުގެ ހުރިހައި ނިޒާމުތަކެއް ޤަބޫލު ނުކޮށް ރައްދުކޮށްފައެވެ.
ވެރިކަންކުރުމުގެ އިސްލާމީ ނިޒާމުގައި އިޚްތިޔާރުތަކުގެ މަންބަޢަކީ ވަކި ފަރުދެއް ނޫނެވެ. ވަކި ޚާންދާނެއްވެސް ނޫނެވެ. ޢާންމުންނެއްވެސް ނޫނެވެ. އަދި ކީއްތޯއެވެ. ހުރިހައި އިޚްތިޔާރަކާއި ބާރަކާއި ވެރިކަމެއްވަނީ ކާއިނާތުގެ ޚާލިޤުވަންތަ މާތް اللّــه ގެ ޔަދުޤުދުރަތްޕުޅުގައެވެ. އެކަލާނގެ ޚަލްޤުކުރައްވައިފައިވާ ދުނިޔެ ހިންގާންވީ ކޮންގޮތަކަށްކަން އެންމެ މޮޅަށް ދެނެވޮޑިގެންވަނީ އެކަލާނގެއެވެ. އެކަލާނގެ ހެއްދެވި އިންސާނާއަށް އެންމެ ފައިދާހުރިގޮތާއި އެންމެ ގެއްލުންހުރިގޮތާއި އެންމެ ނުރައްކާތެރިގޮތާއި އެންމެ ސަލާމަތްހުރިގޮތް ދެނެވޮޑިގެންވަނީ އިންސާނާގެ ޚާލިޤެވެ. ވެރިކަމަށް ދަހިވެތިވެ ފެންބޮވައިގެންފައި ހުންނަ ކޮންމެ މީހަކާ ވެރިކަމުގެ ލަގަން ޙަވާލެއް ނުކުރެވޭނެއެވެ. މަގުފޭރޭ ކޮންމެ ލުޓޭރަކަށް އެވެރިކަމުގެ އިޚްތިޔާރުތަކެއް ނުދެވޭނެއެވެ. މިދުނިޔެއަކީ ކަށިކުނބުރު ޖަންގައްޔަކަށްނުވެ މީރުވަސްދުވާ ރީތި ކުލަކުލައިގެ މާތައް ފޮޅޭ މާބަގީޗާއެއްގެ ގޮތުގައި ދެމިއޮންނާނީ އޭރުންނެވެ.
އިސްލާމީ ޖުމްހޫރިއްޔަތާއި ހުޅަނގުގެ ޖުމްހޫރިއްޔަތުގައި ފަރަގެއްވާނަމަ އެފަރަގަކީ އިސްލާމީ ޖުމްހޫރިއްޔަތުގައި ޙާކިމިއްޔަތާއި ފުރަމާނަކަން اللّــه سبحـانــه وتـعــالــى އަށް ޚާއްޞަވެފައިވުމެވެ. ޤާނޫނުތަކުގެ އަސާސަކަށް ވާންޖެހޭނީ މާތް اللّــه ގެ ފޮތްކަމުގައިވުމެވެ. ހުޅަނގުގެ ޖުމްހޫރިއްޔަތުގައި ޙާކިމިއްޔަތު އޮންނަނީ ޢާންމުންގެ އަތްމަތީގައެވެ. ޢާންމުން ބޭނުންވާ ނުވަތަ ރުހޭ ކޮންމެގޮތަކަށް ޤާނޫނު ހެދިދާނެއެވެ.
ޙާކިމިއްޔަތުގެ ވެރިޔަކީ އިންސާނާކަމުގައި ހެދުމުން ލިބޭގެއްލުމަކީ އިންސާނިއްޔަތަށް ގެއްލުންހުރި ގޮތްގޮތަށް ޤާނޫނުތައް ހެދޭގޮތްވުމެވެ. މިސާލެއްގެގޮތުން ވިސްނައިލަމާ ހިންގަވާށެވެ. ރާ އާއި އެނޫންވެސް މަސްތުވާ ތަކެތިން އިންސާނާއަށް ލިބޭ އަފޫރުއްބަ ގެއްލުމަކީ ޙަކީމުންނާއި ޑޮކްޓަރުން އެއްބަސްވާ ކަމެކެވެ. އެކަމަކު ރާ ބުއިމަކީ ދުނިޔޭގެ ވަރަށްގިނަ ޤައުމުތަކެއްގައި ހުއްދަ ކަމެކެވެ. އެތަންތާނގެ އަކްސަރިއްޔަތު ރާ ހުއްދަކުރާން ބޭނުންވާތީއެވެ. ހުޅަނގުގެ ޖުމްހޫރިއްޔާތަކުގައި އެންމެމަތީ ޙުކުމްވެރިކަން އިންސާނުންނަށް ދިނުމުން އަކްސަރިއްޔަތުގެ ތާއީދާއެކު ގެންދަނީ ފިރިހެނުން ފިރިހެނުންނާ އިނުން ހުއްދަ ކުރަމުންނެވެ. އަންހެނުން އަންހެނުންނާ ކާވެނިގެ ގޮށްޖަހައިދެމުންނެވެ. އެކަންކަމަށް ޤާނޫނީ ހުއްދަފަތް ދެމުންނެވެ. ތަމައްދުނީ މައްސަލަތަކުގައިވެސް އިޤްތިޞާދީ މައްސަލަތަކުގައިވެސް އިޖްތިމާޢީ މައްސަލަތަކުގައި އިންސާނުންނަށް ކަނޑައެޅިގެން ގެއްލުންހުރި ކަންކަމަށް ދަނީ ޤާނޫނީ ހުއްދަ ލިބެމުންނެވެ.
ޖުމްހޫރިއްޔަތަކީ ވެރިކަމުގެ ބާވަތެއްކަމުގައިވުމުގެ އިތުރަށް ޚާއްޞަ އަގުތަކެއްގެވެސް ނަމެކެވެ. ދީނާއި ޢަޤީދާގެ މިނިވަންކަމެވެ. ވިސްނުމާއި ފިކުރު ހިންގުމުގެ މިނިވަންކަމެވެ. ޙައްޤުތައް ރައްކާތެރި ކުރެވުމެވެ. އެންމެންގެ މައްޗަށް އެއްހަމަޔަކުން ޤާނޫނު ހިނގުމެވެ. ސަރުކާރުގެ އެންމެ އިސްވެރިޔާއާއި ހުރިހައި ފުރަދާނައިންނާއި ކަންކަމާ ހަވާލުވެތިބޭ އެންމެން އިހްތިސާބުކޮށް ޖަވާބުދާރީ ކުރުވުމެވެ. ސަރުކާރަށް ފާޑުކިޔުމެވެ. އިސްލާމީ ސިޔާސީ ނިޒާމުގައިވަނީ މިހުރިހައި އަގުތަކެއް އެކުލެވިފައެވެ. އެގޮތުން ބަލާއިރު އިސްލާމީ ސިޔާސީ ނިޒާމާއި ޖުމްހޫރިއްޔަތާ ވަރަށް ކައިރިއެވެ.
އިސްލާމީ ނިޒާމުގައި އިޖްތިމާޢިއްޔަތުގެ އަހަންމިއްޔަތު ވަރަށް ބޮޑެވެ. ނަމާދުގައިވެސް އިޖްތިމާޢިއްޔަތު އޮވެއެވެ. ރޯދައިގައިވެސް އިޖްތިމާޢިއްޔަތު އޮވެއެވެ. ދުނިޔޭގެ ހުރިހައި މުސްލިމުން ރޯދަ ހިފަނީ އެއްމަހެއްގައެވެ. އެއް އުސޫލުތަކެއް އަސްލުތަކަކަށް ބަލައިގެންނެވެ. ޒަކާތުގައިވެސް އޮތީ އިޖްތިމާޢިއްޔަތެވެ. އިސްލާމީ ވެރިކަމުގެ ފަރާތުން ޒަކާތް ވާޖިބުވާ މީހުންގެ އަތުން ޒަކާތް ނަގައި ޒަކާތުގެ ޙައްޤުވެރީންގެ މެދުގައި ބަހައިދެއެވެ. ޙައްޖަކީ އިސްލާމްދީނުގެ އިޖްތިމާޢިއްޔަތުގެ ވަރަށްބޮޑު މަޒުހަރެކެވެ. މިދެންނެވި ގޮތްގޮތުން ވިސްނާއިރު އިޖްތިމާޢިއްޔަތަކީ އިސްލާމީ ނިޒާމުގައި ވަރަށް ޚާއްޞަ އަހަންމިއްޔަތެއް ލިބިފައިވާ ކަމެކެވެ. ކޮންމެ މުސްލިމަކުވެސް ޖަމާޢަތާ ގުޅިފައި ހުރުމަކީ އޭނާގެ މައްޗަށް ލާޒިމު ކަމެކެވެ. މުސްލިމުންގެ އަމީރަކު ހުރުން ލާޒިމެވެ. މުސްލިމުން އަމީރަށް ކިޔަމަންވާން ޖެހެއެވެ. އިތުރު ސާހިބާ صلّــى اللّــه عليـه وسلّـم ޙަދީޘުކުރައްވައިފައިވެއެވެ. "ކައިވަތެއްހައި މިންވަރަށް ޖަމާޢަތާ ފެއަށް ޖެހިއްޖެ މީހާ އިސްލާމްދީނުގެ ދާއިރާއިން ބޭރަށް ނުކުމެއްޖެއެވެ." (މަސްނަދު އަޙްމަދު)
ކީރިތި ޤުރްއާނުގައި ވަޙީކުރައްވައިފައިވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން، اللّــه އަށް ކިޔަމަންވާށެވެ! އަދި، ރަސޫލާއަށާއި، ތިޔަބައިމީހުންގެ ތެރެއިން ވެރީންނަށްވެސް ކިޔަމަންވާށެވެ!" (الـنّسـاء: 59)
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު