މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ އެންމެ ކުޑަ ހަރަދަކުން މިހާތަނަށް ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އިވެންޓު ކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވެއްޖެއެވެ.

ދުނިޔޭގެ މަޝްހޫރު ކުޅިވަރު ޝަހްޝިއްޔަތުތައް ރާއްޖެ ގެނެސްގެން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ހަފުލާއަށް ސަރުކާރުގެ ބަޖެޓުން 30 މިލިއަން ހަރަދުކޮށްފައިވާ ކަމަށް ބުނެ އާންމުންގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ.

އެ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން މަހުލޫފު ވިދާޅުވީ، 30 މިލިއަން ރުފިޔާއިން އެފަދަ ހަ އިވެންޓު ބޭއްވޭނެ ކަމަށެވެ. ނަމަވެސް ސްޕޯޓްސް އެވޯޑަށް ދިޔަ ހަރަދުގެ ތަފުސީލެއް ނުދެއްވައެވެ.

"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްއަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ހަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓު. ކުޅިވަރުގެވެސް އެންމެ ބޮޑު، ރާއްޖެ އިޝްތިހާރު ވެގެންދިއުމުގައިވެސް އެންމެ ބޮޑު އިވެންޓު،" މިނިސްޓަރު ވިދާޅުވިއެވެ.

އެވޯޑް ހަފުލާއަށް ޓީޓީ ތަރި ޒޯރާން ޕްރިމޯރަކްއާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑު ސަނަތު ޖަޔަސޫރިޔާއާއި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާއާއި ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްސްގެ ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯއެކު އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ ގެނެސްފައިވެއެވެ.

އޭގެ އިތުރުން ހަފުލާގައި ވޮލީ ލެޖެންޑް ގިލްބާޓޯ ގޮޑޯއި (ގީބާ)، ސެނެގާލް ގައުމީ ޓީމު އަދި ޕީއެސްޖީގެ ކުރީގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާ އަދި މަޝްހޫރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމޭރޯ ވެސް ވަނީ ބައިވެރިވެފައެވެ.