ޚަބަރު

އިންޑިއާއާ އެކު ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލުކުރާނަން: ޔާމީން

އަލީ ޔާމިން

ޕީޕީއެމްގެ ވެރިކަމެއްގައި އިންޑިއާއާ އެކު ރާއްޖެއިން ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލުކުރައްވާނެ ކަމަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޅ. ނައިފަރުގައި މިއަދު ހަވީރު ބޭއްވި "އިންޑިއާ އައުޓް" ހަރަކާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، އިންޑިއާއާ އެކު އެއްބަސްވުމެއް ހަދަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޕީޕީއެމްގެ ވެރިކަމެއްގައި މިހާރު ހަދާފައިވާ ހުރިހާ އެއްބަސްވުމެއް ބާތިލުކުރައްވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަރުކާރެއްގައި ދެން ބަލާކަށް ބޭނުމެއް ނޫން އަޅުގަނޑުމެންނަށް ގެއްލުން ވަނީ ކޮންއެއްޗެއްތޯ. ހުރިހާ އެގްރީމަންޓެއް ބާތިލުކުރާނަން. ހަމަ ހުރިހާ އެގްރީމަންޓެއް ބާތިލު ކުރާނަން. އެއީ އެއްވެސް އެގްރީމަންޓެއް އެ މީހުންނާއެކު ކުރިއަށްދާކަށް އަހަރެމެން ބޭނުމެއް ނޫން،" ރައީސް ޔާމީން ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، 2018ގެ ވެރިކަން ބަދަލުކުރަން ހަރަދު ކުރީ އިންޑިއާއިން ކަމަށާއި މިސަރުކާރުގައި ތިބީ އިންޑިއާގެ އަޅުން ކަމަށެވެ. އަދި އެމީހުންނަށް އިންޑިއާއާ ނުލައި މިއަދު އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ވިދާޅުވިއެވެ.