ކުރިއަށް އޮތް ރޯދަ މަހުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީވުމަށް "މޮމްސް" އިން ހިންގާ "ހެލްޕް އަ ފެމިލީ" ޕްރޮގުރާމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ މުވައްޒަފުން އަސާސީ ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.

ބީއެމްއެލުން ބުނީ އެ އެހީތެރިކަމާ އެކު މޮމްސްގެ ފަރާތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި 100 އާއިލާއަކަށް ކާބޯތަކެތީގެ އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒަށް ވާސިލުވުމަށް އެހީތެރިވެވިގެންދާނެ ކަމަށެވެ.

މޮމްސް ޖަމިއްޔާއިން ބުނީ، މި އެހީއާ އެކު އާއިލާތަކާއި މުޖުތަމައަށް ހެޔޮ ބަދަލު ގެނައުމަށް އެ ޖަމިއްޔާއިން ކުރަމުންދާ މަސައްކަތަށް އިތުރު ހިތްވަރެއް ލިބިގެންދާނެ ކަމަށެވެ.

ބީއެމްއެލުން ވަނީ، އެހީތެރިކަމަށް ބޭނުންވެފައިވާ އާއިލާތަކަށް ރޯދަ މަހު އެހީތެރިވުމަށް މިދިޔަ އަހަރު އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) އަށް 100،000 ރުފިޔާ ހަދިޔާކޮށްފައެވެ. އަދި 2020 ވަނަ އަހަރު ކޮވިޑް-19ގެ ސަބަބުން އެހީއަށް ބޭނުންވާ ކުދިންނަށް އެހީތެރިވުމަށް އާކް އެއިޑް ޕްރޮގްރާމަށް 200،000 ރުފިޔާ ހަދިޔާކޮށްފައިވެއެވެ.

އެ އެހީގެ ދަށުން ރާއްޖޭގެ 14 ރަށެއްގައި ދިރިއުޅޭ 300 އާއިލާއެއްގެ 500 ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނެވެ.