ޖެނުއަރީ 1953 އިން ފެށިގެން، ކުރީގެ ރައީސް އަބުދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަން ނިމުނު، 17 ނޮވެމްބަރު 2018އާ ދެމެދު، ދައުލަތުންނާއި މުއައްސަސާތަކުން ހިންގާފައިވާ އިންސާނީ ހައްގުތަކާއި އަސާސީ މިނިވަންކަމާ ހިލާފު އަމަލުތައް ބަލައި ތަހުގީގުކޮށް ހަގީގަތް ހާމަކޮށް، އިންސާފު ހޯދައިދިނުމަށް ގާނޫނުގެ ދަށުން އުފައްދާފައިވާ އިންތިގާލީ އިންސާފުގެ އޮމްބަޑްސްޕާސަންގެ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކާ ގުޅިގެން ބާއްވާ އާންމު އަޑުއެހުންތައް މިއަދު ފަށައިފިއެވެ.
އެ އޮފީހަށް ހުށަހަޅާފައިވާ މައްސަލަ ތަކުގެ ތެރެއިން، ފުރަތަމަ އާންމު އަޑުއެހުމުގެ ގޮތުގައި މިއަދު ފަށާފައިވަނީ، 1962 ވަނަ އަހަރު ގދ. ތިނަދޫން މީހުން ބޭލި ހާދިސާ އާއި، އެ ހާދިސާގައި އެރަށުގެ ރައްޔިތުންގެ ގެދޮރާއި މުދާ ސަރުކާރަށް ނަގައި މީހުންނަށް ދިން ލާއިންސާނީ އަނިޔާގެ މައްސަލައިގެ އަޑުއެހުންތަކެވެ.
މި އަޑުއެހުންތައް މާލެ އާއި ތިނަދޫގައި ކުރިއަށްގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
މި މައްސަލައިގައި މަދު ފަށާފައި ވަނީ ތިނަދޫގައި ބާއްވާ އަޑުއެހުންތަކެވެ.
މިއަދު ހެނދުނު 9:00 އިން މެންދުރު 12:00 އަށް ކުރިއށްގެންދިޔަ ފުރަތަމަ ދަންފަޅީފައި، އެ ހާދިސާގައި އަނިޔާލިބުނު ތިންމީހަކު ވަނީ އެ މީހުންނަށް ލިބިފައިވާ މައުލޫމާތުތައް ހިއްސާ ކޮށްފައެވެ.
އެވާހަކަތައް ހިއްސާ ކުރުމުގެ ގޮތުން މިއަދު ފުރަތަމަ ބަޔާން ދިނީ، އެ ހާދިސާ ހިނގިއިރު އުމުރުން ތިން އަހަރު ފުރިފައިވާ ގދ. ތިނަދޫ، ތިނަދޫގެ އާދަމް ހުސެއިން (އާދަމްބެ) އެވެ. އޭނާ އެ ވާހަތައް ހިއްސާކުރީ އެ ހާދިސާއާ ގުޅިގެން ސީދާ އަނިޔާ ލިބުނު މީހެއްގެ ހައިސިއްޔަތުންނެވެ.
ބަޔާން ދޭން ފެށުމުގެ ކުރިން އާދަމްބެ ބުނީ، އެ ވާހަކަ ކިޔައިދޭން ބޭނުންވަނީ، އެކަމުން މާބޮޑު ފައިސާ ތަނެއް ހޯދަން ނޫން ކަމަށެވެ. ނަމަވެސް އޭނާ އެވާހަކަތައް ކިޔައިދިނީ އޭނާގެ މަންމަގެ ފަރާތުން ލިބުނު މައުލޫމާތުގެ އަލީގައި ކަމަށެވެ، އޭނާއަށް އެހާދިސާގެ އެއްވެސްކަމެއް ފެނިގެންނެއް ނޫނެވެ.
އޭނާ ބުނީ އޭނާގެ ބޭބެ އާއި ދައްތަ އާއި ކޮއްކޮ ނިޔާވީ އެހާދިސާގެ ސަބަބުން ލިބުނު ނިކަމެތިކަމާއި ޖެހުނު ހާލުން ކަމަށެވެ.
އޭނާގެ މަނަމް ކިޔައިދިން ވާހަކަތަކުން ލިބުނު މައުލޫމާތުގެ އަލީގައި ބަޔާން ދެމުން އާދަންބެ ބުނީ، ރަށުން ފޭބުމަށް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާސިރު ކުރެއްވި އަމުރާ ގުޅިގެން ސިފައިން އަރަށު ގޭގެއަށްވަދެ ފޭރެން ފެށިކަމަށާއި ގޭގެ އާއި އޮޑިހަރުގެ ތަކުގައި ރޯކުރަން ފެށިކަމަށެވެ.
އެމީހުންނަށް ދިމާވިގޮތް ސާފުކޮށްދެމުން އާދަމްގެ ބުނީ، އެ ދުވަހުގެ ހައެއް ޖެހުުގެކުރިން ރަށުން ފޭބުމަށް އެންގުމާ ގުޅިގެން އޭނާގެ މަންމަ މޫދަށް ފޭބީކަމަށާއި ކުޑަ ތާހަކަށްލައި، އެ މަންމަގެ ކޮނޑުމަތީފައި ބަހައްްޓައިގެން ކަމަށެވެ. އެގޮތަށް ކަނޑަށް ފައިބައި އޭނާގެ މަންމަ ފަތަފަތާ އޮއްވައި ކަނދުފައްޗެއްގައި އައިމީހަކު އެމީހުން ސަލާމަތްކުރި ކަމަށްވެސް ބުންނެވެ. އެހިސާބުން ކާޑެއްދުއަށްގޮސް، ދެން ދިޔައީ މަޑަވެއްޔަށް ކަމަށްވެސް އޭނާ ބުންޏެވެ.
ކޮއްކޮ އާއި ބޭބެއަށްފަހު ދައްތަ މަރުވި ހާދިސާ ކިޔައިދެމުން އޭނާ ބުނީ، " ބޯހިޔާވަހިކަމެއްނެތި ކާނެ ބޯނެ ގޮތެއް ނިދާނެ ގޮތެއްނެތި ނިކަމެތި ހާލުގައި މަޑަވެލީގައި ތިބިއިރުގައި، މަގުމަތިންފެންނަ ނާއްޓެއް ހިފައިގެން (އެ ވަރިހަމަ ކިތަންމެ ހަޑި ހުތުރު އެއްޗެއް ހުއްޓަސް) ދައްތަ އަޅުގަނޑު ގޮވައިގެންކޮންމެސް ގެއެއްގެ ދޮށަށް ގޮސް ބުނާނީ ލޮނުކޮޅެއް ދޭށޭ އެއީ ގަރުދިޔަ، އެ ގަރުދިޔަކޮޅު ހިފައިގެން އަޅުގަނޑު ގޮވައިގެންދަނީ މަޑަވެލި ރުއްތަކު ތެރެއަށް، ގޮސް ރުއްރުއްދަށުން ގޮބޮޅި ހޮވައިގެން އަދި އެ ނުލިބުނު ނަމަ، މީދާކައިފަ ހުންނަ ކޮވި ނަގައިގެން އޭގަ ހުން ކިހާއްކޮޅު ދައްތަ އަނގައިން ނައްޓާފަ ޗިސްޗިސްކޮށްފަ އަޅުގަނޑު އަނގައަށް ލަވާފަ ބުނާނެ ކާށޭ ނުކައިފިއްޔާ މަރުވެދާނެއޭ، އެގޮތަށް އެ ކޮވިތައް ކެއުމުގެ ސަބަބުން މީދާ ވިހަވެގެން ދައްތަ ނިޔާވީ،"
ބޭބެވެސް ދިޔައީ ހަމަ އެފަދަ ނިކަމެތި ހާލެއްގައި، ކަމަށާއި، ކޮއްކޮ ނިޔާވުމުންވެސް ކާނެ އެއްޗެއް ނެތިގެން އޭނާގެ މަންމަ ދެވަނަ ފަހަރަށް އޭނާއަށް ގާތުން ދޭންފެށި ކަމަށްވެސް ބުންޏެއެވެ. އެއީ އޭނާގެ ކޮއްކޮ ނިޔާވިއިރު ގާތުން ދެމުން ދިއުމުން މަންމަ އަތުގަ ކިރުހުރިކަމަށާއި ހަތް އަހަރުވަންދެން އޭނާގެ މަންމަ ގާތުން ދިން ކަމަށްވެސް ބުންޏެވެ.
އޭނާބުނީ ތިނަދޫން މީހުން ފޭބުމަށް އަމުރު ކުރުމުގެ ކުރިން އެއްވެސް ތަހުގީގަކާ ނުލައި އޭނާގެ ބައްޕަ ހައްޔަރުކޮށް ރޯނުން ބަނދެ ފަޅުތެރޭގައި އޮތް ދޯންޏެއްގެ ވަތުތެރެއަށް އެއްލައިލައިފައިވާ ކަމަށެވެ. އަދި އެ މައްސަލައިގައި ޝަރީއަތެއް ކުރުމަކާ ނުލައި އޭނާގެ ބައްޕަ 10 އަހަރަށް ޖަލަށްލި ކަމަށްވެސް ބުންޏެވެ.
އޭނާ ބުނީ 1971 ވަނަ އަހަރު ކުރީގެ މައުމޫން ވެރިކަމާ ހަވާލުވެވަޑައިގެން ތިނަދޫން މީހުން ބޭލި މި މައްސަލަ ބެލުމަށް ރައްޔިތުންގެ މަޖިލީހަށް ސިޓީލުމަށް ކުރެއްވި އިއުލާނަކާ ގުޅިގެން 1979 ވަނަ އަހަރު އޭނާގެ ބައްޕަ ސީޓީ ލި ކަމަށެވެ. އެ ސީޓީ ދައްކައިލަމުން އޭނާ ބުނީ އޭނަގެ މަންމައާއި ބައްޕައަކީ ލިޔަންކިޔަން ނޭނގޭ ބައެއްކަމުން އެ ސިޓީ ލިޔެފައިވަނީ މީހަކު ލައްވައި ކަމަށެވެ. އެހެންކަމުން އޭނާގެ މަންމަ ކިޔައިދިން ވާހަކައާ ތަފާތުތަކެއް ސިޓީގައި ހިމެނޭކަމަށާއި، އެ ސިޓީ ފެނުނީ ބައްޕަ ނިޔާވި ފަހުން ކަމަށްވެސް ބުންޏެވެ.
އާދަމްބެ ހުށަހެޅި ބަޔާނާ ގުޅިގެން، ޕެނަލްގައި އިންނެވި ޗީފް އޮމްޕަޑްސްޕާސަން އަބްދުއް ސަލާމް އާރިފް އާދަމް އާ ބައެއް ސުވާލުތައް ކުރެއްވިއެވެ.
އެގޮތުން އެ ހާދިސާގައި، ސަލާމަތީ ބާރުތައް ބޭނުންކޮށްގެން ރައްޔިތުންނާ ދެކޮޅަށް ހަތިޔާރު ބޭނުންކުރިކަން އެނގޭތޯއާއި، މަންޒަރު ފެނުނުތޯ އާއި އެކަމުގައި ހަރަކާތްތެރިވި މީހުންނާބެހޭ މައުލޫމާތު އެނގޭތޯ ސުވާލު ކުރިއެވެ.
އޭރު އޭނާ ކުޑަކަމުން އެކަމާބެހޭ މައުލޫމާތު ލިބިފައިނުވާ ކަމަށް އާދަމްބެ ބުންޏެވެ. ނަމަވެސް، ހާދިސާގައި އެރަށު މީހުންގެ ގަޔަށް ބަޑިޖަހައި މަރައިލިކަމަށް ބުނާ ވާހަކަތަކުގައި ހަގީގަތެއް ވޭތޯ ސުވާލު ކުރުމުން އާދަމްބެ ބުނީ، "އެއީ އަޅުގަނޑުގެ މަންމަގެ ބޮޑުބޭބެ އެއް، (މަންމަ ކިޔާނީ މުންނަގެ ހުސެއިން ބެއްޔާ) މަންމަ ވަރަށް އަސަރާއެކު އެވާހަކަ އަޅުގަނޑުމެނަށް ކިޔައިދީފަ އެބަހުރި، އެއީ ހުސެން ބެއްޔާގެ ބޮލަށް ބަޑިޖަހާ މަރައިލީ އެހެންވީމަ އެއީ ހިނގައިފައޮތް ހާދިސާއެއް،" ކަމަށެވެ.
ރައްޔިތުންގެ މުދާތައް ފޭރިގަތް މައްސަލައާ ބެހޭގޮތުން ސުވާލު ކުރުމުން އާދަމްބެ ބުނީ، އެއީ ހިނގާފައިވާ ކަންތައްތަކެއް ކަމަށެވެ. އެހާދިސާގެ ތެރެއިން އައްނަބީލް އަލް މަރުހޫމް މުހައްމަދު އިމާދުއްދީންގެ ހާޒިރުގައި ސިފައިންގެ ދެބޭފުޅަކު އެ ގެއަށްވަދެ އެ ތިންބޭފުޅުންގެ ހާޒިރުގައި އޭނާގެ މަންމަގެ ފޮއްޓާއި އެގޭގެ ތެރޭގައި ހުރި ތަކެތި ފޭރިގަތް ކަމަށް ބައްޕަގެ ސިޓީގައި ލިޔެފައިވާ ކަމަަށް އޭނާ ބުންޏެވެ. އަދި މީހުންގެ ދޯނިފަހަރާއި އޮޑިހަރުގެ ތަކާއި ގެދޮރުގައި ރޯކުރި މައްސަލައާ ބެހޭގޮތުން ސުވާލު ކުރުމުން އާދަމްބެ ބުނީ، ތިނަދޫން ފޭބުމަށް ކުރި އަމުރާ ގުޅިގެން އެމީހުންގެ މަންމަ އެމީހުން ގޮވައިގެން އަތިރިމައްޗަށް ނުފޭބި އުޅެނިކޮށް، އެ ގޭގައި ރޯކޮށްލިކަމަށް އޭނާގެ މަންމަ ބުނެފައިވާ ކަމަށެވެ. އޭގެ އިތުރުން މީހުންގެ އޮޑިދޯނިފަހަރާއި އޮޑިހަރުގެ ތަކުގައި ރޯކުރިވާހަކަ މައިން ބަފައިންގެ އިތުރުން އެރަށުގެ އެކި މީހުން ކިޔައިދީފައިވާ ކަމަށްވެސް ބުންޏެވެ.
ރަށުން ފޭބުމަށް ދިން ވަގުކޮޅާބެހޭގޮތުން ސުވާލު ކުރުމުން އާދަމްގެ ބުނީ، އަމުރުކުރީ އިރުއޮއްސި ހައެއް ޖެހުމުގެ ކުރިން ފައިބާން ކަމަށާއި، އެ އަމުރުކުރީ ކޮން އިރަކުކަން ނޭނގޭ ކަމަށެވެ. އަދި އެމައުލޫމާތު އޮޅުން ފިލުވައިލެވިފައި ނުވާ ކަމަށްވެސް ބުންޏެވެ. ނަމަވެސް ތިނަދޫން މީހުން ފޭބުމަށް ކުރި އަމުރާ ގުޅިގެން ފަތާފައި ބައެއްމީހުން ގޮސް އެރަށު ކައިރީގައި އޮންނަ މާގޮއްރެހާއަށް އެރި ކަމަށާއި، އޭގެ ތެރޭގައި ހިމެނޭ މާބަނޑޫ މީހުުން އެރަށަށް ވިހެއިކަމަށްވެސް ބުންޏެވެ.
އެރޭ ވެހުނު ބޯ ވާރޭގައި ކުޑަކުދިން ގޮވައިގެން އެ ރަށުގައި މީހުން ތިބިގޮތް ސިފަކޮށްދެމުން އާދަމްބެ ބުނީ، "ވާރޭ ބޯކަމުން ކޮންތާކުތޯ ތިބީ، މަންމަމެން ފިއޮއް ކުކުޅުހެން އެމީހުންގެ އަތުން ކުދިންތައް ވާރެއާ ނިވާކޮށްގެން،" ތިބި ކަމަށެވެ.
އޭނާ ބުނީ އެހާދިސާއާ ގުޅިގެން އޭރުގެ ރައީސް އިބްރާހިމް ނާސިރަށް ދުވަހަކުވެސް މައާފު ނުކުރާނެ ކަމަށެވެ.
"ﷲގެ ހަޒުރަތުގައި މި ދައުވާ ކޮށްފައި ނޫނީ ހުއްޓައެއް ނުލާނަން، އަޅުގަނޑުމެން ކުށްވެރިވާންވީ ސަބަބެއް ބުނެދޭން ޖޭހޭނެ، ކުރި ކުށެވެސް ސާފުކޮށްދޭން ޖެހޭ،"