ވިލިމާލޭ ހޭޅިފަށުން ގަސްތައް ކަނޑާފައިވަނީ އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދައަކާ ނުލައި ކަމަށާއި މި މައްސަލަ ބަލަމުން އަންނަ ކަަމަށް އެ އެޖެންސީން ބުނެފި އެވެ.
ސިޓީ ކައުންސިލުން އެ ސަރަހައްދުން ގަސްތައް ކަނޑާލާފައިވަނީ ފައިބަރު މަސައްކަތް ކުރުމަށް ހާއްސަކުރުމަށް ކަމަށް މައުލޫމާތު ލިބެއެވެ.
ވިލިމާލޭ ހޭޅިފަށުން ގަސްތައް ކަނޑާލި މައްސަލައިގައި އެންމެ ފުރަތަމަ އަޑު އުފުލާފައިވަނީ ވިލިމާލޭގައި ހަރަކާތްތެރިވާ ޖަމިއްޔާއެއް ކަމަށްވާ ސޭވް ދަ ބީޗުންނެވެ. ގަސް ކަނޑާފައި ހުރި ވީޑިއޯއަކާއެކު އެ ޖަމިއްޔާއިން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވިލިމާލޭ ހޭޅިފަށުން ގަސް ކެނޑުމަކީ އެއްވެސް ވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
ވިލިމާލޭ ލޭންޑް ޔޫސް ޕްލޭނާ ގުޅޭ މަޝްވަރާ ބައްދަލުވުމުގައި މިފަދަ އެއްވެސް ކަމެއް ފާހަގަކޮށްފައި ނުވާ ކަމަށާއި އެއްވެސް ހުއްދައެއް ނެތި، އަދި ރައްޔިތުންނާ މަޝްވަރާކުރުމެއް ނެތި، ވިލިމާލޭ ހޭޅިފަށުގެ ގަސްގަހާގެހި މާލޭ ސިޓީ ކައުންސިލުން ހަލާކު ކުރަމުންދާ ކަމަށް އެ ޖަމިއްޔާއިން ވަނީ ބުނެފައެވެ.
"ހީވަނީ އެމީހުން (މާލެ ސިޓީ ކައުންސިލް) ބޭނުންވަނީ މިތާނގައި ބަނދަރެއް ހަދަންހެން. މާލެ ސަރަހައްދުގައި ހަމައެކަނި ގުދުރަތީ ގޮނޑުދޮށެއް އޮންނަނީ ވިލިމާލޭގަ، އެ ބީޗް ހިމާޔަތްކުރޭ!" އެ ޖަމިއްޔާއިން ކުރި ޓުވީޓުގައި ބުނެފައިވެ އެވެ.
މިކަމާ ގުޅިގެން އީޕީއޭގެ ޑިރެކްޓަ ޖެނެރަލް އިބްރާހިމް ނައީމް "ވަން" އަށް މިއަދު ވިދާޅުވީ ވިލިމާލޭ ހޭޅިފަށުން ގަސްތައް ކަނޑާފައިވަނީ އެއްވެސް ހުއްދައެއް ނުހޯދައި ކަމަށެވެ.
ރުށްގަސް ކެނޑުމާ ބެހޭ ގަވާއިދު ބުނާ ގޮތުން މިފަދަ ސަރަހައްދަކުން ގަސްތައް ކެނޑޭނީ އެންވަޔަރެމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ރިޕޯޓެއް ހެދުމަށްފަހު އެވެ. އަދި އީޕީއޭގެ ހުއްދައާއެކު ނޫނީ ގަސްކެނޑުމަކީ މަނާކަމެއް ކަމަށް ގާނޫނު ބުނެއެވެ.
ނައީމް ވިދާޅުވީ ގަސްކެނޑުމުގެ ކުރިން ހަދަން ޖެހޭ އީޕީއޭ ރިޕޯޓުވެސް ސިޓީ ކައުންސިލުން ހަދާފައި ނުވާ ކަމަށާއި ހުއްދައެއްވެސް ހޯދާފައި ނުވާ ކަމަށެވެ. އެހެންކަމުން މި މައްސަލަ އެ އެޖެންސީން ބަލާނެ ކަމަށްވެސް ވިދާޅުވި އެވެ.
"މައްސަލަ ބަލައި ނިމުމުން ފިޔަވަޅު އަޅާން ޖެހޭނަމަ ފިޔަވަޅު އަޅާނަން." އޭނާ ވިދާޅުވި އެވެ.
މިކަމާ ގުޅިގެން ސިޓީ ކައުންސިލްގެ ބަހެއް ހޯދުމަށް މާލޭސިޓީގެ މޭޔަރަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވައިފައި ނުވާތީ ޑެޕއުޓީ މޭޔަރަށްވެސް ގުޅުމުން ވެސް ފޯނަށް ޖަވާބެއް ނުދެއްވައެވެ. އެ ދެބޭފުޅުންނަށާއި އެ ކައުންސިލުގެ މީޑިއާ އޮފިސަރަށް މެސެޖު ކުރުމުން ވެސް މި ހަބަރު ޝާއިއުކުރުމާ ހަމަޔަށް ޖަވާބެއް ލިބިފައެއް ނުވެއެވެ.
ވިލިމާލޭ ހޭޅިފަށުން ގަސް ކެނޑި މައްސަލައެއް ފެންމަތިވެފައިވާއިރު، އައްޑޫސިޓީ ލިންކްރޯޑުގެ ދެފަރާތުގައި ހުރި ރުއްތަކެއް ކެނޑި މައްސަލަވެސް ދާދިފަހުން ވަނީ ފެންމަތިވެފަ އެވެ.
ނައީމު ވިދާޅުވީ ރުއް ކަނޑާފައިވަނީ އީޕީއޭގެ ހުއްދައާއެކު ނަމަވެސް، އެ ރުއްތައް ކަނޑާފައިވަނީ ދިން ހުއްދައާ އެއްގޮތަށް ތޯ ބަލަމުން އަންނަ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު