ރަޝިޔާގައި ބޭނުންކުރެވޭ ހަރުބަހެއް އޮވެއެވެ. ފެތެމުންދާ ސަބްމެރީނަކުން ނުކުމެގެން އަހަރެމެން ދާނީ ކޮންތާކަށް ހެއްޔެވެ. މިބަހުގެ މުރާދަކީ ކަނޑު ނުވެ ނުކުމެގެން ދެވޭނޭ އެއްވެސް ތަނެއް ނޯންނާނެޔޭއެވެ. އޮންނާނީ އެންމެ ގޮތެކެވެ. އަރަގުވެގެން މަރުވުމެވެ. އެވެސް މަރެވެ. މިވެސް މަރެވެ. ސަބްމެރީނުން ނުނިކުމެ އޮތަސް މަރެވެ. ނުކުތަސް މަރެވެ. މިބަހުގެ ތެދުކަން ދާދިފަހަކުން ރަޝިޔާގެ ރައްޔިތުން ވަނީ ތަޖުރިބާވެސް ކޮށްފައެވެ. ރަޝިޔާގެ ނިއުކުލިއަރ ސަބްމެރީނެއް 2000 ވަނަ އަހަރުގެ އޮގަސްޓްމަހު ބާރަ ވަނަ ދުވަހު ފެތުނުއިރު އޭގައި ތިބި 118 ފަޅުވެރިންގެ ތެރެއިން އެކަކުވެސް ސަލާމަތެއް ނުވިއެވެ. ކަނޑުގެ އަޑީގައި އޮންނަ ސަބްމެރީނަކުން ނުކުމެގެން ދެވޭނޭ ތަނެއް ނޯންނާތީ އެއްވެސް މީހަކު ނުކުންނާކަށްވެސް އުޅެފައެއް ނެތެވެ.
ޔުކްރޭނަށް އަރައިގަތުމަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ނިންމެވި ހިސާބުން ރަޝިޔާ ސަރުކާރުވެސް މިހާރު އޮތީ ސަބްމެރީނަކަށް ބަދަލުވެފައެވެ. އެތެރޭގައި ތިބި ބަޔަކު އެތެރޭގައެވެ. ބޭރުގައި އޮތީ ފުން ކަނޑެވެ. ރައްކާތެރިކަން ހޯދުމަށް ނުކުމެގެންދާން އޮތީވެސް ކަނޑެވެ. އެހެންވީމާ އެއްކަލަ މިސާލު ބަހުގެ މަތިން އެންމެންވެސް ވަނީ ހަނދާން ކުރަން ފަށައިފައެވެ. ސަބްމެރީން ފެތުމުގެ ކުރިން މައްޗަށް ގެނެސް ކޮންމެވެސް އަމާން ބަނދަރަކަށް ގެނައުން ލާޒިމެވެ. މިހާރު އުފެދޭ ސުވާލަކީ އެކަން ކުރާނެ ގޮތެކެވެ. ކުރެވޭނެ ގޮތެކެވެ. ސަބްމެރީނުގެ ކެޕްޓަން ބަދަލުނުކޮށް އެކަން ކުރެވޭކަށްވެސް ނެތެވެ. ކެޕްޓަންގެ ވިސްނުމަކީ އޮކްސިޖަން ހުސްވިޔަސް، ކާނާ ހުސްވިޔަސް ކަނޑުގެ އަޑީގައި ދެމިތިބުމެވެ. އަމާން ބަނދަރަކާ ދިމާއަށް މިސްރާބު ޖެހުމުގެ ވިސްނުމެއް ނެތެވެ.
މުޅި ދުނިޔޭގެ ރުހުމާ ޚިލާފަށް ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ވަނީ ރޫސީ ސިފައިން ޔުކްރޭނަށް ފޮނުވައި ބޮޑުވެގެންވާ ހަނގުރާމައެެއް ފަށައިފައެވެ. މިއީ ކޮޅެއް މެދެއް ފެންނަން ނެތް ހަނގުރާމައެކެވެ. ކާމިޔާބު ހޯދޭނެކަމުގެ ކަށަވަރުކަމެއް ނެތް ހަނގުރާމައެކެވެ. މި ހަނގުރާމައިގެ ގެއްލުން ރަޝިޔާއަށް ކިތަންމެހައިވެސް ބޮޑެވެ. އެހެންނަމަވެސް ރައީސް ޕުޓިން އެހުންނެވީ އެންމެ އިންޗިއެއްވެސް ފަހަތަށް ޖެހިވަޑައިގަންނަވާ ގޮތަކަށް ނޫނެވެ. ކުރިއަށް ވަޑައިގަތުން ނޫން މަގެެއްވެސް ސިޔާސީގޮތުން ރައީސް ޕުޓިންއަކަށް ނެތެވެ. މިއީ އޭނާގެ އާރާއި ބާރު ދެމެހެއްޓުމާއި ނެތިދިޔުމާއި ގުޅިފައިވާ ހަނގުރާމައެކެވެ. އެހެންވީމާ ކިތަންމެ ބޮޑު އަގެއް އަދާކޮށްގެންވެސް ވެރިކަމުގައި ދެމިހުންނެވުން ނޫން މަގެއް ނެތެވެ. އެއީ ރަޝިޔާއަށް ގެއްލުން ބޮޑު މަގެކެވެ.
ޔުކްރޭނުގެ ހަނގުރާމައިގެ ޒިންމާ ނަންގަވައި ރައީސް ޕުޓިން އިސްތިއުފާ ދެއްވައިފާނެބާވައެވެ. ތަޖުރިބާކާރުން އިއްތިފާގުވާ ގޮތުގައި އެއީ ރައީސް ޕުޓިން ކުރައްވާނޭ ކަމެއް ނޫނެވެ. އޭނާގެ މިޒާޖާއި ގުޅޭކަމެއްވެސް ނޫނެވެ. އެހެންވީމާ ކޮންމެވެސް ބަޔަކު ޖެހޭނީ ގަދަކަމުން އޭނާ ދުރުކުރާށެވެ. އެކަން ކުރެވޭނެ ތިބީ ދެބަޔެކެވެ. އެއްބަޔަކީ ރަޝިޔާގެ ގާނޫނު ހަދާ މަޖިލީހެވެ. އަނެއް ބަޔަކީ ރަޝިޔާގެ ސިފައިންނެވެ. ގާނޫނީ އިމުގެ ތެރެއިން ރައީސް ޕުޓިން ވެރިކަމުން ދުރުކުރުމުގެ ބާރު ގާނޫނުއަސާސީން ލިބިދެނީ ގާނޫނުހަދާ މަޖިލީހަށެވެ. އެބާރު ގާނޫނީ ގޮތުން ސިފައިންނަކަށް ނެތެވެ. އެކަމަކު ބަޑީގެ ބާރު އޮތީ އެފަރާތަށް ކަމުގައިވާތީ އޭގެ އެހީގައި ވެރިކަން ބަދަލުކުރެވިދާނެއެވެ. ރައީސް ޕުޓިން މަގުން އެކަހެރި ކުރެވިދާނެއެވެ. އެކަމަކު ބަޣާވާތަކުންނެވެ.
ރަޝިޔާގެ ވެރިކަމުން ރައީސް ޕުޓިން ދުރުކުރާކަމަށް ވެއްޖެނަމަ ގާނޫނު ހަދާ މަޖިލީހުގެ ދެގެއިންވެސް މަދުވެގެން ތިންބައިކުޅަ ދެބައިގެ އަޣުލަބިއްޔަތުން އެކަން ފާސްކުރަން ޖެހޭނެއެވެ. ގާނޫނު ހަދާ މަޖިލީހުގެ ތިރީގެޔަކީ 450 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ސްޓޭޓް ޑޫމާއެވެ. މަތީގެޔަކީ 170 ގޮނޑީގެ މައްޗަށް އެކުލެވިގެންވާ ފެޑެރޭޝަން ކައުންސިލެވެ. މީގެ ތެރެއިން ފެޑެރޭޝަން ކައުންސިލްގެ 142 ގޮނޑި ކޮންޓްރޯލް ކުރަނީ ރައީސް ޕުޓިންގެ ޔުނައިޓެޑް ރަޝިޔާ ޕާޓީންނެވެ. ސްޓޭޓް ޑޫމާގެ 325 ގޮނޑިވެސް ކޮންޓްރޯލް ކުރަނީ އެ ޕާޓީންނެވެ. އެހެންވީމާ މި ދެގެއިންކުރެ ގެއެއްގައި ރައީސް ޕުޓިންއާ ދެކޮޅަށް ތިންބައިކުޅަ ދެބައި ކީއްކުރަން އެއްވެސް އަދަދަކުން އެއްވެސް އެއްޗެއް ފާސްކުރުމަކީ މިހާރު ކަންކަން ފެންނަގޮތުން މުސްތަހީލު ކަމެކެވެ.
ރަޝިޔާގެ ސިފައިން ބޭނުންވެއްޖެނަމަ ރައީސް ޕުޓިން ވެރިކަމުން ދުރުކުރެވިދާނެއެވެ. ބަޣާވާތަކުންނެވެ. ގާނޫނުއަސާސީ އިރާލައިފައެވެ. އެކަމަކު ރަޝިޔާގެ ސިފައިންނަކީވެސް ވަކި ބައެއްގެ ބެލުމުގެ ދަށުގައި ވަކި ގޮތަކަށް އޮޕަރޭޓްކުރެވޭ މުއައްސަސާއެކެވެ. ސިފައިން ސިފައިންނަކަށްވަނީ ތަފާތު ޔުނިޓްތަކެއް އެކުވުމުންނެވެ. މިހުރިހާ ޔުނިޓްތަކާއި އެ ޔުނިޓްތަކުގެ ކޮމާންޑަރުންގެ ކަންކަން އަބަދުވެސް އެންމެ ގާތުން ބަލަމުން ގެންދަނީ ފެޑެރަލް ސިކިއުރިޓީ ސާރވިސަސްގެ ފަރާތުންނެވެ. މިއީ ރަޝިޔާގެ ޖާސޫސީ އިދާރާއެވެ. މީން ކޮންމެ ތަނެއްގައިވެސް ތިއްބަވަނީ ރައީސް ޕުޓިންގެ ސީދާ ބެއްލެވުމުގެ ދަށުން އައްޔަން ކުރެވޭ ބޭފުޅުންނެވެ. އެހެންވީމާ ބަޣާވާތެއް ރާވައި ތަންފީޒު ކުރުމަކީ ހަމަ ކުއްލިޔަކަށް ކުރެވޭނޭ ކަމެއް ނޫނެވެ. އެކަމަށް ވަގުތާއި މީހުން ބޭނުންވާނެއެވެ.