މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އަމަލުކުރަމުން އަންނަ އެންފޯސްމަންޓް ޕޮލިސީ އުވާލައި، ޓެކްސް ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށަން މީރާއިން ނިންމައިފިއެވެ.

މީރާއިން ބުނި ގޮތުގައި ކޮވިޑް-19ގެ ސަބަބުން ޓެކްސް ދައްކާ ފަރާތްތަކާއި އާންމު ފަރުދުންގެ ވިޔަފާރިތަކަށް ދިމާވި ހީނަރުކަމަށް ބެލުމަށްފަހު އެ ފަރާތްތަކަށް ދެވުނު ލުޔެއްގެ ގޮތުން، ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި އެންފޯސްމަންޓް ފިޔަވަޅުތައް އެޅުން ވަނީ ހުއްޓާލައިފައެވެ.

ނަމަވެސް އަންނަ މަހުން ފެށިގެން ޓެކުހުގެ ޒިންމާތައް އަދާނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށް މީރާއިން ބުންޏެވެ. އަދި ޓެކްސް ދައްކާ ފަރާތްތައް އެ ފަރާތްތަކުގެ ޓެކުހުގެ އިންތިޒާމުތައް ފުރިހަމައަށް އަދާކުރުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

މީރާއިން ވަނީ ޓެކްސްގެ ގޮތުގައާއި އެހެނިހެން ފައިސާތަކުގެ ތެރެއިން އެ އިދާރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް އަމަލުކުރާނެ ގޮތް ބަޔާންކުރާ ފަސް އުސޫލެއްވެސް އާންމުކޮށްފައެވެ.

  • ޓެކްސް ބަޔާން ހުށަނާޅާ ފަރާތްތަކާ މެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގައި އަމަލުކުރާނެ ގޮތުގެ އާންމު އުސޫލު
  • ޓެކްސް ބަޔާން ހުށަނާޅާ ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
  • އިންސްޓޯލްމަންޓަށް ބަހާލައިގެން ފައިސާ ދެއްކުމުގެ އުސޫލު
  • ބޭންކް އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި، ބޭންކް އެކައުންޓް ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު
  • ޖޫރިމަނާ ލުއިކޮށްދިނުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލު

މީރާއިން އާންމުކޮށް ގެޒެޓުކޮށްފައިވާ އެ ފަސް އުސޫލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެ އުސޫލުތަކަށް އަމަލުކުރަން ފެށުމާއެކު މިހާރު ތަންފީޒުކުރަމުންދާ "މީރާގެ އެންފޯސްމަންޓް ޕޮލިސީ" އުވިގެންދާނެ ކަމަށް އެ އިދާރާ އިން ބުންޏެވެ.