ލުއި ޚަބަރު

މެސެޖަކާއެކު އިންޑިޔާ ކަނޑުގެ ތެރެއަށް ދޫކުރި ފުޅިއެއް 132 އަހަރު ފަހުން ފެނިއްޖެ

4

މީގެ 132 އަހަރު ކުރިން 1886 ވަނަ އަހަރުގެ ޖޫން މަހު 12 ވަނަ ދުވަހު ޖަރުމަނު މީހަކު ފުޅިޔަކަށް ލައިފައި އިންޑިޔާ ކަނޑުގެ ތެރެއަށް މެސެޖެއް ދޫކުރިއެވެ. މިހާތަނަށް އެ ފުޅި އެއްވެސް މީހަކަށް ނުފެނި އޮތުމަށްފަހު އޮސްޓްރޭލިޔާގެ ގޮނޑުދޮށަކުން އެފުޅި ހޮވައި އޭގެތެރޭގައިވާ މެސެޖު އޮސްޓްރޭލިޔާގެ އަންހެނަކު ކިޔައިފިއެވެ.

ތާނިޔާ އިލްމަންއާއި އޭނާގެ އާއިލާއަށް މިފުޅި ފެނުނީ ގޮނޑުދޮށުގައި ހިނގާލަން ނުކުމެ އުޅެނިކޮށެވެ. ފުޅި ފެނުނީ އޮސްޓްރޭލިޔާގެ ސަހަރެއް ކަމަށްވާ ޕާރތާއި ގާތްގަނޑަކަށް 180 ކިލޯމީޓަރު އުތުރުންނެވެ. މިއީ މެސެޖަކާއެކު ދޫކުރި ފުޅިއެެއް ބަޔަކަށް ނުފެނި އެންމެ ގިނަ ދުވަސްވުމުގެ ރިކޯޑެވެ.

އިންޑިޔާ ކަނޑުގެ ތެރެއަށް މެސެޖަކާއެކު ފުޅިއެއް ދޫކުރީ ޖަރުމަންވިލާތުގެ ބޯޓަކުން ދަތުރުކުރި ޖަރުމަން ފަޅުވެރިޔެކެވެ. ޕައުލާ ނަމަކަށް ކިޔުނު މިބޯޓަކީ ކަނޑުގެ އޮއިވަރާއި ދަތުރުފަތުރުގެ އަވަސް މަގުތައް ހޯދައި ދިރާސާކުރުމަށް އެދުވަސްވަރު އިންޑިޔާ ކަނޑުގެ ތެރެއަށް ނުކުމެގެން އުޅުނު ބޯޓެކެވެ. ފުޅީގެ ތެރޭގައިވާ މެސެޖު ލިޔެފައިވަނީ ޖަރުމަން ބަހުންނެވެ. އޭގައިވާގޮތުން ފުޅި ކަނޑަށް ވައްޓައިލީ އެންމެ ގާތުގައިވާ އައްސޭރިޔަށްވުރެ 950 ކިލޯމީޓަރު ބޭރަށެވެ.

މެސެޖުލެވިފައިވާ ފުޅިޔަކީ ނަވާރަވަނަ ސައްތައިގެ ތެރޭގައި ހޮލެންޑުގައި އުފެއްދި ޖިންފުޅިއެކެވެ. މިފުޅިޔާއި މިބޯޓުގެ ދަތުރުގެ ވާހަކަ ޖާމަނީގެ އެޑްމިރަލްޓީގެ ފައިލްތަކުގައި ރައްކާކުރެވިފައިވާތީ މިއީ އަސްލުފުޅިއެއްކަން ވަނީ ކަށަވަރުވެސް ކުރެވިފައެވެ. މިފުޅި ފެނުމާއި ހަމަޔަށް ދުނިޔޭގެ ރިކޯޑު އޮތީ 108 އަހަރު ފަހުން ޖާރމަނީގެ ގޮނޑުދޮށުން ފެނުނު ފުޅިއަކަށެވެ. ސައިންސްވެރިން ގަބޫލުކުރާގޮތުގައި އެންމެ ފަހުން ފެނުނު ފުޅި ކަނޑުގައި އޮންނާނީ ގިނަވެގެން ދެ އަހަރު ދުވަހުއެވެ. އޭގެފަހުން އެފުޅި އޮންނާނީ ގޮނޑުދޮށުގައި ވެލީގެ ތެރޭގައި ފޮރުވިފައެވެ. ދާދިފަހަކުން އައި ތޫފާނެއްގައި ވެލިތައް ކެހިގެންގޮސް ފުޅިވެސް ފެންނަފަށަށް ތިލަވެފައިވާނީއެވެ.