(11 މާޗްގެ އަދަދާ ގުޅޭ)

ދީންވެރި ކެތަލިކް ޢާއިލާއަލުން ދުނިޔެއަށް އައުމާއެކުވެސް ކްރިސްޓިއަން ޢަޤީދާތަކާ މެދު އަޅުގަނޑު ހިތްހަމައެއް ނުޖެހެއެވެ. ޓްރިނިޓީއާއި، މަރިޔަމުގެފާނަކީ ކަލާންގެ މައިކަނބަލުންކަމުގައި ވުމާއި، އިންސާނާއަކީ ދުނިޔެއަށް އުފަންކުރައްވާއިރު ވެސް ފާފަވެރިޔަކަށް ވުމާއި (އާދަމުގެފާނު ކުރެއްވި ފާފައިގެ މަސްއޫލިއްޔަތު އެންމެހައި އާދަމުގެ ދަރީން އުފުލަން ޖެހުމާއި) އިންސާނިއްޔަތު ފާފައިން ސަލާމަތްކުރެއްވުމަށްޓަކައި ޢީސާގެފާނު ޞަލީބަށްއަރައިވަޑައިގަތުމާއި މިކަންކަން އަޅުގަނޑަކަށް ވިސްނައެއް ނުގަނެވުނެވެ. އަޅުގަނޑުގެ ގާތް ތިމާގެ މީހުނާއި މުދައްރިސުންނާ އަޅުގަނޑު އެ ޢަޤީދާތަކާ ބެހޭ ގޮތުން ސުވާލުކުރަމެވެ. އެބޭފުޅުން ޖަވާބުދެއްވަނީ އެއީ ހައްތާވެސް ވަންހަނާގައިވާ ކަންތައްތަކެއް ކަމުގައެވެ. ނަމަވެސް އެކަންކަން ޔަޤީންކުރަން ޖެހޭ ކަމުގައެވެ. އަޅުގަނޑު ބުނަމެވެ. އަޅުގަނޑު މިހިރީ އެކަންތައް ޤަބޫލުކުރަން ތައްޔާރަށެވެ. އެކަމަކު އަޅުގަނޑަށް އެކަންކަން ވިސްނައިގަނެވިގެންނެވެ.

ކުޑަކުއްޖަކު ދުނިޔެއަށް އުފަންކުރެއްވުމާއި އެކުއްޖާ އިންތިހާ ދަރަޖައިގެ ނިކަމެތި ގޮތެއްގައި ޞަލީބަށް އެރުއްވުން ފިޔަވައި އިންސާނިއްޔަތު ކުށުން ބަރީއަކުރެއްވޭނެ އެހެން ގޮތެއް ﷲ ތަޢާލާގެ ޙަޟްރަތުގައި ނެތީބާވައެވެ؟ އިންސާނިއްޔަތަށް ޢަފޫކޮށްދެއްވެން އޮތް ހަމައެކަނި ގޮތަކީ އެއީބާވައެވެ؟ އަޅުގަނޑަށް ޤަބޫލު ނުކުރެވޭ އެހެން ދަޢުވާއެއްވެސް ކްރިސްޓިއަނުން ކުރަމުން ގެންދެއެވެ. އެދަޢުވާއަކީ ކްރިސްޓިއަނިޓީ އަކީ ލޯބީގެ މައްޗަށް ބިނާވެފައިވާ ދީނެއް ކަމުގައި ކުރާ ދަޢުވާއެވެ. ކްރިސްޓިއަނުން ކުރެ ގިނަ މީހުންގެ ޢަމަލުތައް ހުންނަނީ އޭގެ އިދިކޮޅަށެވެ. އަނެއްކޮޅުން އިސްލާމްދީނުގެ ޢަޤީދާތަކާއި އެދީނުގެ އުނގަންނައިދިނުންތައް އަޅުގަނޑަށް ފެނުނީ ހެއްކާއި ދަލީލުތައް ފުރިހަމަޔަށް ދެއްކޭނެ ކަންތައްތަކެއްގެ ގޮތުގައެވެ.

ޖަރުމަނުވިލާތުން އިބްތިދާއީ ތަޢުލީމު ޙާޞިލުކުރުމަށްފަހު މަތީ ތަޢުލީމު ޙާޞިލުކުރުމަށްޓަކައި އަޅުގަނޑު ދިޔައީ އެމެރިކާއަށެވެ. އެމެރިކާގައި ހުރިއިރު އަޅުގަނޑު ސަމާޖިއްޔާތު (ސޯޝިއޮލޮޖީ)ވެސް ކިޔެވީމެވެ. އެދުވަސްވަރު ވަރަށް ގިނަ ދުވަސްދުވަހުގެ ހަވީރު އަޅުގަނޑު މަގުމަތީން ދުއްވާ ކާރުތަކުން ލިފުޓު ހޯދަމެވެ. ވަރަށް ގިނަ ތަންތަން ބަލަންގޮސް އުޅެމެވެ. އެއްދުވަހަކު އަޅުގަނޑު އިން ކާރު އެހެން ކާރަކާ މުޑިއެރިއެވެ. އެއީ ވަރަށް ނުރައްކާތެރި ޙާދިޘާ އެކެވެ. ނަމަވެސް އަރަހުށި މާތް ﷲ ގެ ރަޙްމަތްފުޅުން އަޅުގަނޑު ސަލާމަތްކުރެއްވިއެވެ. އެ ޙާދިޘާގެ ތެރޭގައި ޑޮކްޓަރެއް އަޅުގަނޑާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "މާތް ﷲ ކަލޭގެ ކިބައިން ކޮންމެވެސް މުހިންމު މުހުތާދެއް ފުރިހަމަކުރައްވަން އިރާދަކުރައްވަނީ ކަމުގައިވެދާނެއެވެ. އެހެން ނޫންނަމަ މިޙާދިޘާގައި ކަލޭ ސަލާމަތްވުމަކީ އެއްވެސް ވަރެއްގެ އެކަށޭނަ ކަމެއް އޮތް ކަމެއް ނޫނެވެ." އެޙާދިޘާގެ ސަބަބުންވެސް އަޅުގަނޑަށް ޔަޤީންވީ މި ދުނިޔޭގައި ހިނގާ ކޮންމެ ކަމެއް ހިނގަމުންދަނީ މާތް ﷲ ގެ މިންވަރުފުޅާ އެއްގޮތަށް ކަމެވެ.

ދުވަސްތަކެއްގެ ފަހުން އަޅުގަނޑުގެ ޕްރޮސްޓޭޓް ގްލޭންޑުގައި މައްސަލައެއް އުފެދުނެވެ. އެކަން ހޯދައިގަނެވުނީ އަޅުގަނޑު ޖަރްމަންވިލާތުގެ ޚާރިޖީ ޚިދުމަތުގެ ދާއިރާގައި ހިމެނުނު ފަހުންނެވެ. އޭރު އޮތީ އަޅުގަނޑު ސަޢޫދީ ޢަރަބިއްޔާއަށް ފޮނުވަން ހަމަޖެހިފައެވެ. އަޅުގަނޑުގެ ޞިއްޙީ އިމްތިޙާނުތައް ހެދުނެވެ. އެންމެ ފުރަތަމަ އިމްތިޙާނުތަކަށްފަހު ޑަކްޓަރުން އެންގީ އަޅުގަނޑުގެ ބައްޔަކީ ކެންސަރ ކަމުގައި ވެދާނެ ކަމަށެވެ. ނަމަވެސް އެކަން ޙަޤީޤަތަކަށް ނުވިއެވެ. އަޅުގަނޑުގެ ކުރީގެ ކެތަލިކް އަންހެނުން ވަނީ ކެންސަރު ބަލީގައި މަރުވެފައެވެ. އެކަމަކުވެސް އަޅުގަނޑު ފިރުކުބޮޑެއް ނުވެއެވެ. މާތް ﷲ އަށް އިތުބާރުކުރުމާއެކު ކެތްތެރިކަމުގައި ސާބިތުވެ ހުރީމެވެ. ހަމައެފަދައިން ދިމާވި ޞިއްޙީ އެހެން މައްސަލައެއްގައި އަޅުގަނޑު އެއް ކިޑުނީއިން ވެސް މަޙްރޫމުވިއެވެ. އޭރުވެސް އަޅުގަނޑު ވިސްނީ އަޅުގަނޑު އެއް ކިޑްނީއިން މަޙްރޫމްވާން ޖެހޭ ފަދަ ބައްޔެއް ޖައްސަވައި އެއް ކިޑުނީ ގެންދެވުމުގައިވެސް ކޮންމެސް އިލާހީ މަސްލަޙަތެއް އޮންނާނެ ކަމަށެވެ.

ޚާރިޖީ ޚިދުމަތުގެ ދާއިރާއިން އަޅުގަނޑަށް އަލްޖީރިޔާއަށް ދާންޖެހުނެވެ. އެފަހަރު އަޅުގަނޑު އަލްޖީރިޔާއަށް ދިޔައީ ޚާއްޞަ މިޝަނެއްގައެވެ. އެދުވަސްވަރު އަލްޖީރިޔާ އޮތީ ފަރަންސޭސި އިސްތިޢުމާރުގެ ދަށުގައެވެ. ފަރަންސޭސީން ގެންދިޔައީ އަލްޖީރިޔާގެ ރައްޔިތުންނަށް ބަޔާންވެސް ނުކުރެވޭ ފަދަ ބޮޑެތި އަނިޔާތައް ދެމުންނެވެ. ކޮންމެ މަހަކުވެސް އަލްޖީރިޔާގެ ހާހަކަށްވުރެ ގިނަ ރައްޔިތުން ފަރަންސޭސި ސިފައިންގެ ވަޒަންތަކުން ތޮރުފި ހަލަނިތަކަކަށް ވަމުން ދިޔައެވެ. އެނގިވަޑައިގަންނަވާނޭ ފަދައިން އަލްޖީރިޔާ މިނިވަންވީ ފަސްދޮޅަހުގެ އަހަރުތަކުގައެވެ.

އެ ދުވަސްވަރު އެއްދުވަހަކު އަޅުގަނޑު ދަތުރުކުރި ޓެކްސީއެއްގެ ޑްރައިވަރު ވާހަކަދެއްކިއެވެ. "އަޅުގަނޑުމެންގެ އާބާދީގައި ދިހަ މިލިއަން މީހުން އެބަތިއްބެވެ. ފަރަންސޭސީން އޭގެ ތެރެއިން މިލިއަނެއް ދެމިލިއަނެއްހައި މީހުން މަރައިލިކަމުގައި ވިޔަސް އަޅުގަނޑުމެން މިނިވަންކަމުގެ ދަޢުވާ ހުއްޓައެއް ނުލާނޫއެވެ. ކެތްތެރިކަމާއި، ސާބިތުކަމާއި، މާތް ﷲ އަށް ކުރާ އިޢުތިމާދު އެކަލާނގެ ވާގިފުޅާއެކު ދޫކޮށެއް ނުލާނޫއެވެ." އަލްޖީރިޔާގެ ރައްޔިތުންގެ ނުގުޑާފަދަ އީމާންކަމާއި، ކެރުމާއި، ހިތްވަރާއި ސާބިތުކަމުން އަޅުގަނޑަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ. އަލްޖީރިޔާގެ ރައްޔިތުން އެފަދަ ބަޔަކަށް ހެދި ދީނެއްގެ ސިއްރު ހޯދަން އަޅުގަނޑު ޝައުޤުވެރި ވިއެވެ. އަލްޖީރިޔާގެ މީހުންނަށް އެފަދަ ބުންވަރަކާއި ފަންވަރެއް ހޯދައިދިނީ ކީރިތި ޤުރްއާނެވެ. އެހެންކަމުން ޤުރްއާން ކިޔަވަން އަޅުގަނޑު ބޭނުންވިއެވެ. އަލްޖީރިޔާއިން ވެސް އަޅުގަނޑަށް ފެނުނީ ކެތަލިކް ކްރިސްޓިއަނެއްގެ ޙައިޘިއްޔަތުން، ﷲ އާއި، ވަޙީއާއި، އާޚިރަތް ދުވަހާއި، މަލާއިކަތުންނާއި އަޚުލާޤީ އުޞޫލުތަކާމެދު އަޅުގަނޑުވެސް ޤަބޫލުކުރާ ކަހަލަ ޢަޤީދާތަކެއް އަލްޖީރިޔާގެ މުސްލިމުން ވެސް ޤަބޫލުކުރާ ކަމުގައެވެ.

އިސްވެ ދެންނެވި ޙާދިޘާ ހިނގިތާ މާގިނަ ދުވަހެއް ނުވެ ރަމަޟާން މަސް އަތުވެއްޖެއެވެ. އަޅުގަނޑު ޤުރްއާން ކިޔަވަން ބޭނުންވިއެވެ. އެކަމަށްޓަކައި ޢަރަބި ބަސް އުނގެނޭންވެސް ޖެހެއެވެ. އަޅުގަނޑަށް ލިބުނީ ކީރިތި ޤުރްއާނުގެ ފަރަންސޭސި ބަހުގެ ތަރުޖަމާއެކެވެ. އެތަރުޖަމާއަކީ މާރަނގަޅު ތަރުޖަމާއެއްވެސް ނޫނެވެ. އެކަމަކުވެސް އެތަރުޖަމާއިން އަޅުގަނޑަށް ވަރަށް ބޮޑަށް އަސަރު ކުރުވިއެވެ. ކީރިތި ޤުރްއާން މުޠާލިޢާކުރުމުގެ ތެރޭގައި އަޅުގަނޑަށް އަންނަނިވި އާޔަތް ފާހަގަކުރެވުނެވެ:

"އަދި ފާފަވެރި އެއްވެސް ނަފުސެއް އެހެން ނަފުސެއްގެ ފާފައެއް ނުއުފުއްލާނެތެވެ." (އަލްއިސްރާޢު: 15)

އަޅުގަނޑު އެއާޔަތާ މެދު ވިސްނަމުން ގެންދިޔައީމެވެ. އެއްފަހަރަކު އަލްޖީރިޔާގެ ދެކުނުގެ ކަދުރު ރުއްބާލެއްގައި އުޅެމުން އެތަނުން ދިމާވި މީހަކު ކުރެން އަޅުގަނޑު އެއާޔަތުގެ މަޠުލަބާމެދު ސުވާލުކުރީމެވެ. އޭނާ ބުންޏެވެ. "އެއާޔަތަކީ ދެމީހެއްގެ ދެމެދުގައި ކުރެވޭ މުޢާމަލާތެއްގެ މައްޗަށް އަލިއަޅުވާ އާޔަތެކެވެ. އަދި ހަމަ އެޔާއެކު އިސްލާމްދީނުގެ އަސާސީ އުޞޫލެއްވެސް ބަޔާންކޮށްދޭ އާޔަތެކެވެ. އިސްލާމްދީނުގައި ވާ ގޮތުން އެއްވެސް މީހަކު އަނެކަކު ކުރާ ފާފަޔަކަށް ޒިންމާވާކަށެއް ނުޖެހޭނެއެވެ." އަޅުގަނޑު ވިސްނައިލީމެވެ. އެހެންވީއިރު އާދަމްގެފާނު ކުރެއްވި ފާފައެއް ނަގުލުވަމުން އެހެނިހެން އިންސާނުންނާ ހަމަޔަކަށެއް ނާންނާނެއެވެ. ކޮންމެ އިންސާނަކީވެސް ޚުދު އެމީހެއްގެ ޢަމަލުތަކަށް ޒިންމާ ވާން ޖެހޭނެ މީހެކެވެ. އަނެއް ކޮޅުން މާތް ﷲ އާއި އެކަލާނގެ އަޅާ އާ ދެމެދު އެއްވެސް އިތުރު ވަސީލަތަކަށް ބޭނުމެއް ނުވާނެއެވެ. މި މަޢުލޫމާތުގެ އަލީގައި އަޅުގަނޑަށް އެނގި ކަށަވަރުވީ ކްރިސްޓިއަނިޓީގެ މުޅި ޢިމާރާތް ބިނާވެފައި ވަނީ ޚިޔާލީ ވާހަކަތަކެއްގެ މައްޗަށް ކަމެވެ.

އެހައިތަނުން އަޅުގަނޑަށް އިޙްސާސްވީ ޙަޤީޤަތުގައި ޚިޔާލު ތަނަވަސް ބަޔަކީވެސް ތެދުވެރި މުސްލިމުން ކަމެވެ. ކޮންމެ މުސްލިމަކީ ޒިންމާދާރު މީހެކެވެ. ކްރިސްޓިއަނިޓީއާ މެދުވެސް މުސްލިމުންގެ ތެރޭގައި އެއްވެސް ކަހަލަ ސަރަޙައްދީ ތަޢައްޞުބެއް ނޯވެއެވެ. ކޮންމެއަކަސް އެކަކު އަނެކެއްގެ ފާފައިގެ ޒިންމާ އުފުލަން ނުޖެހޭނެ ކަމަށް ކީރިތި ޤުރްއާނުގައި އަންގަވައިފައިވާ އެންގެވުމުން އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ވަރަށް ފުން އަސަރުތަކެއް ކުރުވިއެވެ. އަނެއްކޮޅުން ކްރިސްޓިއަން ދީނުގައި ވަނީ އާދަމުގެފާނު ކުރެއްވި ފާފަ މުޅި އިންސާނިއްޔަތަށް ނަގުލުވަމުން އަންނަ ކަމުގައެވެ. އެންމެން އެކަމުގެ ޒިންމާ އުފުލަން ޖެހޭނެ ކަމުގައެވެ. ޢީސާ ޢަލައިހިއްސަލާމް އެންމެހައި މީސްތަކުގެ ފާފައިގެ ބުރަ އުފުއްލެވި ކަމުގައެވެ. ފާފައިން ސަލާމަތްވުމާއި، ފާފަވެރި ގޮތުގައި އުފަންވުމާ މެދު އަޅުގަނޑަށް ޙައްލުނުކުރެވިގެން އުޅުނު އަރަތް ކީރިތި ޤުރްއާނުގެ ސަބަބުން އަޅުގަނޑަށް ޙައްލުވެއްޖެއެވެ. އަލްހަމްދު ލިއްﷲ އެވެ. އަޅުގަނޑު ހިތުން އިސްލާމްދީން ޤަބޫލުކޮށްފީމެވެ.

އެހައިތަނުން އަޅުގަނޑު އިސްލާމްދީން މުޠާލިޢާކުރަން ފަށައިފީމެވެ. ބުޚާރީއާއި މުސްލިމާއި، އަބޫދާއޫދާއި ތިރުމިޒީ އާއި އެނޫންވެސް ޙަދީޘު ފޮތްތައް ކިޔައި ވިސްނައި ހެދީމެވެ. އިބްނު ކަޘީރުގެ ތަފްސީރާއި، އިމާމު ޠަބަރީގެ ތާރީޚާއި އިބްނު ސީނާއާއި، އިބްނު ރުޝްދުގެ ފޮތްތަކާއި އިބްނު ޚުލްދޫންގެ ލިޔުއްވުންތައް މުޠާލިޢާ ކުރީމެވެ. އިސްލާމްދީން އައީ އަޅުގަނޑުގެ ހިތާއި ސިކުނޑީގައި ބިންވަޅުނެގެމުންނެވެ. އެދުވަސްވަރު އަޅުގަނޑަށް އިޙުސާސް ވަމުން ދިޔައީ ކާބަފައިންގެ ދީން ދޫކޮށް އަޅުގަނޑަށް އެހެން ދީނަކާ ދިމާޔަށް ދެވޭ ކަމަކަށެއްނޫނެވެ. އަދި ކީއްތޯއެވެ؟ އަޅުގަނޑަށް އިޙުސާސް ކުރެވެނީ އެތައް ދުވަހަކު ބޭރުގައި އުޅެފައި އަމިއްލަ ގެޔަށް އެނބުރި އާދެވޭހެންނެވެ. އަޅުގަނޑަށް މަގުއޮޅިގެން އުޅެވެނިކޮށް އަޅުގަނޑުގެ އަޞްލު މަންޒިލް ފެންނަން ފެށިހެންނެވެ.

އަޅުގަނޑުގެ ދަރިފުޅަށް އަށާރަ އަހަރު ފުރުނީ އެދުވަސްވަރުގައެވެ. އަޅުގަނޑު އޭނާ ގާތު ބުނީމެވެ:

"ދަރިފުޅަށް އަށާރައަހަރުފުރޭ ދުވަހު ބައްޕަ ދަރިފުޅަށް ވަރަށް ޚާއްޞަ ހަދިޔާއެއް ދޭނަމެވެ. އެ ހަދިޔާއަކީ މާއްދީ ގޮތުން ބަލާއިރު މާ އަގުބޮޑު އެއްޗަކަށް ނުވެދާނެއެވެ. ނަމަވެސް އެހަދިޔާ ވާނީ ވަރަށްވެސް އަގުބޮޑު ހަދިޔާއަކަށެވެ. އެ ހަދިޔާ ވާނީ މިހާތަނަށް ބައްޕަގެ ޙަޔާތުގައި ކުރެވުނު ތަޖުރިބާތަކާއި، ހޯދުނު ހޯދުންތަކާއި، ބައްޕައަށް ފޯރި އެކިއެކި އަސަރުތަކުގެ ޚުލާޞާ ކަމުގައެވެ." ޢަޤީދާއާ ބެހޭ ގޮތުން އަޅުގަނޑު ވިސްނުން ހިންގި ގޮތާއި އަޅުގަނޑަށް އާދެވުނު ނަތީޖާ ސާދަ ޞަފްޙާގެ މަޒުމޫނެއްގެ ސިފައިގައި އެކުލަވައިލައި އަޅުގަނޑުގެ ދަރިފުޅުގެ އަށާރަވަނަ އުފަން ދުވަހުގެ ހަދިޔާއަކަށް އޭނާއަށް ދިނީމެވެ.

1980 ވަނަ އަހަރު ޖަރުމަންވިލާތުގެ ޚާރިޖިއްޔާއިން އިސްލާމްދީނުގެ މައުޟޫޢުގައި ސެމިނާރެއް ބޭއްވިއެވެ. އެ ސެމިނާރަށް އަޅުގަނޑު އެ މަޒުމޫނު ހުށަހެޅީމެވެ. އެ ސެމިނާރުގެ މަޤްޞަދަކީ ޖަރުމަންވިލާތުގެ ސަފީރުންނަށް އިސްލާމްދީނާއި، އިސްލާމީ ޤައުމުތަކުގެ ޙާލަތާއި، ކަންހިނގާ މަގު އޮޅުންފިލުވައިދިނުމެވެ. އެ ދުވަސްވަރު މިޞުރުގެ އިމާމަކާ އަޅުގަނޑާ ބައްދަލުވިއެވެ. އަޅުގަނޑު އޭނާއަށް އަޅުގަނޑުގެ މަޒުމޫނު ބައްލަވާލައްވަން އެރުވީމެވެ. އޭނާ އެ މަޒުމޫނު ވިދާޅުވުމަށްފަހު އަޅުގަނޑު ގާތު ވިދާޅުވިއެވެ.

(ނުނިމޭ)