މޯލްޑިވްސް ބޮޑީބޯޑިން އެސޯސިއޭޝަން (އެމްބީބީއޭ)ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

އެމްބީބީއޭއާއެކު މިއަދު ދިރާގުން ސޮއިކުރި އެއްބަސްވުމުގައި ސޮއިކުރުން އޮތީ ދިރާގުގެ ހެޑްއޮފީހުގައެވެ. މިއަދު ބޭއްވި އެއްބަސްވުމުގައި ދިރާގުން ސޮއިކުރެއްވީ ސީނިއާ މެނޭޖަރު ބްރޭންޑް އެންޑް މާކެޓިން މިރުޝާން ހަސަނެވެ. އެމްބީބީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް އަބްދުﷲ އަރީފް (ފުކޫ) އެވެ.

އެމްބީބީއޭއިން މިއަދު ގައުމީ ބޮޑީބޯޑިން ލީގެއް ތައާރަފުކުރަން ނިންމާފައިވާ އިރު، އެ ލީގުގެ އެންމެ ފުރަތަމަ މުބާރާތް އޮންނާނީ މިމަހުގެ 20 އިން ފެށިގެން 30 އަށެވެ. އެ މުބާރާތް އޮންނާނީ ރާޅުގަނޑުގައެވެ. އެ މުބާރާތުގައި ޑިޖިޓަލް ސްކޯރިން ސިސްޓަމެއް ބޭނުންކުރަން އެމްބީބީއޭއިން ނިންމާފައިވާ އިރު، އެކަމުގައި އެހީތެރިވެދޭނީ ދިރާގުންނެވެ. އެއީ ޑިޖިޓަލް ޕާޓްނަރެއްގެ ގޮތުގައެވެ.

މިއަދުގެ އެއްބަސްވުމާއެކު މިރުޝާން ވިދާޅުވީ ރާއްޖޭގައި ބޮޑީބޯޑިން ފުޅާކުރުމުގައި އެމްބީބީއޭއިން ކުރާ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ދިރާގަށް ލިބޭ އުފަލެއް ކަމަށެވެ.

އެމްބީބީއޭގެ ރައީސް ފުކޫ ވިދާޅުވީ ދިރާގު ފަދަ ސްޓޭކް ހޯލްޑަރުންނާއެކު ބޮޑީބޯޑިން އިތުރު ހަރުފަތަކަށް ގެންދިއުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެމްބީބީއޭއިން މިއަހަރަށް ތައާރަފުކުރި ލީގުގައި އަންހެނުންނަށް ހާއްސަ ޑިވިޝަނެއް ހިމެނިފައިވެއެވެ.