ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން ޕޭމަންޓް ހިދުމަތް ދިނުމުގެ ލައިސަންސް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން އިތުރު ހަތަރު ކުންފުންޏަކަށް މިއަދު ދީފިއެވެ.

އެ ލައިސަންސް އެމްއެމްއޭ އިން ދިނީ ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސްއާއި ޕޭޔާ ޕްރައިވެޓް ލިމިޓެޑް އަދި ފަހި ޕޭ އަށެވެ.

މި ހަތަރު ކުންފުނިން ވެސް ދޭނީ ތަފާތު ހިދުމަތެވެ. އެގޮތުން ވީޓީޓީ ފައިނޭންސް އާއި ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސްއަށް ޕޭމަންޓް މުއާމަލާތައް އެކުއަޔާ ކުރުމުގެ ލައިސަންސް ދީފައިވާ އިރު، ޕޭޔާ ޕްރައިވެޓް ލިމިޓެޑާއި ފަހި ޕޭއަށް ދީފައިވަނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ލައިސަންސެވެ.

މި ލައިސަންސްގެ ދަށުން ވީޓީޓީ ފައިނޭންސް ޕްރައިވެޓް ލިމިޓެޑުން އަދި ގްލޯބަލް ޕޭމަންޓްސް އޭޝިއާ-ޕެސިފިކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުން ދިނުމަށް ނިންމާފައިވާ ޕޭމަންޓް މުއާމަލާތްތައް އެކުއަޔާ ކުރުމުގެ ހިދުމަތަކީ މީގެ ކުރިން އެމްއެމްއޭއިން ދޫކޮށްފައިވާ ހުއްދައެއްގެ ދަށުން ދެމުން އަންނަ ހިދުމަތެކެވެ.

ގައުމީ ޕޭމަންޓް ސިސްޓަމް ގާނޫނުގެ ދަށުން މިހާތަނަށް މަރުކަޒީ ބޭންކުން ވަނީ ހަ ކުންފުންޏަކަށް ޕޭމަންޓް ހިދުމަތް ދޭން ލައިސަންސް ދޫކޮށްފައެވެ. އެ ހަ ކުންފުންޏަށް ލައިސަންސް ދިނުމުގެ ކުރިން އެންމެ ފުރަތަމަ އެ އިދާރާއިން ލައިސަންސް ދީފައިވަނީ އުރީދޫ އާއި ދިރާގަށެވެ.

ދިރާގަށް ދީފައިވަނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ލައިސަންސެވެ. އަދި އުރީދޫއަށް ދިނީ އިލެކްޓްރޯނިކް ފައިސާ ދޫކުރުމުގެ ހިދުމަތާއި ރެމިޓަންސް ހިދުމަތުގެ ލައިސަންސެވެ.