ވާހަކަ

ކުރުވާހަކަ: ޑޮކްޓަރު

މަރިޔަމް ޝަފާ އިބްރާހިމް

ހަބަރުތަކުގެ ފަލަ ސުރުހީ އަދިވެސް ލޯމަތިން ކެހިގެނެއް ނުދެއެވެ. ހަމަކުއްލިއަކަށް އެވަރުގެ ބޮޑު ކަމެއް ނުހަނު ރީތި، މޮޅު، އެހާމެ ޒަމާނީ އަންހެންކުއްޖަކު ކުރަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ ނުލާހިކު މުއްސަނދި މޮޅު އާއިލާއެއްގެ ގަދަރުވެރި ބައްޕައަކާއި މޮޅު، ޝާހީ ލޭ ހިނގާ މަންމައެއްގެ އިން ހަމަ އެންމެ އަންހެންދަރިފުޅެކެވެ. އެކަމަކު ދުނިޔޭގެ ހުރިހާ މޮޅަކާއި ފަހުރެއް ލިބިފައި އޮތުމާއެކުވެސް އެންމެ ނަވާރަ އަހަރުގެ ޅައުމުރުގައި އެކުއްޖާ ކޮށްލި ކަމަކުން މުޅި ގައުމުވެސް އެއް އަޑަކުން އެވާހަކަ ދައްކަން އެ ޖެހެނީ ސަބަބެއް ނޭނގޭތީއެވެ. އަތުގެ މައިނާރު ކަނޑާލަން ކެރޭނީ ވަރަށް ބިރުކުޑަ ޖެހިލުންވެސް ކުޑަ ކުއްޖަކަށްވީމައެވެ.

ކުރިމަތީގައި އޮތް ފައިލު ނަގައިގެން ސަނާހު އޭގެ ގަނޑުތައް އުކަން ފެށިއެވެ. ލޮލުގައި އޮތް ނަންބަރު އައިނު ރަނގަޅު ކުރަމުންނެވެ، ގަނޑަކަށްފަހު ގަނޑެއް އުކެމުން ދިޔައިރު ކޮންމެ ގަނޑަކާއެކު ސަނާހުގެ ނިއްކުރިއަށް އަރަމުންދިޔަ ކުދިރޫތައްވެސް އިތުރުވަމުންދިޔަ ކަހަލައެވެ. އޭނާގެ ލޮލުގެ ކަޅި އަވަސްހަލުވި މިނެއްގައި ކޮންމެ ގަނޑެއްވެސް ކިޔަމުން ދިޔައިރު އެއާކޮންޑިޝަންގެ އެންމެ ބާރުމިނުގައި ހުރި ފިނިކަމުގައިވެސް ދާހިއްލަމުން ދިޔައެވެ.

މިއަދު އޭނާގެ ޑިއުޓީ ނެތީ ހަމަ ނަސީބަކަށެވެ. އެހެންނޫންނަމަ ހޮސްޕިޓަލުގައި އޭނާއަށް މިޑިއުޓީގައި އެމަންޒަރު ގާތުން ބަލަން ޖެހުނީހެވެ. އަދި އެކަން އޭނައަކަށް ފަސޭހައެއްވެސް ނުވާނެއެވެ. ޑޮކްޓަރުންގެ ދައުރު ނިމުމަށްފަހު ފުލުހުން އާއިލާއަށް ޔަގީން ހަބަރު ދިނީ ކުޑައިރުކޮޅެއް ކުރިންނެވެ. އޭރުއްސުރެ ނޫސްތަކުން ޓީވީ ރޭޑިޔޯތަކުން ތަފާތު އެކި ރިޕޯޓުތައް ކިޔަން ފަށައިފިއެވެ. ސުރުހީތަކަށް ތަފުސީލުތައް އަންނަން ފަށައިފިއެވެ.

"ސަނާހު.."

އެކޮޓަރީގެ ދޮރުހުޅުވާލާފައި ވަންނަމުން ގޮވާލި މީހާއަށް ސަނާހު ކަޅި އުފުލާލާފައި ބަލައިލިއެވެ. ކުރިމަތީގައި ހުރީ އޭނާގެ އަނބިމީހާއެވެ. ވޭތުވެދިޔަ ވިހި އަހަރުގެ އޭނާގެ ބައިވެރިޔާއެވެ. އަދަބުއަހުލާގު ރަނގަޅު ފަސް ދަރިންގެ މަންމައެވެ. ދުވަހަކުވެސް އެއްވެސް ކަމެއްގައި އޭނާއަށް ޝަކުވާ ކުރާނެ ފުރުސަތެއް ނުދޭތާ އަމިއްލައަށް ޝަކުވާއެއް ނުވެސް ކުރާ އަދަބުވެރި ބައިވެރިޔާއެވެ. މިއެންމެ މޭޒަކާއި ގޮދަޑިގަނޑެއް ފިޔަވައި އެހެން އެއްވެސް އެއްޗެއް ނެތް ކޮޓަރިގަނޑު ފުރިހަމަ ގެއަކަށް ހެދި ގެވެހި އަންހެންމީހާއެވެ.

"ކޮފީ..."

ރަމްލާ ހިފައިގެން އައި ދުންއަރައަރާ ހުރި ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުން ހިނިތުންވެލިއެވެ. ސާޅީސްއަހަރުގައިވެސް ރަމްލާއަކީ އަދިވެސް ފަންސަވީހަކަށް އަހަރުގެ އަންހެނަކަށް ދޫނުކުރާ ވަރުގެ ރީތި ސިއްހަތުރަނގަޅު ހަށިގަނޑެއްގެ ވެރިއެކެވެ. ސަނާހުއަށް އެންމެ ފުރަތަމަވެސް ރަމްލާގެ ގައިން އަޅައިގަތީ ރަމްލާގެ ބައްޓަން ރީތި ހަށިގަނޑުގައޭ ބުނުމަކީ ދޮގެއް ނޫނެވެ. އެކަމަކު މިހާރު އެހަށިގަނޑު ބަދަލުވިޔަސް އޭނާއަކަށް ރަމްލާ ހުތުރެއް ނުވާނެއެވެ. އަދި ވަރިއެއްވެސް ނުކުރެވޭނެއެވެ. ސަބަބަކީ ރަމްލާ ކަހަލަ ދެވަނަ އަންހެނަކު އޭނާއަށް ލިބިދާނެކަމަކަށް އޭނާއަށް ގަބޫލު ނުކުރެވޭތީއެވެ. ރަމްލާގެ ގައިގައި މަދު އެއްވެސް ކަމެއް ނެތެވެ. ވަރަށް ހޯދަހޯދާވެސް ރަމްލާގެ ގައިން އެފަދަ އުނިކަމެއް މިއަދާ ހަމައަކަށް ފެނިފައެއް ނެތެވެ.

"ކަޅިޖަހާނުލައި ތިބަލަނީ އަހަރެން މިއަދު މާކަޅީދޯ...އެހެންވާނެއެއްނު. ކުދިން ގޮވައިގެން މޫދަށް ދާން މަޖުބޫރުވިއްޔަ. މަ ނުގޮސް ބަހަނާ ދައްކައިފިއްޔާ ސަނާހަކަށް ތިހެން ނީނދެވޭނެ.."

ރަމްލާއަށް އޭނާ ބުނެދޭނީ ކިހިނެއް ހެއްޔެވެ؟ އޭނާ ރަމްލާއަށް އެބަލަނީ މިވެނި ކަމެއް ވެގެނޭ ބުނާނީ ކޮން ދުލަކުން ހެއްޔެވެ. އެވާހަކަ ބުނެވެން ނޯންނާނެކަން ހިތަށް އެރުމުން ސަނާހު އަވަހަށް ހީނލިއެވެ. އަދި ރަމްލާގެ އުނަގަނޑުގައި ހިފައި ކައިރިއަށް ޖައްސާލިއެވެ. މިވަގުތުކޮޅުވެސް އޭނާ ރަމްލާއަށް އެއްވެސް ވަރެއްގެ ކުޑަކުޑަވިޔަސް ހާސްކަމެއް ދެރައެއް ދޭކަށް ބޭނުމެއް ނޫނެވެ. އެއީ ދުވަހެއްގައިވެސް އޭނާ ނުކުރާނެ ކަމެކެވެ.

ރަމްލާ ހިނގައްޖެއެވެ. އިރުއޮއްސެންވާއިރަށް ހަގު ދެބެން ސްކޫލަށް ގެންދަން ޖެހޭތީ ތައްޔާރުކުރުމަށެވެ. ދޮށްޓަށް ތިބި ތިން އަންހެންދަރިންގެ ތެރެއިން ދޮށީ މަންޖެ އޭލެވެލްގެ ފުރަތަމަ އިމްތިހާނަށް ތައްޔާރުވަނީއެވެ.

ދެން ތިބީ އެއްމާބަނޑު ދެކުދީންނެވެ. ދެކުދިންވެސް މިއަހަރު އެކުދިންގެ ސާނަވީ ފަހު އަހަރުގައި ކިޔަވަނީއެވެ. އެންމެ ހަގު، ފަސްއަހަރުގެ ފިރިހެންދަރިފުޅާއި އޭނާއަށްވުރެ ދެއަހަރު ދޮށީ ބޭބެ މިދުވަސްކޮޅު، ފެތުމުގެ މުބާރަތަކަށް ތައްޔާރުވަނީއެވެ. ހުރިހާ ކުދިންގެވެސް އެންމެ ގާތް ރަހްމަތްތެރިއަކީ ރަމްލާއެވެ. މަންމައަށް ކިޔައިނުދެވޭނެ ވާހަކައެއް ނޯންނާނެއެވެ. ކިތަންމެ ބޮޑުވިޔަސް ދޮށީ ދެކުދިންވެސް ކިރިޔާ ހުސްވަގުތެއް ލިބުނަސް ރަމްލާއާއެކު އެވަގުތުކޮޅު ހޭދަކުރެއެވެ. އެކުދިން މަންމައާއެކު އުޅުމުގައާއި ވާހަކަދެއްކުމުގައި ފަހަރެއްގައިވެސް ފޫއްސެއްވެސް ނުވެއެވެ.

މޭޒުމަތީގައި ހުރި ކޮފީތަށި ނަގައި ތުނބުގައި ޖައްސައި އެތިފޮދެއްގެ ރަހަ ބަލައިލިއެވެ. ރަމްލާއެކޭ އެއްގޮތަށް ރަމްލާގެ އަތުން ތައްޔާރު ކުރާ ކޮންމެ އެއްޗެއްގެވެސް ރަހަ ވަރަށް ރަނގަޅުވެފައި މީރެވެ. މޭޒުމަތީގައި ހުރި ފޯނު ރިންގުވާން ފެށީ އެވަގުތުއެވެ. ކޯލްއައިޑީއަށް އަރާފައި އޮތް ނަން ފެނުމުން ވާން އުޅެނީ ކީއްކަން ކޮންމެވެސް ވަރަކަށް އެނގުނެވެ.

"ކަލޭ ތިއިންނަނީ ވަރަށް ހަމަޖެހިގެންދޯ...ޒިންމާ ނަގަންޖެހޭނެ...ކުރިންވެސް އަހަރެން ބުނީމެއްނު."

އެކޮޅުން އިވުނީ ފިރިހެން އަޑެކެވެ. ރުންކުރުވެފައިވާ ރުޅިވެރިއަޑެކެވެ. ވާހަކަދެއްކީއޭ ބުނުމަށްވުރެ ރަނގަޅު ވާނީ ހަޅޭއްލަވައިގަތީއޭ ބުނިއްޔާއެވެ.

ސަނާހު ހައިރާންވެފައި ފޯނުގެ އަތްގަނޑު އެއް ކަންފަތުން އަނެއް ކަންފަތަށް ބަދަލުކޮށްލިއެވެ. އަޖައިއިބެއް ނުވާނެ ހެއްޔެވެ. އޭނާ ޒިންމާ ނަގަންވީ ކޮންކަމަކާ ހެއްޔެވެ. އެކޮޅުން ވާހަކަ އެދައްކާ އޭނާގެ އެކުވެރިޔާ އަދި އޭނަގެ ޕާސަނަލް ސެކްރެޓަރީ މޮޔަގޮވަނީ ނޫންބާވައެވެ؟

"މަށެއް މޮޔައެއް ނުގޮވަން... މަށަށްވެސް ދެންމެ ހަބަރު މިފެނުނީ... އެއާއިލާގެ އެންމެންނަ ސުވާލު ކުރާނެ.. ކޮންމެވެސް އެކަކަށް ކަލޭގެ ވާހަކަ ކިޔައިނުދީ އޮންނާނެހެން ހީވޭތަ..؟ އެވަރުވީއިރު ކޮންމެވެސް މީހަކަށް އޭނަ އޮންނާނީ ކިޔައިދީފަކަން ޔަގީން، ކަލޭގެ ކަންތަކޭ، އެވަރަށް މަބުނީމަވެސް ހަމަ ކަލޭ ބޭނުން ގޮތަކަށް ނިންމާލީ..."

ދަރިފުޅާއި އަނބިމީހާ ގޮވައިގެން ހަފުތާއެއްގެ ދަތުރެއްގައި މިވަގުތު އިންޑިޔާގައި ހުރި ނަދީމަކީ ސަނާހު ކުލިނިކު ހުޅުވިދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް ސަނާހުގެ ހަމައެކަނި ސެކްރެޓަރީއެއް ނޫނެވެ. އޭނާގެ ވަރަށް ކުރިއްސުރެވެސް ގާތް އެކުވެރިއެއްމެއެވެ.

ސަނާހު އެތެރެހަށީގެ ހާއްސަ ޑޮކްޓަރަކަށް އައިޖީއެމްއެޗުގައި އުޅޭތާ ފަސްއަހަރުފަހުން އަމިއްލަ ކުލިނިކެއް ހުޅުވީ އިތުރުގަޑީގައި މަސައްކަތް ކުރުމާއެކު އިތުރަށް އާމްދަނީ ހޯދުމަށެވެ. އެންމެ އާދައިގެ މީހަކަށްވެސް އަތްފޯރާވަރަށް ހިދުމަތްތަކުގެ އަގު ބެހެއްޓުމަށް މަސައްކަތް ކުރާއިރު އަވަސް އެންމެ ފެންވަރުރަނގަޅު ހިދުމަތްދިނުމަކީ ސަނާހުގެ އަޒުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މިހާތަނަށް އޭނާގެ ކުލިނިކުން ހިދުމަތް ހޯދި އެއްވެސް ފަރާތެއްގެ ޝަކުވާ އައިސްފައެއް ނުވެއެވެ.

ނަދީމު ފޯނު ބޭއްވީ އެތައް ވަރަކަށް އަޑުލައިލައިފައެވެ. އެކަމަކު ނަދީމުގެ އެރުޅިވެރި ބަސްތަކަށް އޭނާ ދޭނީ ވަކި އިތުރު ކޮން ޖަވަބެއްހެއްޔެވެ. އެކަމަކު ނަދީމު އެބުނި ބިރުވެރި ކަންތައް ދިމާވާން ގިނައިރުތަކެއްވެސް ނުނެގިއެވެ. ފުލުހުންގެ ކޯލު އައީ ހަމަ ހައެއްކަ މިނިޓް ފަހުންނެވެ.

"ހޮސްޕިޓަލުގެ ރިކޯޑުތައް ބުނާގޮތުންނަމަ ކިއާރާ ތައްޔިބު ޑޮކްޓަރ ސަނާހުގެ ފަރުވާގައި އައިސީޔޫގައި ދެހަފުތާވަންދެން ބޭއްވިފައިވޭ.. އޭގެ ތިންމަސްފަހުން ރޭފަތިހު ކިއާރާ އަމިއްލައަށް މި މަރުވީ... އަޅުގަނޑުމެނަށް ކިއާރާގެ އާއިލާއިން އެދުނީ މިކަހަލަ އެއްވެސް ކަމެއްގެ އެއްވެސް ކަހަލަ ވާހަކައެއް ކިއާރާ ދެއްކިތޯ ނުވަތަ އެކަހަލަ ކަމެއްގެ ހިލަމެއްވެސް ކިއާރާގެ ފަރާތުން ފެނިފަވޭތޯ އަހަން.."

އެސުވާލަށް ސަނާހު ދޭނީ ވަކިކޮން ޖަވާބެއް ހެއްޔެވެ؟ ކިއާރާއަކީ އޭނާގެ ޕޭޝަންޓެއްކަން ޔަގީނެވެ. އެކަމަކު އެބުނާފަދަ އެއްވެސް ކަމެއް ކިޔާރާގެ ފަރާތުން ނުފެނެއެވެ. ގަދަ ހުމެއްއައިސް ފުއްޕާމޭ އިންފެކްޓުވުމުން އައިސީޔޫގައި ބާއްވަން ޖެހުނީއެވެ. ކިއާރާގެ ޑޮކްޓަރަކީ ސަނާހު ނަމަވެސް ސައިކޭޓްރިސްޓަކީ އޭނައެއް ނޫނެވެ.

އެކޯލު ނިމިއްޖެއެވެ. އެކަމަކު ސަނާހަށް ހާސްކަމަކާއި ވިސްނާނެ ބުރައެއް ޖައްސާފައެވެ.

ޑޮކްޓަރުންގެ ތަހުގީގު ކުރިއަށްދާނެއެވެ. އެތައް ވާހަކަތަކެއް ހޯދައި ބަލާނެއެވެ. އެކަމަކު ކިތަންމެ ހޯދިޔަސް ކިއާރާ މީގެ ދެރޭ ކުރިން ތަނަކަށް ދިޔަކަމާ އެތަނަކުން ދިމާވީ ކީއްކަން ނުވަތަ ކޮންބައެއްކަން އެނގޭނޭ އެއްވެސް ގޮތެއް ނޯންނާނެއެވެ. އެހެނީ އެމަންޒަރު ފެނުނު ބަޔަކު ނުތިބޭނެތީއެވެ. އަދި އެކަން ދެނެހުރި މީހުންގެ ތެރެއިން އެކަކީ ހުދު ކިއާރާއެވެ. އަދި އަނެއްދެމީހުން އެވާހަކަ ނުދައްކާނެއެވެ. އެއީ ދެމީހުންވެސް އެމަޅީގައި ބެދެން ބޭނުން ނުވާތީއެވެ.

ސަނާހު ގޮނޑީގައި ނުގޮތަކަށް އިށީނދެ އެއްކަލަ ފައިލު ހުޅުވާލިއެވެ. މިއީ ކިއާރާގެ ރެކޯޑު ހުރި ފައިލެވެ. މިކުލިނިކަށް ދެފަހަރަކު ކިއާރާ ވަނީ ދައްކައިފައެވެ. އެކަމަކު މީގެ ދެރޭ ކުރިން ކިއާރާ ކުލިނިކަށް ގުޅިއެވެ. އެކޯލު ފުލުހުންނަކަށް ނުހޯދޭނެއެވެ. އަދި ދެން އެކޯލަށްފަހު ވީގޮތެއްވެސް ނުހޯދޭނެއެވެ.

ސަނާހު ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ކިއާރާ ފުރަތަމަ ފެނުނު ދުވަހު ސަނާހަށްވެސް އިންސާނަކަށް ވީތީ ހިތުގެ އަޑިން ތައުރީފު ކުރެވުނެވެ. މާޝާﷲ. އެއީ ރީތި ކުއްޖެކެވެ. އެހާ ފެޝަންވެފައި ލޯބިވެތިގޮތެއް ހުއްޓެވެ. އެކަމަކު ސަނާހަށް ކިއާރާ ފެނުނީ އަމިއްލަ ދަރިއެއްގެ ގޮތުގައެވެ. ވާނީވެސް އެހެންތާއެވެ. އެއުމުރަށްދާ ދަރިފުޅަކު އޭނާގެ އެބަހުއްޓެވެ. ހަމައެހެންމެ އޭނާގެ އުމުރު ފަންސާހާ ގާތްވަނީވިއްޔާއެވެ.

އެހެނިހެން ބަލިމީހުންނެކޭ އެއްގޮތަށް ކިއާރާއަށްވެސް ސަނާހު ހިތީ ބަލިމީހަކަށް ޑޮކްޓަރަކު ހިތާ ހިތުމެވެ. ދެރަކަމަކީ ކިއާރާއަށް އޭނާއާމެދު ދެކެވުނީ ޑޮކްޓަރަކާމެދު ދެކެން ޖެހޭ ގޮތަށްވުރެ ގާތްކޮށްކަމެވެ.

އަނތްބަކާ ދަރިއަކާ ބެހޭ ގޮތުން ކިއާރާ ސުވާލެއްވެސް ނުކުރެއެވެ. އަދި އޭނާ ޖަވާބެއްވެސް ނުދެއެވެ. އެއީ އެހާ ނަތީޖާ ގޯސްވެދާނެ ކަމެއްކަމަކަށް ސަނާހު ފަހަރެއްގައިވެސް ހިއެއް ނުކުރެއެވެ.

"މަށަކަށް ކޮންކަމެއްތަ؟ މިއޮތީ ނިދާފައޭ..."

ސަނާހަށް ނަދީމުގެ ކޯލު އައީ ދަންވަރު ދޭއްޖަހާ ބޮޑުވިފަހުންނެވެ. ނަދީމު ކުރީ އާދޭހެވެ. އިންސާނިއްޔަތަށްޓަކައި އެހީވުމަށް އެދި ކުރީ އިލްތިމާސްއެކެވެ. ޑޮކްޓަރަކަށްވީތީއެއް ނޫނެވެ. އިންސާނަކަށް ވީތީ އޭނާ އެކޯލަށް ވާހަކަ ދެއްކިއެވެ. ދެން ޖެހުނީ އެއަށްވުރެ ބޮޑު ކަމަކާއެވެ.

ނިދާފައި އޮތް އަންހެނުންގެ އަތް މޭމަތިން ނަގައި ދުރުގައި ބޭއްވުމަށްފަހު ސަނާހު ތެދުވިއެވެ. ފުރަތަމަ ފަހަރަށް އަނބިމީހާގެ އަތުގެ ތެރެއަށް އޮޅުވާޅުމުގެ ނިޔަތުގައި ބާލީހެއް ލެއްވުމަށްފަހު އެނދުން ފައިބައިގެން ގޮސް ނިދާ ހެދުމުން އާދައިގެ ޓީޝާޓަކަށް ބަދަލުވެލިއެވެ. އަދި މަގަށް ނުކުމެ ކާރަށް އަރައި ބާރުދުވެއްޔެއްގައި ލޮނުޒިޔާރަތްކޮޅާ ހަމައަށް ދިޔައެވެ.

ނަދީމު ފަކީރު ހުރީ ގޮތް ހުސްވެފައެވެ. އާދޭސްކޮށްކޮށް ވަރުބަލިވެފައެވެ. މިމޮޔަ އަންހެންކުއްޖާ ބުނި ބުނުމަކަށް މިތަނަށް އާދެވުނު މޮޔަހީވެފައެވެ.

ސަނާހު ދިނީ ނަސޭހަތެވެ. އެކަށީގެންނުވާ ކަންތަކަށް އެދުމުގެ ބޭނުމެއް ނެތްކަމަށް ވިސްނައިދިނެވެ. ކިތަންމެ މަސައްކަތެއް ކުރިއަސް އެނޫން ޖަވާބެއް ދެވެން ނެތްކަމަށްވެސް ސަނާހު ބުންޏެވެ.

ކިއަރާ ހުރީ ގޮތްދޫކުރާކަހަލަ ގޮތަކަށް ނޫނެވެ. "ކީއްވެގެން ކިއާ މީ ކުޑަކުއްޖެއް ނޫނޭ. ކިއާ އަކަށް އެއްވެސް ފިލްމަކުންވެސް ޑޮކްޓަރުކަހަލަ ރީތި ފިރިހެނެއް ނުފެނޭ. ކިއާ ބޭނުމީ ހަމައެކަނި މެރީ ކުރަން. ކިއާ އަށް ވަރިހަމަ ހަތަރުވަނަ އަންބަކަށް ވާން ޖެހުނަސް، ދިހަ ދަރިންގެ ދޮންމަންމައަކަށް ވާން ޖެހުނަސް ފަރުވާލެއް ނެތް...ކިއާ ހަމައެކަނި ބޭނުމީ ޑޮކްގެ ވައިފްއަކަށް ވާން."

ކިއާރާއަށް ވިސްނައިދިނުމުގައި ސަނާހު ވަރުބަލިވާވަރުވީއެވެ. އެންމެ ފަހުން އެންމެ މޮޅު ގޮތް ކިއާރާ ހިޔާރުކުރިއެވެ. ސަނާހުގެ އާނބަސް ނުލިބުނިއްޔާ ހަމައެދިމާލުން ކަނޑަށް ފުންމާލާނެކަމަށާއި ކިއާރާއަށް ފަތަންވެސް ނޭނގޭ ކަމަށް ބުންޏެވެ. ނަދީމު ވިސްނައިދިނީ ސަނާހުއަށް އިންސާނިއްޔަތަށްޓަކައިވެސް ކިއާރާއަށް އާނބަސް ބުނުމަށެވެ. ކިއާރާ ނަދީމަށް ގުޅީ ނަދީމުގެ އަންހެންދަރިފުޅު މެދުވެރިކޮށެވެ. ނަދީމުގެ އަންހެން ދަރިފުޅާ ކިއާރާއާ ދެއަންހެންކުދިންނަކީ ކޮންމެވެސް ވަރެއްގެ ގާތް ދެއެކުވެރިންނެވެ. އެހެންނަމަވެސް ނަދީމުގެ އަންހެންދަރިފުޅަކަށްވެސް ބައްޕައަށް ކުލިނިކު ކަމެއްގައި ގުޅަންކަމަށް ބުނެ ކިއާރާ އެދުވަހު ހެނދުނު ހޯދި ނަންބަރުން ބައްޕަމެނަށް މިވަރުގެ ބިރެއް ދައްކާނެކަމެއް އެނގިފައެއް ނެތެވެ.

"އެހެންވިއްޔާ ދެން އޯކޭ..ކިއާ މިދަނީ..ގުޑްބައި.." ފުންމާލަން ފަރިވެލި ކިއާރާގެ އަތުގައި ހިފައި ސަނާހަށް ދަމައިގަނެވުނީ ހަމަކިރިޔާއެވެ. ކިއާރާ ލައިގެން ހުރި ފައިވާން އޮތީ ވިއްސައިގެންގޮސް ރާޅުތަކުގެތެރޭގައެވެ. ސަނާހުގެ މުޅި އުމުރުގައިވެސް އިތުރު އަންހެނަކު އޭނާގެ މޭގައި ލައްގަނެގަތް ފުރަތަމަ ފަހަރަކީ އެއީއެވެ. އެކަމަކު އެކަމުން އެހެން އާވާރާ ފިރިހެނުންހެން އޭނާގެ އިހުސާސްތަކުގައި ބާނި އުފެދި ހަށިގަނޑަކަށް ރާޅެއްވެސް ނާރައެވެ. މިމޮޔަ އަންހެންކުއްޖާ ދެކެ އޭނާއައީ ރުޅިއެވެ.

"މިހާރު ތިދަނީ މާމައްޗަށް. ޕޮލިހަށް މިގުޅަނީ. އޭރުން ވާނެ ގޮތް އެނގެއެއްނުދޯ. މެލޭޝިޔާކަހަލަ ތަންތަނުގައި ތިކަހަލަ ސިކުނޑިހަމަނުޖެހޭ ކުދިންނަށް ފަރުވާދޭ ތަންތަން ހުރެއެއްނު. އަހަރެން ލިޔެފަދޭނީ އެންމެ ލިޔުމެއް. ކިއާރާގެ މަންމަމެން ބޭބެމެން ތެޅިފޮޅިގެންފަ ކިއާރާ ގެންގޮސް އެއިން ތަނަކަށް ލާފާނެ. އޭރުން އެނގޭނެ ފަންސާސްއަހަރުގެ މީހަކާ ހެދި އުޅެވުނީ ހަމަމޮޔަކަމުން ސޭކުކަމުންކަން."

ކިއާރާއަށް މިފަހަރު ވިސްނިއްޖެއެވެ. ބަސްއަހައިގެން ސަނާހުގެ ކާރުގެ ކުރީ ސީޓުގައި އިށީނެވެ. ކިއާރާ ގެންގޮސް ގޭގެ ދޮރާށިން އެތެރެއަށް ވަނުމުން ސަނާހާއި ފަހަތުސީޓުގައި އިން ނަދީމު ބޮޑު މާނޭވާއެއްލިއެވެ. "ނަސީބު ތިކުޅިވަރު ބަލަން ނުހުރެ މިރޭ ފަތިހު މަފުރަން ޖެހޭކަން." ސަނާހު އަނގައިންވެސް ނުބުނެއެވެ. ނަދީމު ގެއަށް ލާފައި ގެއަށްގޮސް ސަނާހު ކާރު ބާއްވާފައި އިރުކޮޅެއް ވަންދެން ކާރުތެރޭގައި އިނެވެ. ދެން ކާރުން ފައިބައިގެން ގޮސް ގެއަށް ވަދެ އަމިއްލަ ކޮޓަރިއަށް ދިޔައީ ރަމްލާއަށް އެވާހަކަ ކިޔައިދޭނެ އިބާރާތެއް ވިސްނަމުންނެވެ. ނަމަވެސް އޭނާ ނުކުމެގެން ދިޔައިރުވެސް އޮތް ގޮތަށް ރަމްލާ އޮތީ ދެންވެސް ނިދައިފައެވެ.

އިރުއޮއްސި ރޭގަނޑުގެ ހަބަރުގަޑި ޖެހިއްޖެއެވެ. ބޮޑު ސުރުހީއަކަށް އެރީ ގައުމުގެ ނާއިބުރައީސުގެ އެއްބަނޑުއެއްބަފާ ދައްތައާއި ރަނުގެ ވިޔަފާރިވެރިޔާ ތޮއްޔިބު ރައްޒާގުގެ އިން ހަމައެކަނި އަންހެންދަރިފުޅު ކިއާރާ ތޮއްޔިބު އަމިއްލައަށް މަރުވާން ޖެހުނު ސަބަބެއް ކަމަށް ލަފާކުރެވުނު ކަންތައް ޔަގީން ކުރެވުނު ވާހަކައެވެ. މިސުރުހީގެ އަޑާއެކު ސޯފާގައި އިން ސަނާހުއަށް ބަދިގޭ ކާމޭޒުމައްޗަށް ތަށިތައް އަރުވަން ހުރި ރަމްލާއަށް ބަލައިލެވުނެވެ. އެކަމަކު ރަމްލާގެ ސަމާލުކަން ހުރީ ކުރަމުން ދިޔަ މަސައްކަތަށް އެކަންޏެވެ.

ހަބަރުގައި ކިއާރާ އޭނާ ވަރަށް ބޭނުންވެގެން މެރީކުރަން ބޭނުންވި މީހަކާ ކައިވެނިކުރަން ބައްޕަމެން އެއްބަސްނުވުމުން އަމިއްލައަށް މަރުވީކަމަށް ބުންޏެވެ. ކިއާރާގެ މައިންބަފައިން ބުނި ގޮތުގައި ކިއާރާ އެދެއްކީ ހަމަޖެހޭ ވާހަކައެއް ނޫނެވެ. ފިލްމުތަކުގައާއި ލަވަތަކުގައި އަދި ޑުރާމާތަކުގައި އުޅޭ އިނގިރޭސި ބަތަލު، އެންޓޯނިއޯ ބެންޑެރަސްއާ ކައިވެނިކުރަން ބޮޑާ ހޭކި އިރު މިއީ މިހިސާބަށް ދާ ވަރުގެ ސީރިއަސްކަމެއް ކަމެއް އާއިލާއިން ހީވެސްނުކުރެއެވެ.

ހަބަރު ނިމި އެންމެން ކާމޭޒުދޮށަށް އައުމަށް ގޮވި އިރުވެސް ގޭތެރޭގައި އެއްވެސް ކުއްޖަކު އެހަބަރަކަށް ސަމާލުކަމެއް ނުދެއެވެ. އެއްގޮތަކީ އެކުދިން އެކިކަންކަމުގައި ތިބުމުން އަޅައިނުލެވި އަޑު ނީވުމެވެ. އަނެއް ގޮތަކީ އެއީ އެކުދިންގެ ހިޔާލާ މުޅިން ތަފާތު ފިކުރެއްގެ މައްސަލައަކަށްވީމަ އެކުދިންނަށް އެވާހަކަ ދައްކަން މުހިންމުނޫނީއެވެ.

ރޭގަނޑުގެ ހުރިހާ ކަމެއް ނިމިގެން އެންމެންހެން އެމީހެއްގެ އަރާމު ތަންމައްޗަށް ހިނގައްޖެއެވެ.

ނިދާހެދުން ލައިގެން އިސްތަށިގަނޑަށް ހުޅިއެއް ޖަހަމުން އައިސް އެނދުގައި އިށީނދެ އާދައިގެ މަތިން ރަމްލާ ސަނާހުގެ އަތުގައި ހިފާލިއެވެ. އަދި ސަމާސާއެއް ކޮށްލުމާއެކު އޮށޯވެލިއެވެ. އަބަދުގެވެސް އާދައިގެ މަތިން ފިރިމީހާގެ މޭގައި ބޯއަޅާލިއެވެ. ބުރަ ދުވާލެއްގެ، ޒިންމާދާރު ގެވެހި އަނތްބެއްގެ އިތުރުން ހަރުދަނާ މަންމައެއްގެ ރޯލު އަދާކޮށްފައި ވަރުބަލިވެގެން އައިސް އޮށޯވެލިއިރި ރަމްލާގެ އެސްފިޔަތައް ދިޔައީ ނިންޖަށް ވަރުދެރަވެ މޯޅިވަމުންނެވެ.

"ހޫމް....ކޮންމެވެސް މީހަކު ބުނި މަރުވެގެން އެގޮވާ އަންހެންމަންޖެ އެއީ ސަނާހުގެ ޕޭޝަންޓެކޭ..." ރަނގަޅަށް ސަނާހުގެ މޭގެތެރެއަށް ގެބިގަންނަމުން ރަމްލާ ނިދިބަރުވެފައިވާ އަޑަކުން ބުނެލި އެޖުމްލައާއެކު ސަނާހަށް ތެޅިގަނެވުނެވެ. އެހެންނަމަވެސް އަވަހަށް ހަމަޖެހިލާފައި، ސުވާލުކޮށްލިއެވެ.

"ދެނޯ...ރަމޫ ބުނީ ކީކޭ...؟"

"އޮހްހޯ...ވަކިއެއްޗެއް ބުނަން ޖެހޭތަ...ސަނާހަކީ ސްޕެޝަލިސްޓެކޭ...ޑޮކްޓަރުން ގާތަށް ބަލިމީހުން އަންނާނެއެއްނު....އެހާ ބޮޑު ކަމެއްތަ އެއީ...އޯކޭ ޑަރލިންގ...ހޫމް...ސޮރީ...ވާހަކަ ދައްކަންވެސް އޮވެވޭވަރަށްވުރެ ނިދިގަދަ..." މެރެމުންދިޔަ ލޮލުގެ އެސްފިޔަތައް ގަދަބާރުން ހުޅުވޭތޯ މަސައްކަތްކުރަމުން ރަމްލާ ބުނެލިއެވެ. "ސްވީޓްޑްރީމްސް.."

ދެވަނަ ހިނދުކޮޅުގައި ރަމްލާ އޮތީ ސަނާހުގެ އަތުގެ ތެރޭގައި އަރާމުކޮށް ނިދާފައެވެ. ސަނާހު ހިނިތުންވެލިއެވެ. ދުނިޔޭގެ ކޮންމެ ފިރިހެނަކުވެސް މިފަދަ އަނތްބަކަށް އެދޭނެއެވެ.

މިއީ ނަސީބުވެރި ފިރިހެނެއްގެ ހެޔޮނަސީބުގެ އަސްލުވެރިޔާއެވެ. މިފަދަ އަންހެނަކަށް ބޭވަފަތެރިވެފައި ކިޔާރާ ކަހަލަ ޅައަންހެންކުއްޖެއް ލިބުމުން އެއުފާ ހޯދަން އެނބުރޭނީ މޮޔައެއް ނޫނެވެ. އެކަމަކު ވަރަށް ނުބައި، އަހުލާގެއް ނެތް މީހެކެވެ. ހަމަގައިމުވެސް ސަނާހަކަށް އޭނާގެ ދަރިންގެ މަންމައަށްވުރެ އެހެން އެއްވެސް އަންހެނަކު މުހިންމެއް ނޫނެވެ. ނުވެސް ވާނެއެވެ.

އޭނާއަކީ ހިލަހިތެއްގެ ވެރި މީހެކޭ ކިޔާރާގެ މަރުގެ ޒިންމާ އެޅޭނީ އޭނާގެ ބޮލުގައޭ ކިޔަސް ފަރުވާލެއް ނެތެވެ. މީގައި އަހަރެން ކުށްވެރިވާން ޖެހޭ ސަބަބަކީ ތެދުވެރިވުން ހެއްޔެވެ؟ ނުވަތަ ވަފާތެރިވުން ހެއްޔެވެ.؟ ކިއާރާގެ މަރުގެ ޒިންމާ އަހަރެންގެ ބޮލުގައި އެޅޭނެހެއްޔެވެ؟ އެހެންނޫނަސް ކައިވެންޏަކީ ކުޅިވަރެއް ހެއްޔެވެ؟ ހިތަށް އެރީމަ ގުޅުވާފަ، ހިތަށް އެރީމަ ރޫޅާލަން އެއީ ވޫލުން ވިޔެގެން ހަދާފައި އޮންނަ ކުޅޭ އެއްޗެއް ނޫންވިއްޔާއެވެ.... ސަނާހުގެ ނަޒަރުގައި ކައިވެންޏަކީ ކޮނޑުގައި އެޅޭ ޒިންމާއެކެވެ. ކިއާރާގެ މަރުގެ ޒިންމާ ނުއުފުލައިގެން އޭނާއަށް ވާނެގޮތެއް އޭނައަށް ނޭނގުނަސް، ކައިވެނީގެ ޒިންމާ ނެގުމުގައި އިހުމާލުވެ އެޒިންމާއަށް ހިޔާނާތްތެރިވެއްޖެނަމަ އޭނާއަށް އޭގެ އަގު އަދާކުރަން ޖެހޭނެކަން ސަނާހަށް އެނގެއެވެ. އެކަމުގައި އޭނާއަށް އެއްވެސް ޝައްކެއް ނެތްމިންވަރަށް ޔަގީންވެސްމެއެވެ.

(ނިމުނީ)