ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަން، އެސެޓް ރިކަވަރީ ކޮމިޝަން މިއަދު އުވާލައްވައިފިއެވެ.
ފަތުރުވެރިކަމަށް ރަށްތައް ދޫކޮށްގެން މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިކޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައީސް ސޯލިހު އެ ކޮމިޝަން އުފެއްދެވީ، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު 17 ނޮވެމްބަރު 2018 ގައެވެ.
އެސެޓް ރިކަވަރީ ކޮމިޝަން ރައީސް މިއަދު އުވާލައްވާފައިވާ އިރު، އެ ކޮމިޝަނުން ކުރަމުން އައި މަސައްކަތްތައް ދެން ކުރާނީ ކަމާ ގުޅުންހުރި މުއައްސަސާތަކުންނެވެ.
އެސެޓް ރިކަވަރީ ކޮމިޝަނަކީ، ޖެނުއަރީ 2012 އިން ފެށިގެން 17 ނޮވެންބަރު 2018ގެ ނިޔަލަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ މުދަލާއި ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތައް މެދުވެރިވެގެން، އެކަށީގެންވާ މިންވަރަށް ތަހުގީގު ކުރެވި އިންސާފު ގާއިމުކުރެވިފައި ނުވާތީ އެ މައްސަލަތައް ތަހުގީގުކުރުމަށް ރައީސްގެ ގަރާރު ނަންބަރު 14/2018ގެ ދަށުން އުފެއްދެވި ރިޔާސީ ކޮމިޝަނެކެވެ.
އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ ހާއްސަ އިސްކަމެއްދީގެން ކުރި މަސައްކަތަކީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ތަހުގީގުކުރުމެވެ. އެގޮތުން އެ މައްސަލަ ތަހުގީގުކުރުމަށްފަހު، އެ ކޮމިޝަނުން ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނުކަމަށް ތުހުމަތު ކުރާ 281 މީހުން ހިމެނޭ ލިސްޓެއް އާއްމުކޮށްފައެވެ. އެ ލިސްޓުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުގެ 13 ވަޒީރަކުވެސް ހިމެނޭހެން މަޖިލީހުގެ އޭރުގެ އަދި މިހާރުގެވެސް ބައެއް މެންބަރުން ހިމެނެއެވެ. އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްވެސް އެ ލިސްޓުގައި ހިމެނެއެވެ.
އެމްއެމްޕީއާރުސީގެ ހިޔާނާތުގައި ޝާމިލުވާ ކަމަށް ތުހުމަތުކުރެވޭ ބައެއް ފަރާތްތަކުގެ މައްޗަށް ދައުވާ އުފުލާފައިވާ އިރު، ބައެއް ފަރާތްތައް މިހާރު ދަނީ ޖަލު ހުކުމްވެސް ތަންފީޒުކުރަމުންނެވެ.
ރައީސް ސޯލިހު އެސެޓް ރިކަވަރީ ކޮމިޝަން އުވާލައްވާފައިވާ އިރު، އެ ކޮމިޝަނުގެ މަސައްކަތްތައް އެކަށީގެންވާ ވަރަށް ކުރިއަށް ނުދާ ކަމަށް ބުނެ ގިނަ ބައެއްގެ ފާޑިކިޔުން މީގެ ކުރިން އަމާޒުވެފައިވެއެވެ. އަދި އެ ކޮމިޝަންގެ ދަށުން ސެޓްލްމެންޓް ކޮމިޓީއެއް ހަދައި ދައުލަތުން އެކި ކުންފުނިތަކަށް މާލީ ބޮޑެތި ބަދަލު ދީފައިވެސްވެއެވެ.
އެސެޓް ރިކަވަރީ ކޮމިޝަނެއް އުފެއްދުމަކީ ރައީސް ސޯލިހުގެ 100 ދުވަހުގެ ރިޔާސީ ވައުދެކެވެ.