ރަޝިޔާއާ ދެކޮޅަށް ހުޅަނގުގެ ގައުމުތަކުން ަައަޅާފައިވާ ފިޔަވަޅުތައް ފުޅާކުރަމުން ހަރުކަށި ކުރަމުންގޮސް ރަޝިޔާގެ ބައެއް މަހުޖަނުންނާއި އެމީހުންގެ ވިޔަފާރިތަކާ ދެކޮޅަށްވެސް މިހާރު ވަނީ ފިޔަވަޅު އަޅައިފައެވެ. ރައީސް ލަޑީމިއަރ ޕުޓިން އާއި ޚާރިޖީވަޒީރު ލަވްރޯފާއި ސަރުކާރުގެ އިސް ބައެއް މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ އިތުރަށް ސަރުކާރުގެ އެއްވެސް މަގާމެއް ނެތް 7 މަހުޖަނަކާއި ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު ވަނީ އަޅައިފައެވެ. އެމީހުންނަކީ ރައީސް ޕުޓިންއާ ވަރަށް ގާތްގުޅުމެއް އޮންނަ އަދި އެމީހުންގެ އާމްދަނީން ރަޝިޔާ ސަރުކާރަށް ވަރަށް ބޮޑު ޗަންދާއެއް ދައްކަމުން އަންނަ ބައެއް ކަމަށް ހުޅަނގުން ތުހުމަތު ކުރެއެވެ. މިގޮތުން ފިޔަވަޅު އެޅިފައިވާ އެއް މަހުޖަނަކީ އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓްބޯޅަ ކުލަބް ޗެލްސީގެ ވެރިޔާ ރޯމަން އެބްރަމޮވިޗްއެވެ.

އެބްރަމޮވިޗާ ދެކޮޅަށް އެޅި ފިޔަވަޅުތަކުގެ ތެރޭގައި އިނގިރޭސިވިލާތުގައި ހުރި އޭނާގެ މުދަލާއި ފައިސާ ގަނޑުކޮށް ހިފެހެއްޓުމުގެ އިތުރަށް ޗެލްސީގެ ބޭންކް އެކައުންޓްތައް ގަނޑުކުރުންވެސް ހިމެނެއެވެ. ޗެލްސީއަކީ ޔޫރަޕުގެ އެންމެފަހުގެ ޗެމްޕިއަނެވެ. އަދި ދުނިޔޭގެ ކްލަބް ޗެމްޕިއަންވެސްމެއެވެ. މިފިޔަވަޅުތަކާ ގުޅިގެން ޗެލްސީވެސް ބަނގުރޫޓްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ. އެބްރަމޮވިޗާ ދެކޮޅަށް ހަރުކަށިވެގެންގޮސް އެންމެ ހަރުކަށި ފިޔަވަޅުތައް އެޅިއިރު އޭނާއާ ދޭތެރޭ ހުޅަނގުން ކުރާ ތުހުމަތުތައް އެބްރަމޮވިޗް ދޮގުކުރެއެވެ. އޭނާއާ ރައީސް ޕުޓިންއާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށް ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ. އެއީ ތެދަކަށް ވެދާނެއެވެ. އެބްރަމޮވިޗާއި ޕުޓިންގެ ގުޅުމަކީ ފަރުދާގެ ކުރިމަތިން ފެންނާންއޮތް ގުޅުމެއް ނޫނެވެ. ކުރިމަތިން ފެންނާން އޮތް ގުޅުމަކީ ޗެލްސީއާއި އެބްރަމޮވިޗްގެ ގުޅުމެވެ. އެކަމުގެ ސަބަބުން އިނގިރޭސި ފުޓްބޯޅަޔަށް ލިބުނު ފައިދާއެވެ.

ރޯމަން އެބްރަމޮވިޗަކީ ކާކުބާވައެވެ. އުމުރުން 55 އަހަރުވީ އެބްރަމޮވިޗަށް ތިން ގައުމެއްގެ ސިޓިޒަންޝިޕް އޮވެއެވެ. އޭނާގެ އުފަން ގައުމުކަމަށްވާ ރަޝިޔާގެ އިތުރަށް ޕޯޗުގަލްއާއި އިޒްރޭލުގެ ސިޓިޒަންޝިޕްވެސް އޮވެއެވެ. ވިޔަފާރީގެ އިތުރަށް އޭނާއަކީ ސިޔާސީ މީހެއްވެސްމެއެވެ. އޭނާވަނީ ރަޝިޔާގެ އެންމެ އިރުމަތިން ސައިބީރިޔާގެ ސަރަހައްދެއް ކަމުގައިވާ ކުޗޮޓްކާގެ ގަވަރުނަރުކަން 2000 ވަނަ އަހަރުން 2008 ވަނަ އަހަރާދެމެދު ކޮށްފައެވެ. އޭގެ ކުރިން 2000 ވަނަ އަހަރުގެ ޖެނުއަރީ ދިހަޔަކުން އެއަހަރުގެ ޑިސެމްބަރު ސަތާރަޔަށް އެބްރަމޮވިޗް ވަނީ ރަޝިޔާގެ ގާނޫނުހަދާ މަޖިލީހުގެ މެންބަރުކަންވެސްކޮށްފައެވެ. އޭނާ ފުރާފައިވަނީ ކުޗޮޓްކާ ސަރަހައްދުގެ ގޮނޑިއެވެ. ރަޝިޔާގެ ލީޑަރޝިޕްގެ އިސްބޭފުޅުންނާއި އެބްރަމޮވިޗްގެ މެދުގައި ގާތްގުޅުންތަކެއް އުފެދިގެން ދިޔައީ އެދުވަސްވަރު ކަމަށް ބުނެވެއެވެ. އެބަރަމޮވިޗާއި އެންމެ ގާތް ބޭފުޅުންގެ ގޮތުގައި ފާހަގަކުރެވެނީ ބޮރިސް ޔެލްސިނާއި ލަޑީމިއަރ ޕުޓިންއެވެ.

ރޯމަން އެބްރަމޮވިޗްގެ މުއްސަނދި ކަމުގެ މިންވަރަކީ 2019 ވަނަ އަހަރުގެ ތަފާސްހިސާބުތައް ދައްކާގޮތުން ތޭރަ ބިލިޔަން ޑޮލަރެވެ. އޭނާއަށް ސިޓިޒަންޝިޕް ލިބިފައިވާ ގައުމުތަކުގެ އެހެނިހެން މަހުޖަނުންނަށް ނިސްބަތްކުރާއިރު އެއީ ރަޝިޔާގެ ހަތްވަނަޔަށް އެންމެ މުއްސަނދި މީހާއެވެ. އިޒްރޭލުގެ ދެވަނަޔަށް އެންމެ މުއްސަނދި މީހާއެވެ. ޕޯޗުގަލްގެ އެންމެ މުއްސަނދި މީހާއެވެ. އެބްރަމޮވިޗްގެ މަންމަޔާއި ބައްޕަޔަކީވެސް ޔަހޫދީންނެވެ. ނަސްލީގޮތުން މި އާއިލާ ތިން ގައުމަކަށް ނިސްބަތްވެއެވެ. އެއީ ރަޝިޔާ އާއި ޔުކްރޭނާއި ބިލަރޫސްއެވެ. މިއާއިލާ ލިތުއޭނިޔާގައި ދިރިއުޅެނިކޮށް ރަޝިޔާއިން އެތަން ހިފުމަށްފަހު ހުރިހާ ޔަހޫދީން ސައިބީރިޔާއަށް އަރުވައިލީއެވެ. އެބްރަމޮވިޗަށް ހަތަރު އަހަރުވެސް ނުވަނީސް އޭނާގެ މަންމަޔާއި ބައްޕަވެސް ވަނީ މަރުވެފައެވެ.

އެބްރަމޮވިޗަކީ ރަޝިޔާގެ ޔަހޫދީންގެ ފެޑެރޭޝަނުގެ ޗެއަރމަނެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި މަރުވި ލިތުއޭނިޔާގެ ޔަހޫދީންގެ ހަނދާނުގައި އޭނާ ވަނީ ފަންސަވީސްހާސް ގަސް ހިމެނޭ ބޮޑު ބަގީޗާއެއް ގާއިމުކޮށް މަރުވި ކޮންމެ މީހެއްގެ ނަމާއި ހަނދާނަށް ގަހެއް ޚާއްސަކޮށްފައެވެ. އިޒްރޭލުގެ ސިޓިޒަންޝިޕް ނަގައިގެން އުޅެނީވެސް ޔަހޫދީވަންތަކަން ނަގައި ދެމެހެއްޓުމަށް އެބްރަމޮވިޗް ކުރަމުންދާ މަސައްކުތެ ތެރެއިން އޭނާގެ ވިސްނުމާއި އިޒްރޭލުގެ ސިޔާސަތު އެއްތައްގަނޑަކަށް ފެތޭތީއެވެ. ކޮންމެއަކަސް އެބްރަމޮވިޗްގެ އެންމެ ޒުވާން ދުވަސްތަކަކީ މުއްސަނދިކަމުގެ ދުވަސްތަކެއް ނޫނެވެ. އޭނާ މަގުމަތީގައި ވެސް ވިޔަފާރިކުރަން އުޅުނެވެ. ފެކްޓަރީއެއްގައި މެކޭނިކެއްގެ ވަޒީފާ އަދާކުރިއެވެ. ކުންފުނިތަކުގެ މުދާ ވިއްކާ އޭޖެންޓްކަން ކުރިއެވެ. މިހެންގޮސް ކިތަންމެ ކަމެކެވެ.

އެބްރަމޮވިޗްގެ ނަސީބު އަތުގައި ހިފީ މިޚާއިލް ގޮރްބަޗޯފްގެ ޒަމާނުގައި ސަރުކާރުގެ މުދާތައް ޮްޕްރައިވެޓައިޒް ކުރުމުގެ ޕްރޮގްރާމުގެ ތެރެއިން މާކެޓް އަގަށްވުރެ މާކުޑަކުޑަ އަގެއްގައި ސަރުކާރުގެ ހިއްސާތަކެއް ގަތުމާ ހަމައިންނެވެ. މިކަން އޭނާކުރީ އަދި އެފަދަ އެހެން މަހުޖަނުން ކުރީވެސް ސަރުކާރުގެ އޮފިޝަލުންނަށް ރިޝްވަތުދީގެން ކަމަށް ބުނެވެއެވެ. އެހިސާބުން ދެން ފެންނާންފެށީ ތަފާތު ލެވެލްއެއްގެ ތަފާތު އެބްރަމޮވިޗެކެވެ. ސިޔާސީ މީހުންގެ މިތުރު އެބްރަމޮވިޗެކެވެ. ރަޝިޔާގެ ކުރީގެ ރައީސް ބޮރިސް ޔެލްސިނާއި އެބްރަމޮވިޗްގެ ގުޅުން ބޮޑު މިންވަރަކީ ޔެލްސިންގެ އާއިލާގެ މެހުމާނެއްގެ ގޮތުން ރަޝިޔާގެ ރިޔާސީ ކިއްލާ ކްރެމްލިންގެ އެޕާޓްމަންޓެއްގައި ވެސް އެތައް ދުވަހަކަށް އެބްރަމޮވިޗް އުޅެފައިވުމެވެ. އޭނާ ބޭނުން ކޮންމެ ކަމެއް ކުރެވޭ މިންވަރަށް ސަރުކާރުގައި ނުފޫޒު އޮތުމެވެ.

ބޮރިސް ޔެލްސިނުގެ ސިއްހަތު ހުރިގޮތުން ޔެލްސިނަށް ފަހު ވެރިކަމަށް އެންމެ ރަނގަޅު މީހަކީ ލަޑިމިއަރ ޕުޓިންކަމަށް ޔެލްސިނަށް އެންމެ ފުރަތަމަ ރިކޮމެންޑް ކުރީވެސް އެބްރަމޮވިޗް ކަމަށް ބުނެވެއެވެ. އަދި ޕުޓިންގެ ބޮޑުވަޒީރުކަމުގެ ފުރަތަމަ ދައުރުގައި ކެބިނެޓަށް ނެގުނު އެންމެހައި ވަޒީރުންނާއި އިންޓަރވިޔުކޮށް ލިސްޓް ފައިނަލްކުރީވެސް އެބްރަމޮވިޗް ކަމަށް ބުނެވެއެވެ. ޕުޓިންގެ ރައީސްކަމުގެ ފުރަތަމަ ދެ ދައުރު ނިމިގެން ތިންވަނަ ދައުރެއް ފެއްޓެވުމުގެ ކުރިން އެދޭތެރޭގެ މެދަށް ގެންނަން އެންމެ ރަނގަޅު ލީޑަރަކީ ޑިމިޓްރީ މެދްވެދޭވް ކަމަށް އެންމެ ފުރަތަމަ ރިކޮމެންޑް ކުރީވެސް އެބްރަމޮވިޗް ކަމަށް ބުނެވެއެވެ. އެހެންވީމާ ޕުޓިންއާ ގުޅުމެއް ނެތޭ ނުވެސް ދަންނަމޭ އެބްރަމޮވިޗް ބުންޏަކަސް ގުޅުންއޮތް މިންވަރާއި ނުފޫޒުގެ މިންވަރު މިހުންނަނީ ބަލައިހޯދާ ބަޔަކު އަންތަރީސްވާ ހިސާބުގައެވެ.