ދުނިޔޭގެ އެންމެ ބޮޑު އަލުވީގެ ގޮތުގައި ދުނިޔޭގެ ރިކޯޑުފޮތުން ޖާގަގޯދަން ނިއުޒިލެންޑުގެ ދެމަފިރިޔަކު ހުށައެޅި ހުށައެޅުން ގިނިސް ޖަމާއަތުގެ ފަރާތުން ގަބޫލުނުކޮށް ރައްދުކޮށްފިއެވެ.

ނިއުޒިލެންޑުގެ ދަނޑުވެރި ދެމަފިރިން ކަމުގައިވާ ކޮލިން ބްރައުނާއި ޑޯންނާ އެމީހުންގެ ދަނޑުން މީގެ ދެތިންމަސްކުރިން ކޮނެގެން ނެގި އަލުތްވެއްގެ ބަރުދަނުގައި 7.8 ކިލޯ ހުއްޓެވެ. އެއީ ދުނިޔޭގެ އެންމެ ބޮޑު އަދި ބަރު އަލުވީގެ ގޮތުގައި ގިނިސް ޖަމާއަތުގެ ރިކޯޑު ފޮތަށް އަރުވައިދިނުމަށް ވަނީ ރަސްމީކޮށް ހުށައެޅުމެއްވެސް ހުށައަޅާފައެވެ. އެދެމަފިރިން ބުނާގޮތުގައި އެއީ އަލުތްވެއްކަމާމެދު އެމީހުންނަށް ޝައްކެއްވެސް ނެތެވެ. ސިފަވެސް ރަހަވެސް އެއްގޮތެވެ. އެހެންނަމަވެސް ގިނިސް ޖަމާއަތުން އެތަކެެއް ޓެސްޓް ހަދައި ދިރާސާކޮށް ބެލުމަށްފަހު މިދިޔަ ހަފުތާގައި އެދެމަފިރިންނަށް އެންގީ އެއީ އަލުތްވެއް ނޫންކަމަށާއި އެއީ ފަލަމަޑީގެ ތެރެއިން އަލުތްވާއި ގާތްކުރާ އާއިލާއެއްގެ މެންބަރެެއް ކަމުގައެވެ.

ދުނިޔޭގެ ރިކޯޑުފޮތުން ޖާގަ ނުލިބުނީމާ އެދެމަފިރިން މިހާރު ތިބީ ވަރަށް ދެރަވެފައެވެ. މިހާރު އެދެމީހުން ބުނަނީ އެއީ އަލުތްވަކަށް ނުވި އެންމެ ބޮޑު އަލުވި ކޮނުނު ދެމަފިރީން ކަމުގައެވެ. ދުނިޔޭގެ އެންމެ ބޮޑު އަލުވީގެ ގޮތުގައި ރިކޯޑު ފޮތުން ޖާގަ ލިބިފައިވަނީ 2011 ވަނަ އަހަރު އިނގިރޭސިވިލާތުގައި ކޮނެގެން ނެގި 5 ކިލޯގެ އަލުތްވެކެވެ.

އައު ރިކޯޑެއް ގާއިމު ކުރުމަށް ހީކުރި ދެމަފިރިންގެ އަލުވި އަދިވެސް އޮތީ އެމީހުންގެ ބިޔަ އައިސް އަލަމާރީގެ ތެރޭގައެވެ. އެއަށް އެމީހުން ވަނީ ނަމެއްވެސް ދީފައެވެ. އެމީހުން އެޔަށް ކިޔަނީ "ޑަގް" އެވެ. މީސްމީޑިއާގެ އެކި ޕްލެޓްފޯމްތަކަށް އޭގެ ފޮޓޯ ލައިގެން ވަރަށް ބޮޑު މަޝްހޫރުކަމެއްވެސް އެޔަށް ވަނީ ހޯދާފައެވެ. އެޔަށްޓަކައި ޚާއްސަ ގާޑިޔަލެއް އުފައްދައިގެން އޭގެމަތީގައި އަލުވި ގެންދާ މަންޒަރު ފެންނަ ވީޑީޔޯއާއި ފޮޓޯވެސް މީސްމީޑިއާގައި ދައުރުވަމުންދެއެވެ.