ރާއްޖޭގައި ހަދަމުން އަންނަ ފްލޯޓިންގް ސިޓީ ބައިނަލްއަގުވާމީ ފަހުރުވެރި އެވޯޑެއް ކަމަށްވާ އެމްއައިޕީއައިއެމް އެވޯޑަށް ޝޯޓްލިސްޓް ވެއްޖެއެވެ.

"އޮސްކާސް ފޯ ގްލޯބަލް ޑިވެލޮޕްމެންޓް"ގެ ގޮތުގައި މަޝްހޫރުވެފައިވާ އެ އެވޯޑަށް މޯލްޑިވްސް ފްލޯޓިންގް ސިޓީ ޝޯޓްލިސްޓް ވެފައިވަނީ "ބެސްޓް ފިއުޗެރާ މެގާ ޕްރޮޖެކްޓް" ކެޓެގަރީން ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ 161 ޑެވްލޮޕްމެންޓަލް ޕްރޮޖެކްޓުގެ ތެރެއިންނެވެ.

ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ހަދާ މި ފްލޯޓިން ސިޓީ ހަދަން ސަރުކާރުން ނިންމީ މިދިޔަ އަހަރު އެވެ. އަދި މި ސިޓީ ހަދަނީ 5،000 ގޯތި ދޫކުރެވޭ ގޮތަށް ޓޫރިޒަމްގެ ބައިތަކެއް ވެސް ހިމަނައިގެންނެވެ. އެގޮތުން މި މަޝްރޫއުގެ ތެރެއިން ޔޮޓު މެރީނާއަކާއި ފަސްތަރީގެ ދެ ރިސޯޓު އަދި ކުދި ޕިކްނިކް އައިލެންޑްތައް ހެދުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ހޮސްޕިޓަލާއި، ސްކޫލާއި، ޝޮޕިންމޯލްގެ އިތުރުން ކައުންސިލާއި ސަރުކާރު އޮފީސްތައް ވެސް ހެދުމަށް ނިންމާފައިވެއެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީއަކީ މާލެއިން ލޯންޗުގައި 15 މިނެޓުން ދެވޭ ފަޅެއްގައި ހަދާ އީޖާދީ ބޯހިޔާވެހިކަމުގެ ޕްރޮޖެކްޓެއް ކަމަށް ސަރުކާރުން ބުނެއެވެ. މި ހައުސިން ޔުނިޓުތައް ފަރުމާ ކުރެވިފައިވަނީ ސަލާމަތްތެރިކަމާއި ފަސޭހަކަމާއެކު ދިރިއުޅެވޭނެ ގޮތަކަށް ކަމަށް އެ މަޝްރޫއު ހަވާލުކުރި ކުންފުނިން ވަނީ ބުނެފަ އެވެ.

އެމްއައިޕީއައިއެމް ޕްރޮޖެކްޓަށް ޝޯޓްލިސްޓު ވެފައިވާ އަނެއް ތިން ޕްރޮޖެކްޓަކީ، ބާސެލޯނާގައި ހުންނަ ކުރީގެ މާސިޑީޒް ފެކްޓަރީއެއް އިކޯ ޑިސްޓްރިކްޓްއަކަށް ބަދަލުކުރާ ޕްރޮޖެކްޓަކާއި، ސިއިމެންސް އިން ބެންގަލޫރުގައި ހަދާ ހެލްތިނިޔާސް ކެމްޕަސްއަކާއި، ޗައިނާގައި ހަދާ އަލިބާބާ ކުންފުނީގެ އެކަޑެމީއެކެވެ.

މި އެވޯޑަށް ޝޯޓުލިސްޓު ކުރެވުމާ ގުޅިގެން މޯލްޑިވްސް ފްލޯޓިންގް ސިޓީގެ ޑިރެކްޓަރު އިބްރާހިމް ރިޔާޒު ވިދާޅުވީ އެމްއައޕީއައިއެމް އެވޯޑަކީ ދުނިޔޭގެ ފެންވަރުގައި ޑިވެލޮޕްމެންޓް ޕްރޮޖެކްޓްތަކަށް ދެވޭ އެންމެ ފަހުރިވެރި އެވޯޑު ކަމަށެވެ.

ރިޔާޒު ވިދާޅުވީ މޯލްޑިވްސް ފްލޯޓިން ސިޓީ މި އެވޯޑުގެ އެންމެ ފަހުގެ ހަރުފަތަކަށް ދެވުމަކީ މި ޕްރޮޖެކްޓާ މެދު އިތުބާރު އިތުރުވެ، ބޭނުންކުރެވޭ ޓެކްނޮލޮޖީގެ މޮޅުކަން ހާމަވާ ކަމެއް ކަމަށެވެ. އަދި މި އެވޯޑުގެ އެންމެ ފަހު ސްޓޭޖަށް ދެވުނީތީ ވަރަށް ފަހުރުވެރިވާ ކަމަށެވެ.

ސަރުކާރާއި ޑަޗް ޑޮކްލޭންޑާ ގުޅިގެން ހިންގާ މި މަޝްރޫއުގެ ފުރަތަމަ ގެ ރޯދައިގެ ފަހަށް ނިންމާނެ ކަމަށް ބައިސަން މޯލްޑިވްސް އިން ވަނީ ބުނެފައެވެ. ފްލޯޓިން ސިޓީ އެޅުމަށް ނިންމާފައިވަނީ މާލެ އަތޮޅު އާރަށް ކައިރީގައި އޮންނަ 200 ހެކްޓަރުގެ ފަޅެއްގައެވެ. އެ ފަޅު މިހާރު ވަނީ ޑަޗް ޑޮކްލޭންޑާ ހަވާލުކޮށްފައެވެ.