ރިޕޯޓް

ވެލާގެ ނޭނގޭ ވާހަކަތައް: ގުޅުންހިންގުން، ހުރިހާބުރައެއް އަންހެންވެލަޔަށް، ބިސްއަޅަން ދަތުރުކުރަނީ އުފަންފަސްގަނޑަށް

ސިނާން އަލީ

3

މާލެއަށް ދެ ހަފުތާ ތެރޭ ދެފަހަރަށް ވެލާ އެރުމުން ވެލާގެ ވާހަކަ މިއޮތީ އެންމެ ހިނގާ ވާހަކަޔަށް ވެފައެވެ. މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ އެރި ވެލާ އެރޭ ފަތިހު ސަލާމަތުން މޫދަށް ބޭލީ ފުލުހުންނެވެ. ފުލުހުން އެކަން ކުރީ އެސޮރަށް ފުރިހަމަ ހިމާޔަތާއި ރައްކާތެރިކަން ދިނުމުގެ ބޭނުމުގައެވެ. އެކަމަށް ކިޔޭނެ އެއްޗެއް ނެތެވެ. މިދިޔަ މަހު އެރި ވެލާ ފެނުނީ ފަތިހުގެ ވަގުތުގައި ކަމުން، އެސޮރު ފެނުނުއިރު، ބިސް އަޅާފައިކަމެއް ނުވަތަ ނޫންކަމެއް ޔަގީން ކުރެވިފައެއް ނުވެއެވެ. އީޕީއޭގެ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނައީމާ ވާހަކަދައްކައިލުމުން ވިދާޅުވީ އެފަހަރު ބިސްއެޅިކަން ނުވަތަ ނޫންކަން ކަށަވަރުކުރެވިފައި ނުވާ ކަމަށެވެ.

ކޮންމެޔަކަސް މާލެއަށް މިހާ ގާތްގާތުގައި ދެފަހަރަށް ވެލާ އަރައި، އެއިން އެއްފަހަރު ފުރިހަމަ އިއްޒަތުގައި ބިސް އަޅާން ހިމާޔަތާއި ރައްކާތެރިކަން ދީފައިވާއިރު، ވެލާގެ ވާހަކައަކީ މިހާރުގެ މީހުންނަށް އެނގުން މުހިންމު އަދި ޝައުގުވެރިވެސް ވާހަކައެކެވެ. ވެލާ ގުޅުން ހިންގާ ގޮތާއި ދަރިމައިވާގޮތާއި ބިސްއެޅުމުގެ މަރުހަލާއަކީވެސް އާދަޔާ ހިލާފު ޝައުގުވެރި ވާހަކަތަކެކެވެ. ދިވެހީންނަށް ވީތީ އެނގުން މުހިންމު ވާހަކަތަކެއްވެސްމެއެވެ.

ވެލާ ގުޅުން ހިންގުން

ވެލާ ގުޅުންހިންގުމުގެ މަރުހަލާ ހިނގަނީ މޫދު ތެރޭގަ އެވެ. ގުޅުންހިންގާއިރު ފިރިހެން ވެލާ އެސޮރުގެ ފިޔަގަނޑުގެ ކޮޅު އަންހެން ވެލާގެ ބުރިކަށިމަތީން ތިރިޔަށް ނެއްޓޭގޮތަށް އަޅުވައިލައިގެން އޮންނާނީ އެވެ. އަންހެން ވެލައެއް ބިސްއަޅާން އެއްގަމަށް އެރުމުގެ ކުރީން އެއްވެލަޔަށްވުރެ ގިނަ ފިރިހެން ވެލަޔާއެކު ގުޅުން ހިންގައެވެ. ބައެއް ފަހަރަށް ދެ ވެލައެއް ގުޅުން ހިންގަމުންދާ ވަގުތުގައިވެސް އެހެން ފިރިހެން ވެލަޔަކަށް އެމަންޒަރު ފެނި، ގުޅުން ހިންގަމުންދާ ފިރިހެންވެލާ ދުރުކޮށް އަންހެން ވެލަޔާ ގާތް ވެވޭތޯ މަސައްކަތް ކުރެއެވެ. ގުޅުން ހިންގާ ވަގުތަކީ އަންހެން ވެލަޔަށް ވަރަށްވެސް ބުރަބޮޑު އުނދަގޫ ވަގުތެކެވެ. އެހެނީ މި ވަގުތުގައި ފިރިހެން ވެލާގެ ހުރިހާ ބުރައެއް އުފުލާނީ އަންހެން ވެލައެވެ. ވެލަޔަކީ ނޭވާލުމަށް މައްޗަށް އަރާން ޖެހޭ އެއްޗެއް ކަމުން، މައްޗަށް އަރާ ކޮންމެ ފަހަރަކު އަންހެން ވެލާ ލޮނުގަނޑުން މައްޗަށް އަރާން ޖެހޭނީ ދެވެލާގެ ބަރުދަން ހިފައިގެންނެވެ. އެއްވެސް ކަހަލަ ނުރައްކަލެއްގެ އިންޒާރު ލިބިއްޖެ ނަމަ ދެވެލާގެ ބަރާއެކު އަޑިޔަށް ދާނީވެސް އަންހެން ވެލައެވެ. ފިރިހެން ވެލާ ހަމަ އެ އޮތް ގޮތަށް އޮންނާނީ އެވެ.

ގުޅުން ހިންގުމުގެ މަރުހަލާ ބައެއް ފަހަރަށް އެތައް ގަޑިއިރަކަށް ދެމިގެން ދެއެވެ. އެޔަށްފަހު އަންހެންވެލާގެ ގައިގައި ބައްދައިގެން އެތައް އިރެއް ވާންދެން އޮންނަން ފިރިހެން ވެލާ މަސައްކަތްކުރެއެވެ. އެއީ އެސޮރުގެ ދަރިފަނި ހިމާޔަތްކުރުމަށެވެ. ނަމަވެސް އެމަންޒަރު ފެންނަ އެހެން ފިރިހެން ވެލާތައް މި ފިރިހެން ވެލާ ދުރުކުރާން މަސައްކަތްކުރާތަން އާދެއެވެ. މި ގޮތަށް މަސައްކަތް ކުރާއިރު ބައެއް ފަހަރަށް ފިރިހެން ވެލަޔަށާއި އަންހެން ވެލަޔަށް އަނިޔާވެސް ވެއެވެ.

ބިސް އަޅާން ފެށުމުގެ ކުރީން އަންހެން ވެލާ މަދުވެގެން ދޭއް ނުވަތަ ތިން ވެލަޔާއެކު ގުޅުން ހިންގައެވެ. އެހެންކަމުން އެއް ބުރެއްގައި ވެސް ޖެނެޓިކަލީ ތަފާތު ދަރިފަސްކޮޅުތައް އުފަންވެއެވެ. މި ގޮތުން އަންހެން ވެލާ ފިރިހެން ވެލާތަކާ ގުޅުން ހިންގަނީ، ބިސް އަޅާ މޫސުމަކަށް އެސޮރަށް ބޭނުންވާ ވަރަށް ބިސް ލިބެންދެނެވެ. އެޔަށްފަހު އެވަގުތަށް އެކަން ހުއްޓައިލައެވެ. ފިރިހެން ވެލާތައް އެޕްރޯޗް ކުރިޔަށް އެކަމަށް ފުރުސަތެއް ނުދެއެވެ.

ވެލާ ގުޅުން ހިންގުމަށް ބައްދައިގެން ތިބޭ މަންޒަރު ކަނޑުދަތުރުކުރާއިރު ވަރަށް ގިނައިން ފެންނާނެ އެވެ.

ބިސްއަޅާން އެރުން

ރާއްޖޭގައި އާންމުކޮށް މިއުޅޭ ވެލާ، ވިހާ ވަރަށް ބޮޑެތިވަނީ ފަންސަވީހަކަށް ތިރީހަކަށް އަހަރުންނެވެ. މި އުމުރު ބިނާ ވަނީ އެސޮރު ކައިބޮއި އުޅޭ އެއްޗެހީގެ މައްޗަށެވެ. ވެލާ އެންމެ ފުރަތަމަ ފަހަރު ބިސްއަޅާ މަންޒިލުގެ ގޮތުގައި އިހުތިޔާރުކުރަނީ އެސޮރު އުފަންވި ބީޗު ކަމަށް ސައިންސުގެ ހޯދުންތަކުން ސާބިތުވެފައިވެއެވެ. ކޮންމެވެސް ސަބަބަކާ ހެދި، އުފަންވި ބީޗު ނުލިބިއްޖެ ނަމަ ދެންވެސް އިހުތިޔާރުކުރަނީ އެ ހިސާބުން ކައިރި އެހެން ބީޗެކެވެ. މިއީ އިހުގެ ދިވެހީންވެސް ބުނާ ވާހަކައެކެވެ. މިގޮތުން، ބޮޑުވެ ކަނޑުތެރޭގައި ދިރިއުޅޭ ވެލާ، އެތައް މޭލެއްގެ ދުރުންވެސް، ބިސްއެޅުމަށް އެސޮރުގެ އުފަން ބީޗަށް ދަތުރުކުރެއެވެ.

ބިސްވެލާ އެސޮރު ބިސްއަޅާން އެއްގަމަށް އަރާން އޮންނަ ރޭގެ ކުރީ ދުވަހުއްސުރެ ފެށިގެން އެ އަރާން އޮންނަ ބީޗެއް ހިމެނޭ ރަށުގެ ކަނޑު އުރަފަށުގެ ބޭރުގައި ނުވަތަ ކައިރީ ސަރަހައްދެއްގައި ހަރަކާތްތެރިވެއެވެ. މި މަންޒަރު ވަރަށް ގިނައިން ފެނިފައި އެބަހުއްޓެވެ. މި ވެލާ ހަމަ އެރޭ ނުވަތަ ޖެހިގެން އަންނަ ރޭ އެރަށަކަށް އެރުމަކީވެސް އިހުއްސުރެ ދިވެހީން ދެނެގެންފައިވާ ކަމެކެވެ. އަންހެން ވެލާ ދަރިމައިވެ ބިސްއަޅަން އެއްގަމަށް އަރަނީ، ފިރިހެން ވެލަޔާ ގުޅުން ހިންގިތާ ތިން ހަފުތާއާއި ހަހަފުތާގެ މުއްދަތެއްގެ ތެރޭގައެވެ.

ބިސް އަޅާ ވެލާ، ފުރަތަމަ ފޮއިގެ ބިސް އަޅާތާ، 13 ދުވަހާއި 15 ދުވަހާ ދެމެދު ދެވަނަ ފޮއިގެ ބިސް އެޅުމަށް ހަމަ އެތަނަށް އަރައެވެ. ދެވަނަ ފޮއިގެ ބިސް އަޅައި ފަހު ފޮއިގެ ބިސް އަޅާންވެސް ހަމަ އެމުއްދަތުގައި އަރައެވެ. މި ދެމެދުގައި ވެލާ ހިފައި، ހައްޔަރު ނުކޮށްފި ނަމަ، ތިން ފޮއިގައި ވެސް މި ތަރުތީބުން ދުވަސް ހަމަކޮށް ބިސް އަޅަމުންދެއެވެ. ކޮންމެވެސް ސަބަބަކާ ހެދި މި މުއްދަތަށްވުރެ ދުވަހެއް ދެދުވަހެއް ކުރިޔަށް ނުވަތަ ފަހަތަށް ޖެހިދާނެ އެވެ. މިސާލަކަށް މާލޭ ބުރިޖު ކައިރިޔަށް ދެވަނަ ފަހަރަށް މި އެރި ވެލަޔަކީ މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ރޭ އެރި ވެލާ ކަމަށް ބެލުމުގެ ފުރުސަތު ބޮޑެވެ. މި ފަހަރު އެސޮރު މި އެރީ އެމައްޗަށް 17 ވަނަ ދުވަހުއެވެ. މިހާރުވެސް ރާއްޖޭގެ ރަށްރަށުގައި ވެލާ ބިސް ނެގުމަށް މުޖައްރިބު ކަމެއްގެ ގޮތުގައި ބަލަނީ މި މުއްދަތުތަކެވެ.

ވެލާ އެއްގަމުގައި ހޭދަކުރާ ވަގުތާއި ބިސްއެޅުމުގެ މަރުހަލާ

ރަށަކަށް ބިސްއަޅާން އަރާ ވެލަޔަކީ، ވަރަށް މަދު ހާލަތެއްގައި މެނުވީ، އެ ރަށާ، ނުވަތަ ކައިރީ އެހެން ރަށަކާ އެސޮރުގެ އުފަންވުން ގުޅިފައިވާ އެއްޗެކެވެ. އެއްގަމަށް އެރުމަށްފަހު ބިސްއަޅާން ވަޅު ކޮންނާން ފެށުމުގެ ކުރީން، އެ ރަށެއްގެ ހަމަބިމާ އެއްހަމަޔަކަށް އެސޮރުގެ ބުރަކަށި ގެނައުމަކީ ވެލާ ކުރާކަމެއް ކަމުގައި އިހުގެ މީހުން ބުނެއުޅެއެވެ. އޭގެ ހިކުމަތް ގުޅިފައިވަނީ ބިސްވަޅަށް ލިބެން ޖެހޭ ހިމާޔަތާ ކަމަށްވެސް އެމީހުން ބުނެއެވެ. ބިސްއަޅާން ވެލާ ކޮންނަ ވަޅުގެ އާންމު ފުންމިނަކީ ދެފޫޓާއި ތިންފޫޓު ބަޔާ ދެމެދެވެ. ބައެއް ފަހަރަށް މިޔަށްވުރެ ތަންކޮޅެއް ތިލަ ނުވަތަ ފުންވެސް ވެދާނެއެވެ. ވަޅު ކޮންނާން ޖެހޭ ތަނެއްގެ ގޮތުން، ވެލަޔަށް އެއީ ވަރަށް ވެސް އުނދަގޫ ބޮޑު، ބުރަ މަސައްކަތަކަށް ވެގެންދެއެވެ. ހޭޅިފަށުގައި، ނުވަތަ އެޔަށްވުރެ ވެސް އެއްގަމުގައި ވަޅު ކޮންނަ އިރު، ކުރެދި، މަގޫ، ހިރުނދު އަދި ކާނި ފަދަ ގަސްތަކުގެ މޫތައް ބުރިބުރިކޮށްގެންވެސް ބިސްވަޅު ކޮނެފައި ހުންނަތަން އާންމުކޮށް ފެނެއެވެ.

ބޭނުންވާ ފުންމިނަށް ވަޅުކޮނުމަށް ވެލާ ބޭނުންކުރަނީ އެސޮރުގެ ފިޔަގަނޑެވެ. މި ފިޔަތަކުގެ އެހީގައި ވަރަށް ވެސް ރީއްޗަށް ފުންކޮށް އެވަޅުގަނޑު ކޮނެލައެވެ. އެޔަށްފަހު ބިސް އަޅާން ފަށައެވެ. ބިސްއަޅާއިރު ވެލާ ލަމުންދާ ނޭވާގެ އަޑު ވަރަށް ބާރަށް އިވޭނެއެވެ. ކޮންމެ ނޭވާއެއްގައި އަޅާނީ ބިހެއް ނުވަތަ ދެބިހެވެ. މިގޮތަށް ގޮސް އެކި ވެލާ އެކި ވަރަށް ބިސް އަޅައެވެ. ކޮންމެ ބުރެއްގައިވެސް ތިން ފޮޔަށް ބިސް އަޅާއިރު، ފުރަތަމަ ފޮއިގައި 80 އާއި 100 އާ ދެމެދު، މެދުފޮއިގައި 130 އާއި 200 އާއި ދެމެދު އަދި ފަހު ފޮއިގައި 70 އާއި 90 އާއި ދެމެދުގެ އަދަދަކަށް ބިސް އަޅައެވެ. ފަހު ފޮއިގައި އަޅާ ބިހުގެ ތެރޭގައި ކޮންމެވެސް ވަރަކަށް ގާބިސް ވެސް ހުރެ އެވެ. ވެލާގެ ބަނޑު އަނެއް މޫސުމަށް ތައްޔާރުވުމަށް ބޭނުންވާ ވަރަށް، ފަހު ފޮއިގައި ބިސް އަޅާއިރު އެސޮރުގެ ބަނޑުތެރެ ދޮވެވިގެންދެއެވެ. ވެލާގެ ތެރޭގައި ހިމެނޭ އެންމެ ބިިޔަ ބޮޑެތި ވެލާ 200 އަށްވުރެ ގިނައިން ވެސް ބިސް އަޅާފައި ހުއްޓައި ފެނެއެވެ.

ވެލާ ބިސް އަޅަނީ ކޮންމެ މޫސުމެއްގައި ތިން ފޮޔަށެވެ. ކޮންމެ ދެމޫސުމެއްގެ ދެމެދުގައި މަދުވެގެން ދެ އަހަރު ހޭދަވެއެވެ.

ބިސް އަޅާން ފެށުމުގެ ކުރީން، ވެލަޔަށް ގޯނާއެއް ކޮށްފި ނަމަ، ނުވަތަ ނުރައްކަލެއްގެ އިހުސާސް ވެއްޖެ ނަމަ އެސޮރު ފައިބައިގެން ދާން ދިމާކުރެއެވެ. މިގޮތަށް ފައިބައިގެންދާ ވެލާ ހަމަ އެރޭ އެރަށުގެ އެހެން ތަނަކަށް، ނުވަތަ ޖެހިގެން އަންނަރޭ ހަމަ އެރަށަށް ނުވަތަ ކައިރީ ރަށަކަށް އަރައެވެ. އެންމެ އާންމީ ހަމަ އެ ރަށުގެ ހަމަ އެބީޗަށް އެރުމެވެ.

ބިސް އަޅާން ފެށުމަށް ފަހު، ބަނޑުގައި ހުރި ހުރިހާ ބިހެއް ހުސްވުމުގެ ކުރީން ވެލާ ފައިބައިގެނެއް ނުދާނެ އެވެ. ކައިރިޔަށް ގޮސް ކިތަންމެ ގާތުގައި ތިއްބަސް ބިސް އަޅަމުންދާނެ އެވެ. މިހެން ދިމާވަނީ، ބިސް އަޅާން ފެށުމަށްފަހު، އެ މަރުހަލާ މެދުތެރެއިން ހުއްޓާލާފައި ދެވޭނެ ގާބިލުކަން އެސޮރަށް ލިބިފައި ނުވާތީއެވެ. އިންސާނުން ނުވަތަ އެނޫންވެސް މަހުލޫގެއްގެ ވިހެއުމުގެ މަރުހަލާއެކޭ އެއްފަދައިން ވެލާވެސް ބިސް އަޅަމުންދާއިރު އެހޭދަ ކުރަނީ އުނދަގޫ، އަދި މެދުތެރެއިން ހުއްޓައިނުލެވޭނެ މަރުހަލާއެކެވެ. ވެލާ ބިސް އަޅާ ވަގުތު ކައިރީގައި ތިބުން ވަރަށް ގިނަ ދިވެހީން މިހާރުވެސް ތަޖުރިބާ ކުރެއެވެ. އަދި ހަމަ އެހެންމެ ބިސް އަޅަމުންދާއިރު، އަތް ދިއްކޮށްގެން އަތަށް ބިސް އެޅުވުމުގެ ތަޖުރިބާވެސް ވަރަށް ގިނަ ދިވެހީން ކުރަމުން އާދެއެވެ. އަތަށް ބިސް އެޅުވުމުގެ ތަޖުރިބާ އަޅުގަނޑަށް ވެސް ވަނީ ކުރެވިފައެވެ. ވެލާ ބިސް އަޅާއިރު ކައިރީގައި ތިބުމާއި އަތަށް ބިސް އެޅުވުމަކީ ފަހުރެއް ކަމަށް ބައެއް މީހުން ދެކެއެވެ. އެކަން ކުރާން ބޭނުންވާ މީހުންވެސް ގިނައެވެ. އެ ފަހުރު ހޯދުމަށް ޓަކައި، ވެލާ ބިސް އަޅާން ފަށަންދެން ފިލައި ތިބެން ޖެހެއެވެ. ބިސް އެޅުމުގެ މަރުހަލާ ފެށުމުގެ ކުރީން ވެލަޔަށް ނުރައްކަލުގެ ހިލަމެއް ވެއްޖެ ނަމަ، މި ނަސީބު ލިބުމުގެ ފުރުސަތު ގެއްލެއެވެ.

ބިސް އަޅައި ނިމުމަށްފަހު ވަރަށް ފަރުވާތެރިކަމާއެކު ވެލާ އެސޮރުގެ ބިސްވަޅަށް ފަސްލައެވެ. ކޮނުނު ފަހާއި ކައިރީން އެހެން ފަސްތައްވެސް އަޅައި ބިސްވަޅުގެ މަތީ ފަށަލަ ހަރު ވާންދެން ތަޅައެވެ. މި ކަމުގައި އެސޮރު ބައިގަޑިއެއްހާއިރު ހޭދަކުރެއެވެ.

ބިސްވަޅަށް ރަނގަޅަށް ފަސްލައި، ހަރުވާންދެން ތެޅުމަށް ފަހު، ދެން އޮންނަނީ ހިނޭ ޖެހުމެވެ. ހިނޭ ޖެހުމޭ ކިޔަނީ ބިސްއެޅުމަށް ފަހު ބިސްވަޅު އޮތްތަން ފާހަގަވިޔަ ނުދިނުމަށް ފަސްގަނޑު އެގޮތްމިގޮތަށް ހަދައި، އެތަން މިތަނަށް ވެލި ބުރުވައި ހެދުމަށެވެ. ބައެއް ފަހަރަށް ތަންކޮޅެއް ދުރަށް ޖެހިފައިވެސް ހިނޭ ޖަހައެވެ. މި ގޮތަށް ހިނޭ ޖަހާފައި ހުންނަ އިރު، އެ ސަރަހައްދުގެ ގަސްތަކުގެ ހަތަރު ފަސް ފޫޓު އުސްމިނުގައިވެސް އެވެލި ހުންނާނެ އެވެ. ހިނޭ ޖަހައި ނިމުމުން ވެލާގެ ދައުރު ނިމުނީއެވެ. ބިސް އެޅުމަށްފަހު ބިހަށް ވީގޮތެއް ބެލުމެއް ނޯވެއެވެ.

ހިނޭ ޖަހާފައި ހުރުމަކީ ވެލާ ފައިބައިގެން ގޮސްފައި ވަނީ ބިސް އަޅާފައިކަމުގެ ކަށަވަރުކަން ވެސް ލިއްބައިދޭ ކަމެކެވެ. ވެލައެއް އަރާފައި އޮތް ސަރަހައްދެއް ފެނިއްޖެ ނަމަ، އެންމެ ފުރަތަމަ ބަލާނީ ހިނޭ ޖަހާފައި ހުރިތޯ އެވެ. ހިނޭ ޖަހާފައި ނެތް ނަމަ އެއީ ބިސް ނާޅައި ފައިބައިގެން ގޮސްފައިވާ ވެލައެއް ކަމަށް ނިންމައެވެ.

ބިސް އަޅާން އެރުމާއި ވަޅު ކޮނުމާއި ބިސް އަޅައި ބިސްވަޅަށް ފަސްލައި ހިނޭޖަހައި ފައިބައިގެން ދިއުމާ ދެމެދު ވެލައެއް އެއްގަމުގައި ހޭދަކުރާ ވަގުތުގެ ދިގުމިން ދެގަޑިއިރާއި ހަތަރުގަޑިއިރަށް ދެމިގެންދެއެވެ. ވަރަށް މަދު ފަހަރެއްގައި މިޔަށްވުރެ އަވަސްވެފައި ހުރެއެވެ. މިގޮތަށް އަވަސްވާ ގޮތަށް ދިމާވަނީ އެއް ތަނަކަށް އަރައި އެތަން ކަމުނުގޮސްގެން އެހެން ތަނަކަށް އަރައި އެހެން އުޅުމުގެ ތެރޭގައި ފަތިސްވެ އަލިވާން ކައިރިވުމެވެ. ބިސް އަޅާން އަރާ ވެލާ އަލިވިލުމުގެ ކުރީން ފައިބައިގެން ދާނެ އެވެ. ވަރަށް މަދު ފަހަރެއްގައި މެނުވީ ވެލާ ބިސް އަޅާން އަރާނީ ފޫދޭ ދިޔައަށެވެ. މާނަ އަކީ ދިޔަވަރު ބޮޑުވެގެން އަންނަ އިރުއެވެ. އެންމެ އާންމު ވަރަކީ، މެދުއަތިރިޔަށް ދިޔަވަރު އެރުމެވެ. މިހެން ހަދަނީ ލޮނުގަނޑު ވަކި ހިސާބަކަށް އަރާފައި އޮތުމުން އެއްގަމަށް އަރާން ފަސޭހަވުމާއެކު އަލުން ފައިބާންވެސް ފަސޭހަ ވާތީއެވެ.

އިހުގެ ބައެއް މީހުން ބުނާ ގޮތުން ނަމަ، އަންހެން ވެލާ އެއްގަމަށް ބިސް އަޅާން އެރުމުން، ފިރިހެން ވެލާ އެސަރަހައްދުގެ މޫދުގައި ފޯރިޔަށް އޮވެއެވެ. މި ކަމުގެ ހަގީގަތް ތަޖުރިބާ ކުރި މީހަކު ދިމައެއް ނުވެއެވެ. އަންހެން ވެލައެއް ވިހާން ތައްޔާރުވާ ވަރަށް ބިސް ހޯދަނީ އެތައް ވެލަޔަކާ ޖޯޑުވެގެން ކަމަށްވާތީ، މިއީ އެންމެ ރަނގަޅު ވާހަކަޔަކަށް ނުވުމުގެ ފުރުސަތުވެސް އެބަ އޮތެވެ. ހަގީގަތެއް ނަމަ، އެއް ވެލަޔަށްވުރެ ގިނަ ވެލާ ފޯރިޔަށްވެސް ތިބޭނެ އެވެ. މި ނުކުތާގައި މައުލޫމާތު ހޯދި ބައެއް ތަޖުރިބާކާރުންވެސް ބުނަނީ މިއީ ހަގީގީ ވާހަކައެއް ކަމަށް އެނގެން ނެތް ކަމަށެވެ. އެހެން އެތިބޭ ވެލަޔަކީ ވެސް އަންހެން ވެލައެއް އަރާތީ، އެ ވެލާގެ ފުށުން އެހެން ފައިދާއެއް ހޯދުމުގެ ބޭނުމުގައި ފާރަލާ ފިރިހެން ވެލަޔަށް ވުމަކީ މިކަމުގައި ވެސް އެންމެ އެކަށީގެންވާ ގޮތް ކަމަށް މެރިން ސައިންސްގެ ތަޖުރިބާކާރު ބޭފުޅުން ވިދާޅުވެއެވެ.

ކިތަންމެ ވަރަކަށް ހިނޭ ޖަހާފައި ހުއްޓަސް ވަރަށް ފަރިތަކަމާ އެކު ބިސްވަޅު އޮތްތަން ދެނެގަންނަ މީހުން ތިބެއެވެ. މިކަމަށް ވަރަށް ގާބިލު ކުޅަދާނަ މީހުން ރާއްޖޭގެ ރަށްރަށުގައި މިއަދުވެސް އެބަތިއްބެވެ. ބިސްވަޅު ހޯދުމުގައި ކަން ކުރާ ގޮތަކީ، އެންމެ ފުރަތަމަ، ތަންކޮޅެއް ހަރު، ކޮޅު އޫ، ދަނޑިއެއް ފަދަ އެއްޗެއް ތައްޔާރުކުރަނީއެވެ. ފަސްގަނޑުގެ އަޑިޔަށް ތިން ވަރަކަށް ފޫޓަށް ކޮއްޕޭވަރުވާންވާނެއެވެ. ދެން ބިސްވަޅު ކަމަށް ބެލެވޭ ތަންތަނަކަށް ކޮއްޕަނީ އެވެ. ބިސްވަޅު ހިމެނޭ ސަރަހައްދުގެ މަތީ ފަށަލަ އާންމު ގޮތެއްގައި އެހެން ސަރަހައްދުތަކަށްވުރެ ހަރުވާނެއެވެ. އެގޮތަށް ހަރު ހިސާބުތަކަށް އިތުރު ހިތްވަރެއްލައި ބާރަށް ކޮއްޕަމުން ދާއިރު، ކުއްލިއަކަށް އޫ އަޑިޔަށްގޮސް ބިސްވަޅަށް ހެރޭނެ އެވެ. އެ ހެރުނީ ބިސްވަޅަށްތޯ ޔަގީންކުރުމަށް ޓަކައި އުލުގެ ކުރީގައި އިނގިލި ކާތައި ވަސް ބަލާނެ އެވެ. އެއީ ބިހަކަށް ހެރުމުން އުލުގެ ކުރީގައި ލޮނދި ހުންނާނެތީ އެވެ.

ބިސް އެޅުމަށް ޓަކައި އެއްގަމުގައި އެހޭދަ ކުރާ ވަގުތަކީ ވެލަޔަށް ވަރަށް ބުރަ، އުނދަގޫ ވަގުތެކެވެ. އެސޮރު ނޭވާލަނީ ވައިގެ ތެރެޔަށް ނަމަވެސް، ދިރިއުޅުމުގެ އަސްލު މާހައުލަކީ މޫދުތެރެކަމަށް ވާތީ އެވެ. އެހެންކަމުން އެއްގަމަށް އެރުމަށްފަހު ދެން އެހޭދަވާ ވަގުތުތަކުގައި ވެލާގެ ހަރަކާތްތައް ވަރަށް ލަސް ވާނެ އެވެ.

ބިސް އަޅަމުންދާއިރު ވެލާ ރޯ ކަމަށް މީހުން ބުނެއެވެ. އެހެންނަމަވެސް އެއީ ހަގީގަތެއް ނޫނެވެ. އެއީ އެސޮރުގެ ހަށިގަނޑު ބެލެންސް ކުރުމުގެ މަރުހަލާއެކެވެ. ލޮލުން އެބޭރުކުރަނީ މި މަރުހަލާގެ ތެރެއިން ބޭރުކުރާ ލޮނެވެ. ފަސްވަޅު ކޮނުމާއި އެއްގަމަށް އަރައި ވެލިގަނޑުގެ ތެރޭގައި އެ ހޭދަކުރާ ވަގުތުގައި ވެލާގެ ލޮލުތެރެޔަށް ވެސް ވަރަށް ގިނަ ފަހަރަށް ވެލި އެޅިފައި ހުރެއެވެ. ލޮނު ބޭރުކުރުމުގެ މަރުހަލާގެ ތެރޭގައި މި ވެލި ވެސް ދޮވެވި ސާފުވެގެންދެއެވެ.

ހެކިވެރިވެލާ

ދެވެލައެއް ގުޅުން ހިންގާއިރު ބަލާން އޮންނަ ވެލައެއްގެ ވާހަކަ ދިވެހި ބަސް ފޮތުގައި އޮވެއެވެ. ބަސް ފޮތުގައި މި ވެލަޔަށް "ހެކިވެރިވެލާ"ގެ ނަން ދީފައި އޮންނާތީ ބައެއް މީހުންނަށް ހީވެފައި އޮންނަނީ އެއީ ދެވެލައެއް ގުޅުން ހިންގާއިރު ސެކިއުރިޓީ ދިނުމަށް ނުވަތަ، ސަލާމަތަށް ޓަކައި އޮންނަ ވެލައެއް ކަމަށެވެ. ނުވަތަ ހެކިވެރިޔެއްގެ ގޮތުގައި އޮންނަ ވެލައެއް ކަމަށެވެ. މިއީވެސް ރަނގަޅު ހީއެއް ނޫނެވެ. ދެވެލައެއް ގުޅުން ހިންގާ މަންޒަރު ފެނުމުން، އެހެން ވެލައެއް ނުވަތަ ވެލާތަކެއް އެ މަންޒަރަށް ފާރަލަނީ، ގުޅުން ހިންގަމުންދާ ފިރިހެން ވެލާ ނިމުމުން އަންހެން ވެލަޔާ ކައިރިވެ ގުޅުން ހިންގުމަށެވެ. ފާރަލާން އޮންނަ ވެލާ، ގުޅުން ހިންގަމުންދާ ދެވެލާގެ މެދަށް ވަދެ، ފިރިހެންވެލާ ދުރުކުރާން މަސައްކަތްކުރާތަންވެސް އަންނަނީ މަދު ފަހަރަކު ނޫނެވެ. އަދި ހަމަ އެހެންމެ ގުޅުން ހިންގަމުންދާ ފިރިހެން ވެލާ ނިމުމުން އަންހެން ވެލާގެ ގައިމައްޗަށް އަރައި ގުޅުން ހިންގަނީވެސް މަދު ފަހަރަކު ނޫންމެއެވެ.

ރާއްޖޭގައި 2018 ވަނަ އަހަރު ދެވެލައެއް ގުޅުން ހިންގަނިކޮށް ނަގައިފައިވާ ވީޑިއޯއެއް --- ވީޑިއޯ ކްރެޑިޓް: ސަހާ ހަސްލިމް، އޮލިވް ރިޑްލޭ ޕްރޮޖެކްޓް

ކޮންމެޔަކަސް، ވެލާގެ ތޮބީއަތް ވަރަށް ގިނަ ދިވެހީން ރަނގަޅަށް ދަނެ އެވެ. ވެލަޔަކީ މުޅި ދުނިޔޭގައި ވެސް ވަރަށް ބޮޑަށް މަދުވަމުން އަންނަ އެއްޗެެކެވެ. ރާއްޖެއަށް އަންނަ ޓޫރިސްޓުންވެސް ބަލާން އެންމެ ޝައުގުވެރިވާ އެކައްޗަކީ ވެލައާއި ކަހަނބެވެ. އެހެންކަމުން މިސޮރުމެން އަރާން އެކަށީގެންވާ މާހައުލުތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރުމަކީ އެތަކެތި އެހެން ހިސާބުތަކަށް ހިޖުރަކުރުން ހުއްޓުވުމަށް ވަރަށް ބޭނުންތެރިކަމެކެވެ. މާކުރީއްސުރެ ވެލާ އުފަންވެ، ބިސްއަޅައި އުޅުނު ކިތަަންމެ މާހައުލެއް މިހާރުވެސް ރާއްޖެއަކު ނެތެވެ. ވީމާ ކުރިމަގަށް ބަލައިގެން "މާލޭ ވެލާފަސްގަނޑު" ވެސް އަދި މިނޫނަސް ރާއްޖޭގެ އަތޮޅުތަކުން މިގޮތަށް ފާހަގަވާ ބައެއް ތަންތަން ނަމަވެސް ހިމާޔަތްކޮށް ރައްކާތެރިކުރުމަކީ މިހާލަތަށް މުހިންމުކަމެވެ.