ޚަބަރު

ވަގު ޑޮލަރު ވިއްކަމުން ދާތީ ސަމާލުވުމަށް އަންގައިފި

މުހައްމަދު ޖަމްޝަތް ވަހީދު

މަނީ އެކްސްޗޭންޖްގެ ނަމުގައި ޝޯޝަލް މީޑިއާ މެދުވެރިކޮށް ސައްހަނޫން ޔޫއެސް ޑޮލަރު ވިއްކަމުންދާ ކަމުގެ މައްސަލަތަކެއް ފެންމަތި ވެފައިވާ ކަމަށާއި އެ ކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ މަނީ އެކްސްޗޭންޖް ވައިބާ ކޮމިއުނިޓީގައި ޔޫއެސް ޑޮލަރު ވިއްކަން އިޝްތިހާރު ކުރުމަށްފަހު، ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާއާ ވަކިން ވާހަކަ ދައްކައި ވިއްކާ މީހުން ބުނާތަނަކަށް މީހާ ގެންދާ ކަމަށެވެ. އަދި އެގޮތަށް ގެންދިއުމުގައި، މީހުން މަދު ނުވަތަ މީހުން އާންމުކޮށް ނޫޅޭ ސަރަހައްދުތަކަށް ދިއުމަށް ދައުވަތު ދޭ ކަމަށާއި އަދި ޔޫއެސް ޑޮލަރު ގަންނަން ބޭނުންވާ މީހާ ދިވެހި ފައިސާ ދިނުމުން ކައުންޓަފީޓް ނުވަތަ ވަގު ޔޫއެސް ޑޮލަރު ދެމުންދާ މައްސަލަތައް ފުލުހުންނަށް ހުށަހަޅަމުންދާ ކަމަށެވެ.

ބޭރުފައިސާ އެކްސްޗޭންޖް ކުރުމުގެ ހުއްދަ އޮތް ފަރާތްތައް މެދުވެރިކޮށް ނޫނީ މިފަދަ މުއާމަލާތްތައް ނުހިންގުމަށާއި މަނީ އެކްސްޗޭންޖް ކުރުމަށްފަހު ދޭ ފައިސާއަކީ ސައްހަ ފައިސާކަން ކަށަވަރު ކުރުމަށްފަހު ނޫނީ މިފަދަ މުއާމަލާތްތައް ނުހިންގުމަށް ފުލުހުން ވަނީ އިލްތިމާސް ކޮށްފައެވެ.