އިސްލާމްދީނުގައި ބުރުގާ އަކީ މަޖުބޫރު މާއްދާއެއް ނޫން ކަމަށްބުނެ ކޮލެޖުތަކުގައި ބުރުގާ އެޅުން މަނާކަމަށް ކަރްނާޓަކާ ކޯޓުން ނިންމައިފިއެވެ.

ދެކުނު އިންޑިއާގެ ކަރްނަޓަކާގައި ކިޔަވަމުންދިޔަ މުސްލިމް ދަރިވަރުންތަކަކަށް ބުރުގާގެ ސަބަބުން ކިޔެވުން މަނާކުރި މައްސަލަ ހޫނުވެފައިވާއިރު ކަރްނާޓަކާގެ ހައިކޯޓުން ވަނީ މައްސަލަ ބަލަން ފަށައިފައެވެ. ސަރުކާރުން ހިންގަމުން އަންނަ އުޑުޕީ ކޮލެޖުގައި ކިޔަވަމުންދިޔަ ދަރިވަރުންތަކެއް ބުރުގާ އެޅުމުގެ ސަބަބުން ކުލާހަށް ވަނުން މަހުރޫމުކުރުމުގެ ސަބަބުން އެދަރިވަރުން ވަނީ ހައްގު ހޯދައިދިނުމަށް އަޑު އުފުލައިފައެވެ.

ކޮލެޖުގެ ޕްރިންސިޕަލް ބުނެފައިވަނީ ބުރުގާ އަކީ ކޮލެޖުން ކަނޑައަޅާފައިވާ ޔުނިފޯމާ ހިލާފު މާއްދާއެއް ކަމަށެވެ. ކޮލެޖުން މިކަމަށް ހައްލެއް ހޯދައިދިނުމަށް އުޒުރުވެރިވެފައިވާތީ އެ ދަރިވަރުން ވަނީ މިމައްސަލަ ކަރްނާޓަކާގެ ކޯޓަށް ވައްދާފައެވެ.

ހިންދޫންގެ ބީޖޭޕީ ސަރުކާރުން ހިންގަމުން އަންނަ ކަރްނާޓަކާ ސްޓޭޓުގައި ބުރުގާގެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެ މުޒާހަރާތައް ކުރަމުންދިއުމުގެ ސަބަބުން މިހަފުތާގެ ތެރޭގައި ވަނީ އާއްމުން އެއްތަނަކަށް އެއްވެ އުޅުން މަނާކޮށްފައެވެ.

ކަރްނާޓަކާ ސަރުކާރުންވެސް ކޮލެޖުގެ ވެރިންނާއި އެއްކޮޅަށް އަރާފައިވާއިރު ކޯޓުގައި ކުރިއަށްދިޔަ އަޑުއެހުންތަކުގައި ބުނެފައިވަނީ ބުރުގާއަކީ އިސްލާމްދީނުގައި އެޅުން މަޖުބޫރު އެއްޗެއް ނޫންކަމަށާއި އެގޮތުން ކިޔަވައިދޭ ކޮލެޖުތަކުގައި ބުރުގާ އެޅުން މަނާކުރުމުގެ ސަބަބުން ދީނީ މިނިވަންކަމަށް ހުރަސް އެޅިފައި ނުވާކަމަށެވެ. މައްސަލަ ވެއްދި މުސްލިމް ދަރިވަރުން ވަކާލާތުކުރަމުން ދިޔައީ ހެދުން އަޅާ ގޮތަކުން ކިޔެވުމުން މަހުރޫމުކުރުމަކީ އަސާސީ ހައްގެއް ނިގުޅައިގަތުން ކަމަށާއި އެ ހައްގު ކަށަވަރުކޮށްދިނުމަށް އެދިއެވެ.

ކަރްނާޓަކާގެ ހައިކޯޓުން ބޭއިންސާފުން ނިންމި މިނިންމުމުގެ ސަބަބުން މައްސަލަ ކޯޓަށް ވެއްދި ދަރިވަރުން އަދި ބަޔާނެއް ދީފައި ނުވާއިރު މިމައްސަލަ އިސްތިއުނާފަށް ހުށަހަޅާނެކަމަށް ވަނީ ބެލެވިފައެވެ.

ކޯޓުގެ މިނިންމުމާ ގުޅިގެން މުސްލިމުން މަދު އާބާދީއެއް އޮންނަ މި ސްޓޭޓުގައި ތައުލީމު ހާސިލުކުރާ އަންހެން ދަރިވަރުންނަށް އިލްމު އުނގެނުމުގެ ފުރުސަތު ވަނީ ހަނިވެފައެވެ.