ދުނިޔެ

ޗައިނާގައި ކޮވިޑުގެ އަދަދުތައް މަތިވެ ގިނަ ސަރަހައްދުތަކެއް ފުރަބަންދުކޮށްފި

ޗައިނާގައި ކޮވިޑުގެ އަދަދުތައް މަތިވާން ފެށުމާ ގުޅިގެން އެގައުމުގެ ގިނަ ސަރަހައްދުތަކެއް ފުރަބަންދުކޮށްފިއެވެ.

ޗައިނާގެ ނެޝަނަލް ހެލްތު ކޮމިޝަނުން އާއްމުކުރި ހިސާބުތަކަށް ބަލާއިރު ހޯމަދުވަހު އެކަނިވެސް ވަނީ އެގައުމުގައި ދިރިއުޅޭ މީހުންގެ ތެރެއިން ބަލީގެ އަލާމާތްތަކާއެކު 3507 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މިއީ އޭގެ ކުރީދުވަހަށްވުރެ 1337 މީހުންގެ އިތުރުވުމެއްކަމުގައި އެ ކޮމިޝަނުން ވަނީ ހާމަކޮށްފައެވެ.

2019 ވަނަ އަހަރު ދުނިޔެއިން އަލަށް ޗައިނާގެ ވޫހާން ސިޓީގައި ކޮވިޑު ފެނިފައިވާއިރު މިއަދާއި ހަމައަށް އެގައުމުގައި ވަނީ ''ޒީރޯ-ކޮވިޑު''ގެ ސިޔާސަތުގެ ދަށުން އާއްމުން ދިރިއުޅޭ ބައިބޯ ގިނަ ސަރަހައްދުތައް ދިގު މުއްދަތަށް ފުރަބަންދުކޮށް، ކޮވިޑު ކޮންޓްރޯލުކުރުމުގައި ކާމިޔާބު ހޯދާފައެވެ.

ޗައިނާގެ ކޮވިޑުގެ އަދަދުތައް ހަލުވިކަމާއެކު މަތިވާން ފަށާފައިވީނަމަވެސް މިއީ ދުނިޔޭގެ ނިސްބަތުން އަދިވެސް ދަށް އަދަދުތަކެކެވެ. ނަމަވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ އަދަދުތައް އިތުރުވަމުންދާގޮތަށް ބަލައި މިވަގުތު ހަލުވި ކަމާއެކު ފެތުރެމުން އަންނަ އޮމިކްރޮން ވޭރިއަންޓު ކޮންޓްރޯލްކުރެވިފައިވޭތޯ ދެނެގަނެވިގެންދާނެކަމުގައި އެގައުމުން ވަނީ ބުނެފައެވެ.

ޗައިނާގެ ލަންޒޫ ޔުނިވަސިޓީން ބަލަހައްޓަމުން އަންނަ ކޮވިޑް-19 ފޯކާސްޓު ސިސްޓަމުން ލަފާކުރާގޮތުގައި މިވަގުތު އެގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑުގެ އަދަދުތައް 35،000 އާއި ހަމައަށް އެރުމަށްފަހު އަންނަ އެޕްރިލްމަހުގެ ތެރޭގައި ކޮންޓްރޯލްކުރެވޭނެކަމަށް ވަނީ ލަފާކޮށްފައެވެ. އެ ޔުނިވަސިޓީން އިއްޔެ އާއްމުކުރިގޮތުގައި މިވަގުތު ކޮވިޑު އެންމެ ހަލުވިކަމާއެކު ފެތުރެމުންދަނީ އެއް ސަރަހައްދަކަށް ކަމަށްވާއިރު، އެ ސަރަހައްދުން ބޭރަށް ފެތުރުނުނުދީ ހިފެހެއްޓިއްޖެނަމަ ކޮވިޑު ކޮންޓްރޯލުކުމުގެ ފުރިހަމަ ޔަގީންކަން އެބައޮތެވެ.

ކޮވިޑުގެ އަދަދުތައް މަތިވާން ފަށާފައިވާތީ މިހާތަނަށް ޗައިނާގެ 11 ސިޓީއަކާއި ބައިބޯ ސަރަހައްދުތަކެއް ފުރަބަންދުކޮށްފައިވާއިރު އޭގެ ތެރޭގައި ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާ ދެކުނުގެ ޓެކް ހަބެއް ކަމަށްވާ 11 މިލިއަން މީހުން ދިރިއުޅޭ ޝެންޒެން ހިމެނެއެވެ. ވިޔަފާރީގެ މައި ހަބެއް ކަމަށްވާ ޝެންހާއީގައި ކޮވިޑުގެ އަދަދުތައް މަތިވަމުން ދިއުމާ ގުޅިގެން، ކޮވިޑަށް ޕޮޒިޓިވްވާ އާއްމުން ދިރިއުޅޭ އިމާރާތްތައް މޮނިޓަރިންނަށް ލައި އެ އިމާރާތްތަކުގައި ދިރިއުޅޭ އެންމެން ޓެސްޓުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. މީގެ އިތުރުން މިއަހަރުގެ މާޗް 21 އިން ފެށިގެން މެއި 1 ގެ ނިޔަލަށް ޝެންހާއީއަށް ޝެޑިއުލްކުރެވިފައިވާ ބައިނަލްއަގުވާމީ ފުލައިޓު ދަތުރުތައް މިހާރުވަނީ އެހެނިހެން މަންޒިލްތަކަށް ބަދަލުކުރެވިފައި ކަމުގައި ޝެންހާއީގެ ވައިގެ ދަތުރުފަތުރުތަކާ ގުޅޭ އިދާރާއިން ވަނީ ބުނެފައެވެ.

ޝެންހާއީގައި ހޯމަދުވަހު ބަލީގެ އަލާމާތްތަކާއެކު 21 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އޭގެ ތެރޭގައި ގައުމުން ބޭރުން ދިޔަ މީހުންގެ ތެރެއިން ޕޮޒިޓިވްވި 12 މީހަކު ހިމެނޭކަމަށާއި ބަލީގެ އެއްވެސް އަލާމާތެއް ނެތި ކޮވިޑަށް އިތުރު 130 މީހަކު ޕޮޒިޓިވްވެފައިވާކަމުގައި ޝެންހާއިން ވަނީ ބުނެފައެވެ.

ޗައިނާގައި ބަލީގެ އަލާމާތްތަކާއެކު ހޯމަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ %90 މީހުންނަކީ އިރު އުތުރު ޖިލިން ޕްރޮވިންސުން ފެނުނު ކޭސްތައް ކަމަށްވާއިރު 24.1 މިލިއަން މީހުންގެ އާބާދީއެއް އޮންނަ ޖިލިން ޕްރޮވިންސަށް އަރައި ފޭބުން މަނާކޮށް އެ ޕްރޮވިންސް ވަނީ އެއްކޮށް ފުރަބަންދުކޮށްފައެވެ.

ބަލީގެ އަލާމާތެއްނެތި ކޮވިޑަށް ޕޮޒިޓިވްވާ ކޭސްތަކަކީ ކޮވިޑުގެ އަދަދުތައް ގޮތުގައި ޗައިނާގެ ސަރުކާރުން ބަލަމުން ނުދިޔަނަމަވެސް ހޯމަ ދުވަހު އޭގެ 1768 މީހުން ހިމެނޭއިރު މި އަދަދު އޭގެ ކުރީ ދުވަހު ހުރީ 906 ގައެވެ. ކޮވިޑުގެ އަދަދުތައް މަތިވާން ފަށާފައިވީނަމަވެސް ބަލީގައި އިތުރު މީހަކު މަރުވިކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.