ޚަބަރު

ބޮޑެތި ބަދަލުތަކަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލުން ހުޅުވައިފި

މުހައްމަދު އިޝާން

ބޮޑެތި ބަދަލުތަކާއެކު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓް އަލުން މިރޭ ހުޅުވައިފިއެވެ.

އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕަމާޓް ހުޅުއްވައިދެއްވީ މިރޭ އެކަމަށް ހާއްސަކޮށްގެން ބޭއްވި ރަސްމިއްޔާތެއްގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު އަދި އެސްޓީއޯގެ ވިޔަފާރި ޕާޓްނަރުންނެވެ.

އެސްޓީއޯގެ ވިޔަފާރި ޕާޓްނަރުންނަކީ ސިޓީ ބޭކަރީ، ނޯޓް ކޮސްމެޓިކްސް، ޕޮއިސް، މެކްސްކޮމް، މެރަތަން، އަސްރަފީ ބުކްޝޮޕް އަދި ޕީކަބޫއެވެ. އެހުރިހާ ވިޔަފާރިތަކުން ވިއްކާ މުދާ މިހާރު އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓުން ލިބެން ހުންނާނެއެވެ.

މިފަހަރު ސުޕަމާޓް ހުޅުވި އިރު، އެ ފިހާރައިން ކުރިން ވެސް ލިބެން ހުރި އުފެއްދުންތަކުގެ އިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ފިހާރައާއި، ފާމަސީގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެއެވެ.

ސުޕަމާކެޓް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ފައިސަލް ވިދާޅުވީ، އެހެން ވިޔަފާރިތައް ފުޅާކުރުމަށް މަގުފާހިވާނެހެން އެސްޓީއޯއިން ހުޅުވާލި ފުރުސަތަކީ އެކުންފުނިން އެޅި މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި އެއީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް ހުޅުވާލި ފުރުސަތެއްގެ ގޮތުގައި ނައިބު ރައީސް ވަނީ ފާހަގަކުރައްވައިފައެވެ. އެގޮތުން އިގުތިސޯދު ކުރިއެރުވުމަށް އަމިއްލަ ވިޔަފާރިތަކާ ގުޅިގެން އެސްޓީއޯ ތެދުވަންޖެހޭ ކަމަށް ވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖެއަށް ބޭނުންވި ޒަރޫރީ އެކި މުދާ ހުސްނުވެ ރާއްޖެއިން ލިބޭނެ ގޮތް ހަމަޖެއްސުމަށާއި، ކޮވިޑުގެ ބަލިމަޑުކަމުގައި ތަކެތީގެ އަގުއުފުލިގެން ދިޔަ ނުދިނުމަށް އެސްޓީއޯއިން ކުރި މަސައްކަތަށް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އަމްރު ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ އާންމު ވިޔަފާރިތަކަށް ދޮރު ހުޅުވާލައި، އެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އެ ސިޔާސަތުގެ ދަށުން އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން މިހާރު އަމިއްލަ ނުވަ ވިޔަފާރިއަކާއެކު އެއްބަސްވުން ހަދާފައިވާ ކަމަށާއި މަސައްކަތް ކުރަމުންދަނީ އެ އަދަދު އިތުރުކުރަން ކަމަށް އަމްރު ވިދާޅުވިއެވެ.