ޚަބަރު

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެސްޓީއޯއިން މިވަނީ ކުދިވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރަން ފަށައިފައި: އަމްރު

މުހައްމަދު އިޝާން

ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް އެސްޓީއޯއިން މިވަނީ ކުދި ވިޔަފާރިތަކާ ގުޅިގެން މަސައްކަތްކުރަން ފަށާފައިކަމަށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެެއްޖެއެވެ.

އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕަމާކެޓް މަރާމާތުކުރުމަށްފަހު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، އެސްޓީއޯ އުފައްދައިގެން މިވޭތުވެދިޔަ ދިގު މާޒީގައި ގިނަ ކާމިޔާބީތަކެއް އެ ކުންފުނިން ހާސިލުކޮށްފައިވާ ކަމަށެވެ. އާ ބަދަލުތަކަކާއެކު އެސްޓީއޯ ޕީޕަލް ޗޮއިސް ހުޅުވިގެން ދިޔުމަކީ މުޅި ކުންފުންޏަށް ލިބިގެން އަންނަ ފަހުރެއް ކަމަށެވެ.

އަމްރު ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ސަރުކާރުން ކުރާ ވިޔަފާރިތައް މަދުކުރުން ކަމަށެވެ. އެ ސިޔާސަތުގެ ދަށުން އެސްޓީއޯ ޕީޕަލް ޗޮއިސްއިން މިހާރު އަމިއްލަ ނުވަ ވިޔަފާރިއަކާއެކު އެއްބަސްވުން ހަދާފައިވާކަމަށާއި މަސައްކަތް ކުރަމުން އަންނަނީ އެ އަދަދު އިތުރުކުރަން ކަމަށް އަމްރު ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމްރު ވިދާޅުވީ، އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕަމާކެޓުގައި އެހެން ވިޔަފާރިތަކާ ގުޅިގެން ވިޔަފާރިކުރުމަށް ހުޅުވާލުމުން ބައެއް ވިޔަފާރިތަކަށް އޮޅުން އަރައި އެސްޓީއޯއިން ކުރަން އުޅޭކަމެއް ސާފު ނުވެގެެން ގުޅައި ހެދި ކަމަށެވެ.

ނަމަވެސް އެސްޓީއޯގެ މުވައްޒަފުންގެ މަސައްކަތުން އެ ވިޔަފާރިތަކަށް އެކަން ސާފުކޮށްދީ ސުޕަމާކެޓް ހުޅުވަން އޮތް ދުވަހަށް ހުޅުވިގެންދިޔުމަކީ މުޅި އެސްޓީއޯއަށް ލިބުނު ޝަރަފެއްކަމަށް އަމްރު ވިދާޅުވިއެވެ.

ރޯދަ މަހާ ދިމާކޮށް އެސްޓީއޯ ޕީޕަލްސް ޗޮއިސް ބޮޑުކުރުމަށް ފަހު ހުޅުވާލީ ބޮޑު ބަދަލަކާއެކުގައެވެ. އެގޮތުން އެސްޓީއޯ ޕީޕަލް ޗޮއިސް ސުޕަމާކެޓުން އެހެން ވިޔަފާރިވެރިންނަށް ފުރުސަތު ދީފައިވާއިރު މިއީ އާއްމުންނަށް ލިބޭ އިތުރު ލުޔެއް ކަމަށް އަމްރު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

އެސްޓީއޯ ޕީޕަލްސް ޗޮއިސް އަލަށް ހުޅުވިއިރު މިހާރު އެ ސުޕަމާކެޓުގެ ތެރޭގައި ނިއު އެޑިޝަން، ސިޓީ އިންވެސްޓްމަންޓް، މަދީހާ ކޮމްޕެނީ، އަސްރަފީ ބުކްޝޮޕް، ޕޮއިސް، މެކްސްކޮމް، މެރަތަން މޯލްޑިވްސް އަދި ޕީކަބޫއިން ލިބޭ އެކި މުދަލާއި ހިދުމަތް ލިބެން ހުރެއެވެ.