އަމިއްލަ ވިޔަފާރިތައް ފުޅާކުރުމަށް މަގުފާހިވާނެހެން އެސްޓީއޯއިން ހުޅުވާލި ފުރުސަތަކީ އެކުންފުނިން އެޅި މުހިންމު ފިޔަވަޅެއް ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
"އެސްޓީއޯ ޕީޕަލް ޗޮއިސް" މަރާމަތުކުރުމަށްފަހު އެ ފިހާރާގައި އެހެން ވިޔަފާރިތަކުގެ މުދާ ވިއްކަން ބެހެއްޓޭނެ ގޮތް އެސްޓީއޯއިން ވަނީ ހަދައިފައެވެ. މިފަހަރު ސުޕަމާޓް ހުޅުވި އިރު، އެ ފިހާރައިން ކުރިން ވެސް ލިބެން ހުރި އުފެއްދުންތަކުގެ އިތުރުން އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ފިހާރައާއި، ފާމަސީގެ އުފެއްދުންތައް ވެސް ލިބެން ހުންނާނެއެވެ.
އޭގެ އިތުރުން އެސްޓީއޯގެ ވިޔަފާރި ޕާޓްނަރުންގެ މުދާ ވެސް މިހާރު ސުޕަމާޓުން ލިބެން ހުންނާނެއެވެ. އެސްޓީއޯގެ ވިޔަފާރި ޕާޓްނަރުންނަކީ ސިޓީ ބޭކަރީ، ނޯޓް ކޮސްމެޓިކްސް، ޕޮއިސް، މެކްސްކޮމް، މެރަތަން، އަސްރަފީ ބުކްޝޮޕް އަދި ޕީކަބޫއެވެ.
މަރާމާތަށްފަހު "އެސްޓީއޯ ޕީޕަލް ޗޮއިސް" އަލުން ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، އެހެން ވިޔަފާރިތައް ފުޅާކުރުމަށް މަގުފާހިވާނެހެން އެސްޓީއޯއިން ހުޅުވާލި ފުރުސަތަކީ އެ ކުންފުނިން އެޅި މުހިންމު ފިޔަވަޅެއް ކަމަށާއި އެއީ ރާއްޖޭގެ އިގުތިސޯދު ކުރިއެރުވުމަށް ހުޅުވާލި ފުރުސަތެއް ކަމަށެވެ.
އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކާއެކު އެއްބަސްވެ އެ ވިޔަފާރިތައް ގޮވައިގެން ކުރާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތްތަކެއް ކަމަށާއި ވިޔަފާރީގެ ދާއިރާގައި އެންމެ ބޮޑަށް ވިސްނަން ޖެހޭނެ އެއްކަމަކީ އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި އެ ވިޔަފާރިތައް ހަރުދަނާކުރުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ، ގައުމުގެ އިގުތިސޯދު ކުރިއެރުވުމަށް އެސްޓީއޯއިން އަމިއްލަ ވިޔަފާރިތަކާ ގުޅިގެން ތެދުވާންޖެހޭ ކަމަށެވެ. އަދި މިދިޔަ ދެއަހަރު ކޮވިޑުގެ ބަލިމަޑުކަމުގެ ތެރޭގައި ގައުމަށް ބޭނުންވި ޒަރޫރީ އެކި މުދާ ހުސްނުވެ ބާޒާރުން ލިބޭނެ ގޮތް ހަމަޖެއްސުމަށް އެސްޓީއޯއިން ކުރި މަސައްކަތް ފާހަގަކުރެއްވިއެވެ.
ކޮވިޑް ބަލިމަޑުކަމުގެ ދުވަސްވަރު ތަކެތީގެ އަގު އުފުލުނަ ނުދީ އެއް އަގެއްގައި ހިފެހެއްޓުމަށް އެސްޓީއޯއިން ކުރި މަސައްކަތަށް ވެސް ނައިބު ރައީސް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު