އަބަދުވެސް އިވޭނީ އަންހެންކުދިންގެ ހިތް ހަލާކުވާ ވާހަކައެވެ. މިވެނި އަންހެންކުއްޖަކު ލޯބީގައި ތަހައްމަލު ކުރަންޖެހުނު ވޭނެއްގެ ސަބަބުން މުޅި އުމުރަށް އެހިތާމައިގައި އުޅެންޖެހިފައިވާ ވާހަކައެވެ. އެވެނި ފިރިހެނަކާހެދި މިވެނި އަންހެނަކު ހިތާމައިން އަރައިނުގަނެވިގެން އުޅެން ޖެހިފައިވާ ވާހަކައެވެ. އާއިލާގެ ކަންތައްތައް ހުންނަ ގޮތުން މިވެނި އަންހެން ކުއްޖަކު އުޅެން ޖެހިފައިވާ ހިތާމަވެރި ދިރިއުޅުމުގެ ވާހަކައެވެ. އެކަމަކު މިފަދަ ވާހަކަތައް ފިރިހެނުންނާ ބެހޭ ގޮތުން ވަރަށް ނީވެއެވެ. ފިރިހެނުންނަކީ އެއްވެސް ކަމަކާ ދެރަވެ ހިތްދަތިވާ، ތަދުވާނެ، ނުވަތަ ރިއްސާނެ ހިތެއް ނޯންނަ ބައެއްކަހަލައެވެ. ފިރިހެނުން އަންހެނުންނާމެދު ކަންތައްކުރާ ގޮތުގެ ވާހަކަ ދައްކާއިރު ފިރިހެނުންނަށް ދުވަހެއްގައިވެސް މިފަދަ އެއްވެސް ކަމެއް ދިމާ ނުވަނީބާވައެވެ؟
"އަސްލު ދެރަވާވަރުދޯ. ކީކޭ ބުނާނީ. ނަން ކިޔާކަށް ވެސް ފަސޭހަނޫން. ދެން ނޭނގޭ."
އަށާރައަހަރުން ފެށިގެން އެކުގައި އުޅުނު، ލޯބިވެގެން ރައްޓެހިވެގެން އުޅޭތާ ހަތަރުވަރަކަށް އަހަރުފަހުން ރާއްޖެއިން ބޭރަށް ކޯހެއްގައި ގޮސް ހުއްޓާ އަންހެންކުއްޖާ މީހަކާ އިނީއެވެ. އޭގެ ފަހުންވެސް ދެމީހުންގެ ގުޅުން އޮތެވެ. އެކަމަކު ދުވަހެއްގައިވެސް އަނތްބަކަށް ވާކަށް އަންހެންކުއްޖާ ބޭނުން ނުވާކަން އިހުސާސް ވުމުން އެގުޅުން ކަނޑާލީއެވެ. ނަމަވެސް އަދިވެސް އެއީ މީނާގެ އެކުވެރިއެކެވެ. އަދިވެސް މިއަދުވެސް މީނާއަކަށް އެންމެ ކުޑަމިނުން އަންހެންމީހާގެ ނަން ކިޔުމަކީވެސް ފަސޭހަކަމެއް ނޫނެވެ. ހަމައެކަނި މިވާހަކަ މީނާގެ ދުލުން ކިޔައިދީ އެއަންހެން މީހާއާ ބެހޭ ގޮތުން އަދި މިކަމުގައި ދެރަވީވަރު ނުވަތަ ދެރަވާވަރު އަހާލަން ކޮށްލި ސުވާލަށް ދިން ޖަވާބަކީ ބަހުން ލަފުޒުތަކުން އެނގޭނެ މާބޮޑު ކަމެއް ނެތް އެންމެ ޖުމްލައެކެވެ. އެހެންނަމަވެސް ދިން ޖަވާބަށްވުރެ އޭނާގެ މޫނުމަތިން ލިބުނު ޖަވާބުތައް ގިނައެވެ. އަދި އެލޮލުންނާއި އޭނާގެ އަޑުން ވަރަށް ގިނަ ވާހަކަތައް ކިޔައިދިނެވެ.
އުމުރުން ސާޅީސްފަސްއަހަރު ވާއިރު، ބަލައިލުމަށް ސިފަވެސް ރީތި، އިލްމު ހުރި، އާއިލީ ގޮތުން ނުލާހިކު ގަދަރުވެރި، އެހާ ރަނގަޅު ވަޒީފާއެއްގައި ހުރި މީހެކެވެ. މަގާމާއި މުސާރަވެސް އެހާ ފުރިހަމަ، ފިރިހެނަކު މީހަކާ ނީނދެ، ހުރުމުން ހައިރާން ވާނެއެވެ. އަންހެނުންނާ ދޭތެރޭ ދެކޭގޮތްވެސް ވަކި ގޯހެއް ނޫނެވެ.
އެކަމަކު މީނާ ކައިވެންޏެއް ކުރަން ބޭނުމެއް ނުވެއެވެ. މީނާ މިހާރު އުޅެނީ ފަންސަވީހަކަށް އަހަރުގެ އަންހެނަކާ ރައްޓެހިވެގެންނެވެ. އެއީ ކުރިން ކައިވެންޏެއް ކޮށް ދެކުދިންވެސް ތިބި އަންހެނެކެވެ. ފިރިހެންމީހާއެކޭ އެއްގޮތަށް ނަމާއި ގަދަރު އޮތް ކުންފުންޏެއްގެ ޑިރެކްޓަރެކެވެ. އެކަމަކު މިދެމީހުން އެކީގައި އުޅޭތާ ދެއަހަރުވެގެން ދިޔައިރުވެސް ކައިވެންޏާ ހަމައަކަށް ގޮސްފައެއް ނުވެއެވެ. އެހެންކަމުން މިކަމާ ގުޅޭ ގޮތުން މީނާއާ ވާހަކަ ދައްކައި، މީހަކާ ނީނދެ އަދި މިގުޅުންވެސް މިހާ ދުވަސްވީއިރު ކައިވެންޏާ ހަމައަށް ނުގޮސް އޮތީ ކީއްވެގެންތޯއާއި މީގެ ކުރިން ފުރަތަމަ ލޯބިވެރިޔައާ މުޅީން ވަކިވިފަހުން ހަތަރުއަހަރުވީއިރު އެއްވެސް 'އަންހެންއެކުވެރިޔަކު' ނެތް ސަބަބަކީ ކޮބައިތޯ ވެސް އަހާލީމެވެ. އެކަމަކު އެހާބޮޑު ސަބަބެއްވެސް ވަކި އޮތްކަމަކަށް ނުބުންޏެވެ. ޖަވާބުތައް ސީދާވެފައި ދެފުށް ފެނެއެވެ. އެކަމަކު އެއީ ހީވާގޮތެވެ. ހަގީގަތަކީ މިފަދަ ކިތަންމެ ފިރިހެނުންނެއް ގައުމުގައި ތިބޭނެއެވެ.
ހަގީގަތުގައި ފިރިހެނުން ހިތާމަކުރާތަން ނުފެނުނަސް އެމީހުން ކުރާ ހިތާމަ ބޮޑުވެފައި އެހިތާމަ ދިގުލައިގެން ދެއެވެ. އަންހެނުން ކުރާ ހިތާމަ ބޮޑުމިންވަރަށް އެމީހުން ހިތާމަކުރާނީ ފާޅުގައެވެ. އަންހެނުންގެ ލޮލުން ކަރުނަ ފެނުމަކީ އެމީހުންގެ ނާޒުކުކަމާއި ބަލިކަށިކަން އަދި މައުސޫމިއްޔަތުކަން ދޭހަކޮށްދޭ ކަމަކަށް ވާއިރު ފިރިހެނުންނަށް މީގެ އިދިކޮޅެވެ. ފިރިހެނެއްގެ ލޮލުން ކަރުނަ ފެނުމާއި އެމީހުން ހިތާމަކުރާތަން ފެނުމަކީ އެމީހުންގެ ފިނިޑިކަން ހާމަވާ ކަމެއްކަމުގެ ގަބޫލުކުރުން އޮވެއެވެ.
ފިރިހެނުން ރޯތަން ފެންނާނީ ވަރަށް މަދުފަހަރެއްގައި ވަރަށް ހާލުންނެވެ. ފިިރިހެނުން ހިތާމަ ކުރާތަން މަދުން ފެންނަނީ މުޖުތަމައުގައި އެމީހުންނާ ދިމާކުރެވޭތީ ކަމަށް ހީވެފައި އޮވެއެވެ. އެފަދަ މީހުން ބުނަނީ އެއްވެސް ހާލެއްގައި އެއީ ބަޔަކު ދެކޭގޮތް ނޫންކަމަށެވެ. ނަމަވެސް އެހުރިހާ ފިރިހެނުންވެސް އިއްތިފާގުވި ގޮތުގައި އެމީހުންގެ ދިރިއުޅުމުގެ ކަންތައް ހުންނަ ގޮތުން ޒިންމާތަކާއި އެހެނިހެން ކަންތައްތައް ހުންނަ ގޮތުން ދިމާވާ ދެރަވާފަދަ، ހިތާމަކުރާކަހަލަ ހިތްދަތި ކަންތަކާ ވިސްނައި އެކަމަށް ފިކުރު ހިންގުމުގައި ވަގުތު ހޭދަކުރެވޭކަށް ނޯވެއެވެ.
އެއްލައްކަ އައްޑިހަ ހަތަރުހާހަށްވުރެ ގިނަ މީހުންލައިގެން ކުރި ދިރާސާތަކުން ދައްކާގޮތުން ފިރިހެނުން ހިތްދަތިވާކަހަލަ ކަންތައްތައް ދިމާވުމުން އެކަމުގެ ހިތާމައިގައި ވަރަށް ދިގު މުއްދަތެއް އެހިތްދަތިކަމުން އަރައިގަންނަން ހޭދަވެއެވެ. އަދި އެމީހުން ދެރަވާން އެދިމާވާ ކަމެއްގެ ހަނދާން ވަރަށް ތާޒާކޮށް އެމީހުންގެ ހިތާއި ސިކުނޑީގައި ހަރުލާފައި ހުރެއެވެ. އަދި މިކަމާ ބެހޭ ގޮތުން ވާހަކަ ދެއްކުމަކީ އެމީހުންނަށް އެންމެ އުނދަގޫ އަދި އެންމެ ދަތިކަންތައް ކަމަށް ވެއެވެ. ހަމައެހެންމެ ލިބޭ ހިތާމައަކުން ކުރަން ޖެހޭ އެހެނިހެން ކަންތައްތަކަށް ބުރޫ ނޭރިކަމަށްވިޔަސް އެހިތާމަ މެދުވެރިވާން ދިމާވާ ސަބަބާ އެމީހުން ވަރަށް ބޮޑަށް ދުރުވެގަނެއެވެ. އަދި ވަރަށްބޮޑު އިތުބާރަކާއި ޔަގީންކަމެއް ލިބުމުން ނޫނީ އެހެން ދިމާވާ ކަމަކަށް އެނބުރި އެމީހުން ނުދެއެވެ.
މިހެން ކަންތައް ދިމާވާން ޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. ހިތާމައެއް ހިތްދަތިކަމެއް ލިބުމުން ނުވަތަ އެފަދަ ކަމެއް މެދުވެރިވުމުން އެކަން ހިތުގައި ވަޅުޖައްސާލައިގެން ދުވާލުގެ އާންމު ކަންތަކުގެ ތާވަލަށް އެހިތާމަ އިތުރުކޮށްލުމަކީ ފިރިހެނުންގެ ތޮބީއަތުގައި އަށަގަނެފައިވާ ފިތުރީ ސިފައެކެވެ. މިހެން ކަންތައް ދިމާވާން ޖެހޭ ސަބަބު އެނގިގެން ނޫނީ މިފަދަ ކަންތަކުން ސަލާމަތްވެ ބަދަލެއް ނުގެނެވޭނެއެވެ.
ފުރަތަމަ މިފަދަ ގޮތަކަށް ތިމާމެނަށް ކަންތައް ކުރެވޭ ސަބަބު ދެނެގަނެ އެސަބަބަށް ޔަގީންކަން ދޭށެވެ. އަދި އެއަށްފަހު އެސަބަބާ ދެކޮޅަށް ކުރަން އެންމެ ރަނގަޅު ކަންތައް ދެނެގަންނާށެވެ، އަދި ދެން އެކަންތަކުން ފައިދާއެއް ފެނޭތޯ އަޖުމަ ބަލާށެވެ.
މުޅި ހަޔާތުގައިވެސް ހަމަ އެންމެ ފުރަތަަމަ އަލަތު ލޯބިވެވުނު އަދި އިންތިހާއަށް ލޯބިވެވުނު ފިރިހެންމީހާއާ އެކީގައި އުޅުމުގެ ނަސީބު ތިވަނީ ލިބިފައެވެ. ނިހާޔަތަށް އޯގާތެރިވެއެވެ. ނުހަނު ލޯބިން ނޫނީ ވާހަކައެއްވެސް ނުދައްކައެވެ. ކައިވެނިކުރުމަށް އަދިވެސް ވަގުތު އެބައޮތްކަމަށް ބުނާއިރު އަނތްބަކަށް ނުވިޔަސް ފިރިއެއްގެ ވާޖިބު އަދާކުރުމަށް އޭނާ ހަމަ އެއްވަނައެވެ. އެކަމަކު އޭނާގެ ލޮލުން އެފެންނަ އެހެންމީހަކަށްޓަކައި އޮންނަ އިހުސާސާއި ލޯބި ބަދަލުވާ ތަނެއް ނުފެނޭ ނޫންހެއްޔެވެ. އެހެންމީހަކާ ދޭތެރޭ އެވިސްނާ ވިސްނުން ނުވަތަ އެހެން މީހަކާމެދު އޭނާ ކުރާ އިހުސާސް ހުއްޓުވަން ޖެހޭކަމަށް ގަބޫލު ކުރަން ހެއްޔެވެ. އެކަންތައް ބަދަލު ނުކުރާނަމަ އެކުގައި އުޅުމުގައި އޭނަގެ ފަރާތުން އެއްވެސް މައްސަލައެއް ދިމަނުވިޔަސް އަމިއްލަ ހިތަށް ވާ އުނދަގުލުގެ ސަބަބުން ދެމީހުންގެ ދިރިއުޅުމަށް ބުރޫ ނާރައެއް ނުދާނެއެވެ. އަދި އަމިއްލައަށް ބޭނުން ނުވުމާއެކުވެސް ހިތްދަތިކަން ތަހައްމަލު ކުރަން ޖެހޭނެކަން ޔަގީނެވެ.
ވުމާއެކު މިފަދަ ހާލަތްތަކުގައި ފިރިހެންމީހާއަށް އެހީވުމަށް އަޒުމު ކަނޑައަޅައި އޭނާ އެވޭނުން މިންޖުކޮށް ސަލާމަތްކޮށްދޭށެވެ. އޭރުން އަމިއްލަ ނަފުސަށްވެސް އެކޮށްދެވެނީ ހެޔޮކަމެކެވެ. އަދި އެމީހެއްގެ ލޯތްބާއި ކުލުނު އެންމެ ފުރިހަމައަށް އިހުލާސްތެރިކޮށް ލިބުމުގެ މަގުފަހިވެގެން ހިނގައިދާނެއެވެ.
ފިރިހެނުންނަށް އެހީތެރިކަން ކިތަންމެ ބޭނުންވިޔަސް އެމީހުންގެ މިޒާޖާއި ތަބީއަތުގައި ހުންނަ ގޮތަކުން އެފަދަ އެހީއެއް ހޯދުމަކަށް ބޭނުމެއް ނުވެއެވެ. އެހެންނަމަވެސް މިފަދަ އެހީތެރިކަމެއް ލިބިއްޖެނަމަ އެގަނޑުވެފައިހުރި ހިތާމަތައް ވިރިގެން ކަރުނައިގެ ސިފައިގައި ހަށިގަނޑުން ބޭރުވެ ސިކުނޑިއާއި ހިތަށް އަދި މުޅި ހަށިގަނޑަށް އޭގެ ފައިދާ ކުރާނެއެވެ.
ތިރީގައި މިވަނީ ނަފުސާނީ އިލްމުގެ މާހިރުންނާއި ފިލޯސަފަރުން އަދި ސައިންޓިސްޓުން އިއްތިފާގުވެފައިވާ ބައެއް ކަންތަކެވެ. މިފަދައިން އެހީތެރިވެއްޖަނަމަ ބައިވެރިޔާ އަނބުރާ ގެނެވިދާނެ ކަމަށް ގިނަ ދިރާސާތަކުން ދައްކައެވެ.
ވާހަކަ ދައްކުވާށެވެ. އެކިގޮތްގޮތަަށް އެވާހަކަ ކިޔުއްވާށެވެ. މިސާލަކަށް އެންމެ މުހިންމުވެފައި ހުއްޓާ މަންމަ ނުވަތަ އާއިލާގެ ގާތް ވަރަށް ލޯބިވާ މީހަކު އޭނާއާ ދުރަށް ދިއުން ނުވަތަ މަރުވުން، ނުވަތަ ވަރަށް ބޮޑަށް ލޯބިވެގެން ރައްޓެހިވި މީހާގެ ވަކިވުން، މިފަދަ ހާލަތެއްގައި ގިނަގިނައިން އެމީހެއްގެ ނުވަތަ އެބައެއްގެ ވާހަކަ އޭނާ ލައްވައި ކިޔުއްވާށެވެ. އެއަންހެން މީހާ އާ ބައްްދަލުވެ ގުޅުން ބަދަހިވެގެން ދިޔަ ގޮތް ކިޔުއްވާށެވެ. ތިމާ ލޯބިވާ މީހުންނާ ބެހޭ ގޮތުން ވާހަކަ ދެެއްކުމަކީ އުފާވެރި އިހުސާސެއް ކަމަށް ދިރާސާތަކުން ދައްކައެވެ.
އަބަދުވެސް އޭނާއާ އެކުގައި ވާނޭކަމުގެ ޔަގީންކަން ދޭށެވެ.
ކޮންމެ ފަހަރަކު ދިމާވާ ކަންތަކުން މާޔޫސްވެ ހިތްދަތިވެ ހަރުކަށިވެފައި ތިބޭ މީހުންނަށް އެހެން މީހަކު ތިމާއަށްޓަކައިި ހުންނާނެކަމަށް ގަބޫލު ކުރުމަކީ ވަރަށް ދަތިކަމެކެވެ. ހަމައެހެންމެ އެއްވެސް މީހަކާ އެކު އެފަދަ މީހުންނަށް އުޅެން ފަސޭހަ ނުވާނެއެވެ. އެހެންކަމުން އޭނާއަށް އެއްފަހަރު ނަމަވެސް އެޔަގީންކަން ދިނުމަށް ތަފާތު އުކުޅު ބޭނުން ކުރާށެވެ. ކޮންމެ ގަޑިއެއްގައިވެސް އޭނާއަކީ ހާއްސަމީހެއްކަން ވިސްނޭ ކަހަލަ، އިހުސާސް ވާކަހަލަ ކަންތައް ދޭތެރެއަކުން ކުރާށެވެ.
ގިނަ ފަހަރަށް މިފަދަ ހާލަތަށް ގޮސްފައި ތިބޭ ފިރިހެނުން ބޭރުތެރެއަށް ނުކުމެ ތަންތަނަށް ގޮސް އުޅުންވެސް މަދެވެ. އޮފީހުން ގެއަށް ގެއިން އޮފީހަށް، މިއީ އެކަހަލަ މީހުންގެ ތެރެއިން ބައެއް މީހުންގެ އާދައެވެ. އެހެންކަމުން މަޑުމަޑުން އޯގާތެރިކަމާއެކު ވިސްނައިދޭށެވެ. މަދުމަދުން ގޮވައިގެން ބޭރަށް ނުކުމެ ތަންތަނަށް ގޮސް އުޅޭށެވެ. ލޯބިވެއޭ ގިނައިން ބުނުމުގެ ބަދަލުގައި ލޯބިދީ އެއިހުސާސް އިހުސާސްކޮށްދޭށެވެ. ސަބަބަކީ ލޯބިވުމަކީ ހަމައެކަނި ދުލުން ބުނުމެއް ނޫނެވެ، އެކަމަކު އެއީ ފަހުމުކޮށްދޭ ޖަޒުބާއެކެވެ.
މިފަދަ އެތައް ކަމެއް ކުރެވިދާނެއެވެ. ކުރާ ކަންތައް ހިތުގެ އަޑިން އިހުލާސްތެރިކަމާއެކު ކޮށްލާށެވެ. ތިމާއަކީ ދުނިޔޭގައި އޮތް އެންމެ ބޮޑު ހިތާމަ އުފުލި މީހާކަމުގައި ހީނުކުރާށެވެ. އަދި އަންހެނަކަށްވީތީ ހުރިހާ ތަކުލީފެއް މިއުފުލަނީ ތިމަންނާއޭ ހީނުކުރާށެވެ. ފިރިހެނެއް ވީމަ ވާނެ ދެރައެއް ނޯންނާނެއޭ ވަރަށް ހަމަޖެހިގެނޭ އޭނަ ހުންނާނީ މިހެން ނުވިސްނާށެވެ. ހަމަހިމޭނުން ހުންނަ ކޮންމެ ފަހަރަކީ، އެއްވެސް ކަމެއް ނުވެފައި ފަރުވާކުޑަވެފައި ނުވަތަ ފޫހިވެފައި ހުންނާނެ ފަހަރެއް ނޫނެވެ. ނުވަތަ އަބަދު ހިނިތުންވެފައި ހުރުމުގެ މާނައަކީ އެއީ އެއްވެސް ތަކުލީފެއް ނެތް މީހެކޭ ނޫނެވެ. އިރުއިރުކޮޅާ "ވަރަށް ދެރަވޭ، ވަރަށް ހިތަށް ތަދުވެސްވޭ!" މިފަދަ ބަސްތައް ނުބުނުމަކީ ތަދުނުވުމެއް ދެރަނުވުމެއް ނޫނެވެ. ފަހަރެއްގައި އެތަދާއި ދެރަވާވަރު ބޮޑުކަމުން އެއިން ވާހަކައެއް ބުނާނެ ހިތްވަރެއް ނުހުންނަނީ ކަމަށްވެދާނެއެވެ. އެހެންވީމާ މިފަދަ ކަންތަކަށް ހޭލުންތެރިވާށެވެ. އަދި އަނެކާ ހޭލުންތެރި ކުރުވާށެވެ. ނޭނގުމުގެ ތެރޭގައި ފިރިހެނުންނަކީ އެއްވެސް އިހުސާސެއް ހުންނަބައެއް ނޫނޭ ބުނެ އެމީހުންނަށް ނުހައްގު ބަސް ނުބުނަމާހެއްޔެވެ.
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް
ލައިފް ސްޓައިލް