ސިނަމާލޭ ބުރިޖު ކައިރީ އޮންނަ ވެލިގަނޑަށް އަނެއްކާ ވެސް ވެލައެއް އަރައިފިއެވެ.

މިދިޔަ މަހުގެ 27 ވަނަ ދުވަހު ވެސް އެތަނަށް ވެލައެއް އަރާފައި އޮއްވައި ފެނުމުން ފުލުހުން ވަނީ އެ ވެލާ މޫދަށް ބާލައިފައެވެ.

ސިނަމާލު ބުރިޖު ކައިރީ ފަސްގަނޑަށް އަނެއްކާވެސް މިރޭ ވެލައެއް އަރައިފައިވާ އިރު، ފުލުހުން ވަނީ ވެލަޔަށް ގޯނާއެއް ނުވާނެ ގޮތަށް އެތަން ބަންދުކޮށް ފޯރިމަރަން ފަށައިފައެވެ.

މާލެ ވަށައި ތޮށިލުމުގެ ކުރިން މާލެ އަކީ ވަރަށް ގިނައިން ވެލާ އެރި ރަށެކެވެ. ނަމަވެސް މާލެ ވަށައި ތޮށިލި ފަހުން މާލެއަށް ވެލާ އެރިކަން ތާރީހުން އެނގޭކަށް ނެތެވެ.

މާލެ ވަށައިގެން ތޮށި ލާފައިވާ އިރު، މާލެއަށް ވެލާ އެރި ސަރަހައްދަކީ ގުދުރަތީ ގޮތުން މާލޭގައި އުފެދިފައި އޮތް ހަަމައެކަނި ވެލިކޮޅެވެ.

ވެލާ ކަހަނބުގެ ބާވަތްތައް ރާއްޖޭގައި ހިމާޔަތްކޮށް އެ ހިފުން ވަނީ މަނާކޮށްފައެވެ.