ދިވެހިރާއްޖޭގެ ބައިވެރިވުމާއެކު، އިސްލާމްދީނާ މެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ (އިންޓަނޭޝަނަލް ޑޭ ޓު ކޮމްބެޓް އިސްލާމޮފޯބިއާ) ގޮތުގައި ކޮންމެ އަހަރެއްގެ މާޗު މަހުގެ 15 ދުވަސް ފާހަގަކުރުމަށް އދ.ގެ އާއްމު މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
އިސްލާމީ ގައުމުތަކުގެ ޖަމްއިއްޔާ، އޯއައިސީގެ ގައުމުތަކުގެ ފަރާތުން ހުށަހެޅި މި ގަރާރު ފާސްކުރުމަށް ގަރާރުގައި ހިމެނޭ ކަންކަމުގައި ގައުމުތަކުން އެއްބަސްވުމަކަށް ގެނައުމަށް، އދ.ގެ އާއްމު މަޖިލީހުގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު މުހިއްމު ދައުރެއް އަދާކުރެއްވިއެވެ.
މި ދުވަސް ބައިނަލްއަގުވާމީ ދުވަހެއްގެ ގޮތުގައި ކަނޑައެޅުމަށް އިސްލާމީ ގައުމުތަކުގެ ޖަމިއްޔާގެ ހާރިޖީ ވަޒީރުންގެ ކައުންސިލުން 2020 ވަނަ އަހަރު ނޮވެމްބަރު މަހު ނީޖާގެ ނިއާމޭގައި ނިންމި ބައްދަލުވުމުގައިވެސް ފޮރިން މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ގަރާރު އދ.ގެ އާއްމު މަޖިލީހަށް ހުށަހެޅުމަށް މެމްބަރު ގައުމުތަކުން ކުރި މަސައްކަތުގައި ރާއްޖެއިން ވަނީ މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ.
އިސްލާމްދީނާ މެދު ނަފްރަތު އުފެއްދުމާ ދެކޮޅަށް މަސައްކަތް ކުރާ ބައިނަލްއަގުވާމީ ދުވަހުގެ މަގުސަދުތަކުގެ ތެރޭގައި، އިސްލާމް ދީން ހިމެނޭހެން އެކި ދީންތަކަށް ނިސްބަތްވީތީ ކުރިމަތިވާ ތަފާތުކުރުންތަކާއި ފުރައްސާރައާ ދެކޮޅަށް މަސައްކަތްކުރުން ހިމެނެއެވެ. އަދި އަޅުކަންކުރާ ތަންތަނަށް އެކި ގޮތްގޮތުން ދެވޭ ހަމަލާތައް ކުށްވެރިކުރުންވެސް ހިމެނެއެވެ.
މިނިސްޓަރު ޝާހިދު މިއަދު ކުރެއްވި ޓުވީޓެއްގައި ވަނީ ރާއްޖޭގެ ބައިވެރިވުމާއެކު އދ.ގެ އާއްމު މަޖިލީހުން މިއަދު އެ ގަރާރާ ފާސްކުރުމާ ގުޅިގެން ރާއްޖޭގެ ފަރާތުން މަރުހަބާ ވިދާޅުވެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު