އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ބްރެޒިލްގެ ވޮލީ ޗެމްޕިއަން ގިލްބާޓޯ ގޮޑޯއި (ގީބާ)، ސެނެގާލް ގައުމީ ޓީމު އަދި ޕީއެސްޖީގެ ކުރީގެ ފުޓްބޯޅަ ތަރި ހަލީލޫ ފަޑީގާގެ އިތުރުން ޕްރޮފެޝަނަލް ވީލް ޗެއާ ޓެނިސް އެތުލީޓް ގޯޑަން ރީޑް ރާއްޖެ އަތުވެއްޖެއެވެ.

ގައުމީ ކުޅިވަރުތަކާއި ކުޅިވަރާ ގުޅުން ހުރި ދާއިރާތަކުން އެކިއެކި ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ޔޫތު މިނިސްޓްރީން އިސް ނަގައިގެން ބާއްވަން ނިންމާފައިވާ ހާއްސަ ކުޅިވަރު އެވޯޑު ހަފުލާ، މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ވެގެން ދާނީ ތާރީހުގައިވެސް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު އިވެންޓެވެ. އިވެންޓަށް ރާއްޖެއިން ބޭރުން، އެކިއެކި ކުޅިވަރުތަކުގެ ލެޖެންޑުންނާއި ކުޅިވަރުގައި ފާހަގަކޮށްލެވޭ ނުފޫޒު ގަދަ ފަރާތްތައް ރާއްޖެ ގެންނަން ވަނީ ނިންމައިފައެވެ.

އޭގެ ތެރެއިން ބައެއް ތަރިން އިއްޔެއާއި މިއަދު ރާއްޖެ އައިސްފައިވެއެވެ. މިހާތަނަށް ރާއްޖެ އައިސްފައިވާ ތަރިންގެ ތެރޭގައި ދުނިޔޭގެ ޕޫލް ޗެމްޕިއަން އަލްބިން އޮސްޗަން، ފެތުމުން އޮލިމްޕިކްސްގެ ގިނަ ރަން މެޑަލްތަކެއް ހޯދާފައިވާ ސާރާ ޖޮސްޓްރޯމްގެ އިތުރުން ލެޖެންޑަރީ ފުޓުބޯޅަ ރެފްރީ މޭކަސް މާކް އަދި ލަންކާގެ ލެޖެންޑަރީ ނެޓްބޯޅަ ކުޅުންތެރިޔާ ތަރްޖީނީ ސިލްވަލިންގަމް ހިމެނެއެވެ.

ބްރެޒިލްގެ ވޮލީ ޗެމްޕިއަން ގީބާއާއި ސެނެގާލްގެ ކުރިގެ ފުޓްބޯޅަ ތަރި ފަޑީގާގެ އިތުރުންވީލް ޗެއާ ޓެނިސް ޗެމްޕިއަން ރީޑް ރާއްޖެ އައީ މިއަދު ހެނދުނެވެ.

ގީބާއަކީ ދުނިޔޭގެ ވޮލީބޯޅަ ފެޑެރޭޝަން، އެފްއައިވީބީގެ އެތުލީޓްސް ކޮމިޝަންގެ ސެކްރެޓަރީ ކަމަށްވާ އިރު، އޭނާއާ އެކު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ހާއްސަ މަސައްކަތްތަކެއް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ. އެގޮތުން އަންނަ ހުކުރު ދުވަހު ހަވީރު، ވޮލީއަށް ލޯބިކުރާ އެންމެންނަށް ހުޅުވާލައިގެން ގީބާއާއެކު، މާލޭ ބީޗްވޮލީ ކޯޓުގައި ހާއްސަ އިވެންޓެއް ބޭއްވުމަށް ވީއޭއެމުން ވަނީ ނިންމައިފައެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ރޭ އޮންނަ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާގެ ކުރިން އަދި އިތުރު ކުޅިވަރު ލެޖެންޑުން ރާއްޖެ އަންނާނެއެވެ. އޭގެ ތެރޭގައި ޓީޓީ ތަރި ޒޯރާން ޕްރިމޯރަކްއާއި ސްރީލަންކާގެ ކްރިކެޓް ލެޖެންޑު ސަނަތު ޖަޔަސޫރިޔާއާއި އިންޑިއާގެ ކްރިކެޓް ލެޖެންޑް ސުރޭޝް ރައިނާގެ އިތުރުން ބްރެޒިލްގެ ފުޓްބޯޅަ ތަރި ރޮބާޓޯ ކާލޯސް، ނެދަލެންޑްގެސް ކުރީގެ ފުޓްބޯޅަ ތަރި އެޑްގާ ޑާވިޑްސް އަދި ސްޕެއިނުގެ ފުޓްބޯޅަ ލެޖެންޑް މިކޭލް ސަލްގާޑޯގެ އިތުރުން އިނގިރޭސިވިލާތަށް އުފަން، ވީލްޗެއާ ޓެނިސް ތަރި ލޫސީ ސުކާ ހިމެނެއެވެ.

މީގެ އިތުރުން މޯލްޑިވްސް ސްޕޯޓްސް އެވޯޑުގައި ބައިވެރިވެވަޑައިގެންނެވުމަށް ސްރީ ލަންކާގެ ކުޅިވަރާބެހޭ ވަޒީރު ނަމާލް ރާޖަޕަކްސައާއި ބަންގްލަދޭޝްގެ ކުޅިވަރު މިނިސްޓަރު ޒާހިދު އަހްސަން ރަސަލް އަދި ސައުދީ އަރަބިއްޔާގެ ކުޅިވަރުގެ ވައިސް މިނިސްޓަރު ބަދޭރް އަލްހާދީއާއި އިންޑިއާގެ ޔޫތު މިނިސްޓަރު އަނުރާގް ތާކުރްވެސް ރާއްޖެ ވަޑައިގަންނަވާނެއެވެ.