އައިޖީއެމްއެޗުގައި މަސައްކަތްކުރަމުންދިޔަ ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މަންޒަރު އޭނާގެ ދަރިފުޅަށް ފެނުނުތޯ ބެލުމަށްޓަކައި، އެ ކުއްޖާގެ ސައިކޮލޮޖިކަލް އެސެސްމެންޓެއް ހަދަމުންދާ ކަމަށް ދައުލަތުން ބުނެފިއެވެ.

ދައުލަތުން އެހެން ބުނީ، މޭރީ މަރުގެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައެވެ. މިއަދުގެ އަޑުއެހުމަކީ އެ ދައުވާ ރައްދުވާ އެއް ފަރާތް ކަމަށްވާ ޅ. ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނުގެ ފަރާތުން ދައުވާއަށް ޖަވާބުދާރީވުމަށް ބޭއްވި އަޑުއެހުމެކެވެ.

ނަމަވެސް ދައުލަތުން ބައެއް ލިޔެކިޔުންތައް އަދިވެސް ހުށަހަޅާފައިނުވާ ކަމަށް ބުނެ، އެ ލިޔުންތައް ލިބުމުން ޖަވާބުދާރީވާން މިއަދުވެސް ދިފާއުން ވަނީ އެދިފައެވެ. އެ ލިޔެކިއުންތަކުގެ ތެރޭގައި މޭރީއާއި މޭރީގެ ދަރިފުޅު އޮލިވިއާ ގްރޭސްގެ ސައިކޮލިކަލް އެސެސްމެންޓު ހިމެނެއެވެ.

އެ އެސެސްމަންޓާ ގުޅޭ ގޮތުން ދައުުލަތުގެ ވަކީލު ވިދާލުވީ، އެކުއްޖާގެ ސަައިކޮލޮޖިކަލް އެސެސްމެންޓު ހަދަނީ ފިލިޕީންސްގެ ކަމާ ބެހޭ ފަރާތްތައް މެދުވެރިކޮށް ކަމަށެވެ. އެހެންކަމުން އެކަން ކުރެވޭނެ ވަކި ތާރީހެއް ނޭނގޭ ކަމަށް ވިދާޅުވިއެވެ.

އެކަމާ ގުޅިގެން ދިފާއީ ވަކީލު އަބްދުﷲ ޝާއިރު ވަނީ، ދައުލަތުން ކަންތައްކުރާ ގޮތުން މައްސަލަ ލަސްވަމުންދާކަން ޝަރީއަތުގެ ސަމާލުކަމަށް ގެންނަވައިފައެވެ. އޭނާ ވިދާޅުވީ، އެކުއްޖާ ބޭރަށް ފުރައިގެން ދިޔައިރު، އެހާ މުހިންމު އެސެސްމެންޓެއް ހަދާފައި ނެތުމަކިީ ދައުލަތުގެ ފަރުވާކުޑަވުން ކަމަށެވެ. އަދި އެ ރިޕޯޓު ރާއްޖޭގައި ނެހެދި މައްސަލައިގައި ސުވާލު އުފެއްދިއެވެ.

ދައުލަތުން ބުނީ މޭރީ މަރާލި އިރު، އެކުއްޖާ ހުރީ އެގޭގެ ކޮޓަރިއެއްގައި ކަމަށެވެ. ނަމަވެސް އެއީ މޭރީ މަރާލި ކޮޓަރިއެއް ކަމެއް ދައުލަތުން ނުބުނެއެވެ.

މޯބައިލް ފޮރެންސިކް ރިޕޯޓު ނުލިބިގެން އިދިކޮޅުން ނެގި މައްސަލައަށް ޖަވާބު ދެއްވަމުން ދައުލަތުން ބުނީ، މޯބައިލް ފޮރެންސިކް ރިޕޯޓުގައި މާވިންގެ ފޯނުން ފެނުނު ބަރަހަނާ ފޮޓޯތަކެއް ހިމެނޭ ކަމަށެވެ. އެހެންކަމުން ހެކި ރައްކާތެރި ކުރުމުގެ އަމުރަކަށް ދައުލަތުން އެދުނެވެ. އަދި އެ އަމުރު ނެރެދެއްވުމަށް ގާޒީ ނިންމެވިއެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ، ބާކީ ހުރި ލިޔެކިޔުންތައް ދިފާއުއަށް ހަމަވުމުން ދައުވާއަށް ޖަވާބުދާރީވުމުގެ ބައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

މޭރީގެ މަރުގެ މައްސަލައިގައި ލަމްހާގެ އިތުރުން މޭރީގެ ފިރިމީހާ މާވިންއަށްވެސް ވަނީ ދައުވާކޮށްފައެވެ. އެ ދެ މީހުންގެ މައްޗަށް ދައުވާ އުފުލައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކުރިމިނަލް ކޯޓަށް މައްސަލަ ފޮނުވީ މިދިޔަ ޖެނުއަރީ މަހުގެ ހަތަރު ވަނަ ދުވަހުއެވެ.

މި މައްސަލައިގައި މޭރީގެ ފިރިމީހާ މާވިންގެ މައްޗަށް އުފުލާފައިވަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާއެވެ. އެ ދައުވާ ސާބިތުވެއްޖެ ނަމަ އޭނާއަށް ދިހަ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

ލަމްހާގެ މައްޗަށް ތިން ދައުވާއެއް އުފުލާފައިވެއެވެ. އެއީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ. އެ ހުރިހާ ދައުވާއެއް ސާބިތުވެއްޖެ ނަމަ ލަމްހާގެ މައްޗަށް ހަ އަހަރާއި ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އަންނާނެއެވެ.

މި ދެ މީހުންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ.