އެހެންމީހުންނަށް ފާޑު ކިޔައި އެހެންމީހުންގެ ކޮރަޕްޝަންގެ ވާހަކަ ދައްކައި، ހަދަންވާ ގޮތް މުއައްސަސާތަކަށް، މަޖިލީހުން ކިޔައިދެމުން އަންނައިރު، މަޖިލިސް މެންބަރުންނަށް މުސާރައާއި އިނާޔަތްތަކާއި މޮޅުގޮތް ހަމަޖައްސަނީ މެންބަރުން އަމިއްލައަށް ކަމަށާއި އެއީ ރަނގަޅުގޮތްތޯ، ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ސުވާލު އުފައްދަވައިފިއެވެ.
މެންބަރު ސަލީމް މިގޮތަށް ސުވާލު އުފެއްދެވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައިވާ ބޭފުޅުންނަށް ބޭސްފަރުވާގެ ހިދުމަތްދޭ ހެލްތު އިންޝުއަރެންސް ސްކީމުގައި އެމީހުންގެ އަނބިމީހާ ނުވަތަ ފިރިމީހާ އަދި 18 އަހަރު ނުފުރޭ ދަރިން ބައިވެރިކުރުވުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މެންބަރު ސަލީމް ފާހަގަ ކުރެއްވި ގޮތުގައި، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުން މަޖިލިސް މެންބަރުނާއި، މެންބަރުކަން ކުރައްވާފައިވާ ފަރާތްތަަކަށް ބޮޑެތި އިނާޔަތްތަކެއް މިހާރުވެސް ވަނީ ހަމަޖައްސައިފައެވެ.
އެގޮތުން މަޖިލިސް މެންބަރުންނެކޭ އެއްގޮތަށް، މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ހެލްތު އިންޝުއަރެންސް ހަމަޖައްސާފައިވާއިރު، އެއްދައުރު ފުރިހަމަކޮށްފައި މެންބަރުކަމުން ވަކިވާ ފަރާތްތަކަށް މުސާރައިގެ 30 ޕަސެންޓް އަދި ދެ ދައުރު ފުރިހަމަކުރާ ފަރާތަކަށް މުސާރައިގެ 45 ޕަސެންޓް ދިނުމަށް ވަނީ ކަނޑައަޅައިފައެވެ.
މަޖިލިސް މެންބަރުންގެ މުސާރަ އާއި އިނާޔަތްތައް ހަމަޖައްސަނީ މެންބަރުން އަމިއްލައަށް ކަން ފާހަގަ ކުރައްވައި ސަލީމް ވަނީ އެއީ ކޮންފްލިކްޓްއޮފް އިންޓްރެސްޓް (މަސްލަހަތު ފުށުއަރާ ކަމެއް) ނެތް ގޮތެއްތޯ ސުވާލު ކުރައްވައިފައެވެ.
"އެއީ އުފެދޭ ސުވާލެއް، އަޅުގަނޑުމެން ފާސްކުރާ ގާނޫނަކުން އަޅުގަނޑުމެން ނިންމާ ނިންމުންތަކެއްގެ މައްޗަށް އަޅުގަނޑުމެންނަށް މޮޅުގޮތަށް އަޅުގަނޑުމެން ކަންކަން ނިންމަމުންމިދާ ދިއުމުގެ ވާހަކައެއް ނުދައްކަމު، އަޅުގަނޑުމެންނަކީ އެހެން މީހުންނަށް އިންތިހާއަށް ފާޑުކިޔާ އެެހެން މުއައްސަސާތަކަށް ހަދަންވީ ގޮތް ބުނެދީ ކޮރަޕްޝަންގެ ވާހަކަ ދައްކައި މަޖިލިސް، ނަމަވެސް މި މަޖިލީހުން މިހާތަށް އަމަލުކުރަމުން މިއައީ އަޅުގަނޑުމެންގެ މުސާރަ އަޅުގަނޑުމެން އަމިއްލައަށް ކަނޑައަޅައިފަ، އަޅުގަނޑުމެންގެ މެޑިކަލް އިންޝުއަރެންސް އަޅުގަނޑުމެން އަމިއްލައަށް ކަނޑައަޅައިފަ، އަޅުގަނޑުމެން ކާންޖެހޭނެކަން އަޅުގަނޑުމެން އަމިއްލައަށް ކަނޑައަޅައިފަ، އަޅުގަނޑުމެންނަށް ޕާސްޕޯޓް ލިބެންޖެހޭނެ ކަމަށް އަޅުގަނޑުމެން އަމިއްލައަށް ކަނޑައަޅައިފަ، އަޅުގަނޑުމެންގެ އަނބި ދަރިންނަށް އިނާޔަތް ލިބެން ޖެހޭނެ ކަމަށް އަޅުގަނޑުމެން އަމިއްލައަށް ކަނޑަަޅައިފަ މިހިރަ އުޅެނީ،"
ސަލީމް ވިދާޅުވީ އެއީ ދުނިޔޭގެ ގައުމުތުގައި މިހާރު އަމަލުކުރަމުން އަންނަގޮތް ނޫން ކަމަށެވެ. އަދި އެއީ ރައްޔިތުން މިހާރު ބަލައިގަންނަކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
އެކި ކަންކަމުގައި ރާއްޖެއިން އެހެން ގައުމުތައް މިސާލަކަށް ނަގާއިރު، ޕާލަމެންޓް ޑިމޮކްރަސީގެ އެންމެ ރަނގަޅު މިސާލުގެ ގޮތުގައި އަޅުގަނޑުމެން ބަލައި އިނގިރޭސި ވިލާތުގައިވެސް މަޖިލިސް މެންބަރުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅަނީ، ވަކި މިނިވަން މުއައްސަސާއަކުން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ކަންކަމުގައި މަޖިލިސް މެންބަރުން ނަމޫނާ ދައްކަން ޖެހޭ ކަމަށާއި، ކަންކަން ރަނގަޅު ކުރެވޭނީ މެންބަރުން އިސްލާހުވެ ނަމޫނާ ދައްކައިގެން ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް
ރައްޔިތުންގެ މަޖިލިސް