އަންނަ އޭޕްރީލް މަހުގެ ތެރޭގައި ނޫނީ، މޭ މަހުގެ ތެރޭގައި ރާއްޖޭގައި ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ފަށާނެ ކަމަށް ހެލްތު މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި މިނިސްޓަރު ނަސީމް ރޭ ވިދާޅުވީ، ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ކުރިމަތިވި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ދިވެހިންގެ މެޑިކަލް ރެކޯޑްސް ނެތުން ކަމަށާއި އެކަމުގެ ސަބަބުން އެންމެ އެކަށީގެންވާ ފަރުވާ ދިނުމަށް ދަތިތަކެއް ކުރިމަތިވި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ދުހަހެޔޮ ސިއްހަތެއް ގައުމެއްގައި ގާއިމުކުރަން އަޅަން ޖެހޭ އެންމެ މުހިންމު ފިޔަވަޅަކީ ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ތައާރަފުކުރުން ކަމަށެވެ.

"އަޅުގަނޑުމެން އިރާދަކުރެއްވިއްޔާ މިއަހަރުގެ މޭ އޭޕްރީލް ހިސާބުގައި އަޅުގަނޑުމެން ޕްރައިމަރީ ހެލްތު ކެއާ ލޯންޗު ކުރާނަން." މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ، ޕްރައިމަރީ ހެލްތު ކެއާގެ ހިދުމަތް ތައާރަފު ކުރެވި ރަނގަޅަށް ހިނގައިގަންނަން ފެށުމުން ދިވެހިންގެ މެޑިކަލް ރެކޯޑްތައް ޑޮކްޓަރުންނަށް ނުވަތަ ސިއްހީ ހިދުމަތްތެރީންނަށް އެނގިގެންދާނެ ކަމަށާއި އެކަމުގެ ސަބަބުން ފަރުވާ ދިނުން އަވަސްވެގެންދާނެ ކަމަށެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އަމާޒަކީ މިއަހަރު ނިމެންވާއިރަށް ރާއްޖޭގައި ދިިރިއުޅޭ ހުރިހާ އެންމެންގެ މެޑިކަލް ރެކޯޑްގެ ކޮންމެވެސް މިންވަރެއް ފެންނަން އޮންނާނެ ގޮތް ހެދުން ކަމަށެވެ.