އައްޑޫ ސިޓީގެ ހަތަރު ރަށަކުން ލޯކަލް ޓޫރިޒަމަށް ބިން ދޫކުރަން އެ ސިޓީ ކައުންސިލުން ނިންމައި، ބިޑު ހުށަހަޅަން ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން، އައްޑޫ ސިޓީގެ ހިތަދޫ، ފޭދޫ، ހުޅުދޫ އަދި މީދޫން ޖުމުލަ 27 ބިމެއް ދޫކުރަން ވަނީ ނިންމައިފައެވެ. އެއީ ހިތަދޫން ހަ ބިމަކާއި ފޭދޫން ދެ ބިމަކާއި ހުޅުދޫން ނުވަ ބިމެއް އަދި މީދޫން 10 ބިމެކެވެ.

އެ އިއުލާނުގައި ބުނެފައިވާ ގޮތުން ހިތަދޫން ބިން ދޫކުރަން ހަމަޖެހިފައިވަނީ މާމެން ބީޗު ސަރަހައްދުންނެވެ. އެއީ އައްޑޫ އީކުއެޓޯރިއަލް ހޮސްޕިޓަލުގެ ހުޅަނގުން ކަނޑާ ދިމާލަށް އޮންނަ ސަރަހައްދެކެވެ.

އެ ސަރަހައްދުން ޖުމުލަ 3.7 ހެކްޓަރުގެ ބިން ދޫކުރަން ހަމަޖެހިފައިވެއެވެ. އެއީ ފަސް ގެސްޓުހައުސް އަދި އެއް ސިޓީ ހޮޓާ ތަރައްގީކުރަން ދޭ ބިންތަކެވެ. ބިންތަކުގެ ތަފުސީލު:

  • 2400 އަކަފޫޓުގެ ދެ ބިން: 10 ކޮޓަރީގެ ގެސްޓްހައުސްއެއް އަކަށް
  • 3000 އަކަފޫޓުގެ ދެ ބިން: 15 ކޮޓަރީގެ ގެސްޓްހައުސްއެއް އަކަށް
  • 5000 އަކަފޫޓުގެ އެއް ބިން: 25 ކޮޓަރީގެ ގެސްޓްހައުސް އަކަށް
  • 7000 އަކަފޫޓުގެ އެއް ބިން: 35 ކޮޓަރީގެ ހޮޓަލަކަށް

ފޭދޫން ިން ދޫކުރަން ނިންމާފައިވަނީ ސަވާ ބީޗު ސަރަހައްދުންނެވެ. އެއީ ސަވާހެލި ރަށާއި ދިމާލަށް އައްޑޫގެ ހުޅަނގަށް އޮންނަ 3.2 ހެކްޓަރުގެ ސަރަހައްދެކެވެ.

އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓާ ދެ ކިލޯމީޓަރު ދުރުގައި އޮންނަ އެ ސަރަހައްދުން ދޫކުރަން ނިންމާފައި ވަނީ 2400 އަކަފޫޓުގެ ދެ ބިމެވެ. ދެ ބިމަކީވެސް ގެސްޓްހައުސް ހަދަން ދޫކުރާ ބިމެވެ. އެތަނުގައި ހަދާ ގެސްޓްހައުސްގައި 10 ކޮޓަރި ހުންނަންޖެހޭނެ ކަމަށް އައްޑޫ ސިޓީ ކައުންސިލުން ބުނެއެވެ.

ހުޅުދޫއިން ބިން ދޫކުރަން ހަމަޖެހިފައިވަނީ ކޭވަށް ބީޗު ސަރަހައްދުންނެވެ. ކަނަރީފް ރިސޯޓް ކައިރީގައި އޮންނަ އެ ސަރަހައްދުން ބިން ދޫކުރުމަށް 4.65 ހެކްޓަރުގެ ބިމެއް ވަނީ ކަނޑައަޅައިފައެވެ. އެ ބިންތަކުގެ ތަފްސީލު:

  • 2400 އަކަފޫޓުގެ ހަ ބިން: 10 ކޮޓަރީގެ ގެސްޓްހައުސްއަކަށް
  • 5000 އަކަފޫޓުގެ އެއް ބިން: 25 ކޮޓަރީގެ ގެސްޓްހައުސްއަކަށް
  • 7000 އަކަފޫޓުގެ އެއް ބިން: 35 ކޮޓަރީގެ ހޮޓަލަކަށް
  • 10،000 އަކަފޫޓުގެ އެއް ބިން: 60 ކޮޓަރީގެ ހޮޓަލަކަށް

މީދޫން ބިން ދޫކުރަން ހަމަޖެހިފައިވަނީ ކޯގަން ބީޗު ސަރަހައްދުންނެވެ. ދިވެހި ސަރުކާރުން ހެރިޓޭޖް ސައިޓެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޯގަންނު ގަބުރުސްތާނު ހިމެނޭ ސަރަހައްދުން ބިން ދޫކުރަން 3 ހެކްޓަރުގެ ބިމެއް ވަނީ ކަނޑައަޅައިފައެވެ. އެ ސަރަހައްދުން އަށް ގެސްޓްހައުސްއަށާއި ދެ ހޮޓަލަށް ބިން ދޫކުރާނެއެވެ. ބިންތަކުގެ ތަފުސީލު:

  • 2400 އަކަފޫޓުގެ ފަސް ބިން: 10 ކޮޓަރީގެ ގެސްޓްހައުސްއަކަށް
  • 5000 އަކަފޫޓުގެ ތިން ބިން: 25 ކޮޓަރީގެ ގެސްޓްހައުސްއަކަށް
  • 7000 އަކަފޫޓުގެ އެއް ބިން: 35 ކޮޓަރީގެ ހޮޓަލަކަށް
  • 10،000 އަކަފޫޓުގެ އެއް ބިން: 60 ކޮޓަރީގެ ހޮޓަލަކަށް

އައްޑޫން ބިން ދޫކުރަން ހަމަޖެހިފައިވަނީ ބިޑު ކާމިޔާބުކުރާ ފަރާތަށް 50 އަހަރުގެ މުއްދަތަކަށެވެ.

ސިޓީ ކައުންސިލުން ބުނީ ބިޑާ ގުޅޭ ޑޮކިއުމެންޓް މާދަމާއިން ފެށިގެން މި މަސް ނިމެންދެން ސިޓީ ކައުންސިލުން ލިބެން ހުންނާނެ ކަމަށެވެ. އަދި ބިޑު ފޮތަށް އެދުމަށްޓަކައި އެޕްލިކޭޝަން ފޯމު ފުރުމަށްފަހު [email protected] މެއިލް ކުރުމަށް ސިޓީ ކައުންސިލުން އެދެ އެވެ.

ދިވެހި ކުންފުނިތަކަށް ބިޑު ފޮތް ވިއްކަން ހަމަޖެހިފައިވަނީ 2،000 ރުފިޔާއަށެވެ. ބޭރު ކުންފުނިތަކަށް ބިޑު ފޮތް ދޫކުރަން ހަމަޖެހިފައިވަނީ 300 ޑޮލަރަށެވެ.