އދ. މާފުށިވަރުގައި ހިންގާ އެލްޓީއައި މާފުށިވަރު މޯލްޑިވްސް ރިސޯޓް ވިއްކާލަން ނިންމައިފިއެވެ.

އެލްޓީއައި މާފުށިވަރު ރިސޯޓު ހިންގާ ޖަރުމަނުގެ ޑާ ޓޫރިސްޓިކް ހޮޓެލްސް އެންޑް ރިސޯޓްސް އިން އެ ރަށް ވިއްކާލަން ނިންމައި ޓޫރިޒަމް މިނިސްޓްރީއަށް އެންގުމުން އެ މިނިސްޓްރީން ވަނީ އެކަން އާއްމުކޮށް އިއުލާންކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީ އިން އިއްޔެ ކުރި އިއުލާނުގައި ބުނެފައިވަނީ މާފުށިވަރު ކުއްޔަށް ދިނުމާބެހޭ ލީސް އެގްރީމަންޓްގެ ދަށުން، އެ ރަށް ކުއްޔަށް ހިފާފައިވާ ފަރާތަށް ލިބިދީފައިވާ އެންމެހާ ހައްގުތައް، އެހެންފަރާތަކަށް ބަދަލު ކުރުމުގެ ހުއްދައަށް އެދި އެފަރާތުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ރަށާ ގުޅިގެން އެއްވެސް ދަރަންޏެއް ނުވަތަ މައްސަލައެއް އޮތްފަރާތެއް ވާނަމަ 14 ދުވަސް ތެރޭގައި މިނިސްޓްރީއަށް ލިޔުމަކުން ނުވަތަ އީމެއިލް މެދުވެރިިކޮށް [email protected] އަށް އެންގުމަށް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވެ އެވެ.

އެ ރިސޯޓް ވިއްކާލަން ނިންމާފައިވާކަން އިއުލާން ކުރި ނަމަވެސް ވިއްކާ އަގު އަދި ހާމައެއް ނުކުރެ އެވެ. ޕެރެޑައިސް ރިސޯޓް ޑިވިލޮޕްމަންޓް މެނޭޖްމަންޓް ޕްރައިވެޓް ލިމިޓެޑުން ޖުމުލަ 81 ވިލާ ހިމެނޭ ގޮތަށް ތަރައްގީ ކޮށްފައިވާ މާފުށިވަރު ރިސޯޓުގެ ދިގުމިނުގައި 350 މީޓަރު ހުރެއެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރައިގެން 25 މިނެޓުން ދެވޭ ހިސާބުގައި އޮންނަ މާފުށިވަރު ހުޅުވީ ކޮވިޑު ބަލިމަޑުކަމުގެ ތެރޭގައި ބޯޑަރު ބަންދުކުރުމަށްފަހު 2020 ވަނަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.