ސީސީޓީވީ ފުޓޭޖުން ފެންނަނީ، ތ. ދިޔަމިގިލީގެ މަގެއްގެ މަތީގައި މިއަދު ހެނދުނު ދެ ފިރިހެނަކު ވާހަކަދައްކަން ތިއްބައެވެ. އެއިރު 10 ޖަހަން ގާތް ވަނީއެވެ. އެކަކު ނޫކުލައިގެ ބައިސްކަލެއްގައި އިން އިރު، ދެވަނަ މީހާ ހުރީ ބައިސްކަލުގެ ކުރީ ފުރޮޅާ ދިމާލަށް މަޑުކޮށްލައިގެން ބައިސްކަލުގައި އިން މީހާއާ ވާހަކަ ދައްކާށެވެ. ބައިސްކަލުގެ ކުރިމަތީގައި އޮރެންޖު ކުލައިގެ އަތް ދިގު ޖާޒީއެއް ލައިގެން ސޯޓުބުރިއެއްގައި ހުރި މީހާ ހުރީ ކަނާއަތް ޖީބަށް އަތްލައިގެން އަނެއް އަތް، މައްޗަށް ނަގައިގެންނެވެ.

ފެންނަ ފެނުމަށް، ބައިސްކަލުގައި އިން މީހާއާ ސުވާލުތަކެއް ކުރަނީއެވެ. އެހެން ތިބެފައި ދެން ފެންނަނީ ކަނާއަތް ޖީބުގައި އޮތް ވަޅި ނަގައި ބައިސްކަލުގައި އިން މީހާއަށް ހަމަލާދޭން ފަށާ މަންޒަރެވެ. ފަސް ފަހަރު ވަޅިން ހަމަލާދީ، ބައިސްކަލުގައި އިން މީހާ ވެއްޓުމުން ހަމަލާދިން މީހާ މަޑު ދުވުމެއްގައި ކުރިއަށްދާ މަންޒަަރު ވީޑިއޯއިން ފެނެއެވެ. ނަމަވެސް ހަމަލާތަކުގެ ސަބަބުން ވެއްޓިފައި އޮތް މީހާ ހަރަކާތް ކުރާތަން ފެނުމުން ދެވަނަ ފަހަރަށް ގޮސް އަނެއްކާ ވަޅި ހަރަން ފަށައެވެ. ދެވަނަ ފަހަރު ވަޅި ހެރީ ހަ ތަނަކަށެވެ.

ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާގެ ގައިގެ 11 ތަނަކަށް ވަޅި ހެރީ އެންމެ 15 ސިކުންތުގެ ތެރޭގައެވެ. ގައިގެ އެކި ތަންތަނަށް ވަޅި ހެރުމަށް ފަހު އެމީހާ މަޑު ހިނގުމެއްގައި ދުރަށް ދެއެވެ. އަދި ގެއެއްގެ ފާރު ބޭރުގައި އެއްޗެހިތަކެއް އަޅާފައި ހުރި ހުދުކުލައިގެ ބޮޑު ގޯންޏެއްގައި ވަޅި ހާކާލައި، ލޭތައް ފޮހެލައެވެ.

ވީޑިއޯ އިން ފެންނަނީ ތ. ދިޔަމިގިލީގައި އެ ރަށު މިސްކިތުގެ މުދިމުކަމާ ވަގުތީގޮތުން ހަވާލުވެގެން ހުރި އަހުމަދު ރަޝީދު މުހައްމަދަށް ހަމަލާދިން މަންޒަރެވެ.

"ވަން" އަށް އެނގިފައިވާ ގޮތުގައި އަހުމަދު ރަޝީދަށް ހަމަލާދިނީ އޭނާގެ ގާތް ރައްޓެއްސެކެވެ. ނަމަވެސް އަހުމަދުގެ ގަޔަށް ވަޅި ހަރަން މެދުވެރިވި ސަބަބެއް ސާފުވެފައެއް ނުވެއެވެ.

އެ މައްސަލައިގައި ތުހުމަތުކުރެވޭ މީހާ މިއަދުގެ ވަގުތެއްގައި ހައްޔަރުކޮށް، އެ މައްސަލައިގެ ތަހުގީގު ފުލުހުން ވަނީ ފަށައިފައެވެ.

ދިޔަމިގިލީ ސިއްހީ މަރުކަޒުގެ އޮފިޝަލަކު "ވަން" އަށް މިއަދު ވިދާޅުވި ގޮތުގައިި އެރަށުގެ ސިއްހީ މަރުކަޒަށް އަހުމަދު ގެންދިޔައީ މިއަދު 9:58 ގައެވެ. އެއީ ހަމަލާ ދިންތާ ދިހަ ވަރަކަށް މިނެޓު ފަހުންނެވެ. އޮފިޝަލު ވިދާޅުވި ގޮތުގައި އަހުމަދުގެ ބުރަކައްޓާއި ކަނދުރާއަށް ވަޅިއަކުން ހަމަލާދީފައިވެއެވެ. އޭގެ ތެރޭގައި ފުން ޒަހަމްތައްވެސް ހުއްޓެވެ.

ޒަހަމްތަކުގެ ސަބަބުން އަހުމަދުގެ ހާލަތު ސީރިއަސްވެ އިތުރު ފަރުވާ ދިނުމަށް އެމްއެންޑީއެފްގެ ހެލިކޮޕްޓަރުގައި މިރޭގެ ވަގުތެއްގައި ވަނީ މާލެ ގެނެސް އައިޖީއެމްއެޗުގައި ފަރުވާދޭން ފަށައިފައެވެ.