ތ. ދިޔަމިއްޔާއި މަޑިފުއްޓާއި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.
ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ދިޔަމިގިލީގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.
އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދިޔަމިގިއްޔާއި މަޑުފުށި ކައުންސިލު ރައީސުންނާއި މެންބަރުން އަދި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްޓީސީސީން ބުނީ ދިޔަމިގިއްޔާއި މަޑިފުށީ ރައްޔިތުންގެ އުންމީދުތަކާ ގުޅިފައިވާ އެ ކޯޒްވޭ ހެދިގެން ދިއުމާއެކު، އެ ދެ ރަށަށް ވެސް އިގުތިސާދީގޮތުންނާއި އުމްރާނީގޮތުން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން އެއް ރަށުން އަނެއް ރަށަށް ތައުލީމު ހާސިލުކުރަން ދާ ދަރިވަރުންނަށް އެއީ ވަރަށް ބޮޑު ލުއިފަސޭހައަކަށް ވެގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ މަޝްރޫއުގެ ދަށުން 1.30 ކިލޯމީޓަރުގެ ކޯޒްވޭއެއް ހެދިގެންދާނެއެވެ. އޭގެ އިތުރުން 218،788 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 589 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، ކަލްވާރު ސެގްމެންޓްސް ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.
އެ މަޝްރޫއަކީ 262.98 މިލިއަން ރުފިޔާއަށް 1151 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ
އެމްޓީސީސީ