ތ. ދިޔަމިގިލި މަގު ހެދުމުގެ މަޝްރޫއު އެމްޓީސީސީއާ މިއަދު ހަވާލުކޮށްފިއެވެ.

ތ. އަތޮޅުގެ ރަށްތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ދިޔަމިގިލީގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއުގެ މަސައްކަތު އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީއެވެ. އަދި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަސަން ރަޝީދެވެ.

އެ ރަސްމިއްޔާތުގައި ކެބިނެޓް މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ދިޔަމިގިލި ކައުންސިލު މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

ރަނގަޅު ފެންވަރަކަށް މަގުތައް ހެދިފައި ނެތުމަކީ، 1011 މީހުންގެ އާބާދީއެއް އޮންނަ ދިޔަމިގިލީގެ ރައްޔިތުންނަށް ގިނަގުނަ ދަތިތަކަކާ ކުރިމަތިލާން ޖެހިފައިވާ މައްސަލައެކެވެ.

އެމްޓީސީސީން ބުނީ މިއަދު ސޮއިކުރެވުނު މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ނިމުމާއެކު، ވިއްސާރަ މޫސުމުގައި މަގުތަކުގައި ޗަކަ ހެދި، ހިނގާ މީހުންނާއި ދުއްވާ އުޅަނދުތަކަށް ވަމުންދިޔަ އުނދަގޫތަކަށް ހައްލެއް ލިބި، ދިޔަމިގިލީ ރައްޔިތުންނަށް ރަނގަޅު ފެންވަރުގެ ޒަމާނީ މަގުތަކެއް ލިބިގެންދާނެ ކަމަށެވެ.

އެ މަޝްރޫއަކީ 82.81 މިލިއަން ރުފިޔާއަށް 570 ދުވަސްތެރޭ ނިންމަން އެމްޓީސީސީއާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.