ރިޕޯޓް

ދޮންމަންމައަކަށްޓަކައި ދޮންދަރިޔަކު ކުރާ އިންތިޒާރު، އެއްބަފާ ކޮއްކޮމެނަށްޓަކައި ވަމުން އަންނަ ގުރުބާނީ!

މަރިޔަމް ޝަފާ އިބްރާހިމް

4

އަހަރުތަކެއްވީއިރުވެސް ހުއްޓުމެއް ނެތި އަދިވެސް ދޮންމަންމައާ ބައްދަލުވުމުގެ އުއްމީދު އޭނާގެ ހިތުގައި އެބައޮތެވެ... ދޮންމަންމައަށް ވީގޮތް އެކި މީހުން ކިޔަނީ އެކިގޮތަށެވެ. އެހެންކަމުން ދޮންމަންމައާ ބެހޭ ގޮތުން ކިރިޔާވެސް އެނގޭ މީހެއްނަމަ އެމީހަކަށް ގުޅައި، ބައްދަލުކޮށް ވީހާވެސް ބޮޑަކަށް އެވާހަކަ އޮޅުން ފިލުވުމަށް މަސައްކަތް ކުރެއެވެ. އެކަމަކު އެއީ އޭނާގެ ދޮންމަންމައެވެ، އުފަން މަންމައެއް ނޫނެވެ. އަދި ހަމަ އެހެންމެ އޭނާގެ އެއްބަނޑު އެއްބަފާ އިތުރު އެއްވެސް ކުއްޖަކުވެސް ނެތެވެ. ހަމަ އެންމެ ދެތިން ދުވަހަކަށް މަންމައާ ކައިވެނިކޮށްގެން ދެރެއަކު އެކީގައި އުޅެފައި އޭނާގެ އުފަން ބައްޕަ ދިޔައީއެވެ.

"މީހުން ހީކޮށްފާނެ އަހަރެން މީ ހަމަނުޖެހޭ މޮޔައެކޭ. މޮޔަކަންތަކޭ ކުރަނީ. އެކަމަކުވެސް މައްސަލައެއް ނެތް. މަށަށް އެނގޭ މަމިކަންތައް މިހެން ކުރާ ބޭނުން، ސަބަބު، މަގުސަދު، އެހެން މީހުންނަށް އެނގޭކަށް މުހިންމެއް ނުވާނެ، އެއީ މިއީ އެގޮތަށް ފާޑު އެކިޔާ މީހުންނަށް އެއްވެސް ފައިދާއެއް ނަފާއެއް ވާނެ ކަމެއް ނޫންވީމަ، އަހަރެން ބުނާނީ، ނަފާއެއް ނުވާތީ މުހިންމު ނުވާގޮތަށް ގެއްލުމެއް ނުވާތީ ނުބެހި، ގޮތް ނުކިޔާށޭ. އެއްވެސް މީހަކަށް އަނެއް މީހާގެ އިހުސާސެއް ފަހުމެއް ނުވާނެ. އެނގެއޭ ބުންޏަސް އިހުސާސް ވެއޭ ބުންޏަސް އަސްލު ނޭނގޭނެ. ދޫ އޮތީތީ ބުނަނީ، އެނގެނީއެއް ނޫން."

އޮނަސާޅީހަކަށް އަހަރުގެ މިއަންހެންމީހާއަކީ އޭނާ އުޅޭ ރަށުގައި ރަނގަޅު ވަޒީފާއެއް އަދާ ކުރާ ރަށުގެ އެންމެނަށްހެން އެނގޭ މީހެކެވެ. މީނާއާއި މީނާގެ ހަމައެކަނި ދަރިފުޅުގެ ބައްޕަ ދިރިއުޅެނީ މެދުފަންތީގެ އެހެނަސް ވަރަށް ހަމަޖެހޭ ދިރިއުޅުމެއްގައި ކަމަށްވެއެވެ. ރާއްޖެއިން ބޭރުންވެސް ކިޔަވައިގެން އިން ހަމަ ރަނގަޅު އާއިލާއަކަށް ނިސްބަތްވާ އަންހެނެއްވެސް މެއެވެ. ނަަމަވެސް މީނާގެ މިވާހަކަ އިވުމުން ހަގީގަތުގައިވެސް އެއީ ތެދެއްތޯ ގިނަ ބަޔަކަށް ސުވާލު އުފެދެއެވެ. .

ރިފްގާ އެވާހަކަތައް ކިޔައިދިނީ އެއްވެސް އޮޅުވައިލުމެއް ނެތް ސީދާސާދާ ބަހުރުވަޔަކުން ވަރަށް ތިލަ އިބާރާތްތަކަކުންނެވެ.

"ދޮންކޮއްކޮމެންނާއި ދޮންދައްތައެއް، މިބުނީ ސްޓެޕްސް، ތިބޭކަން އެނގޭ. އެކަމަކު ދުވަހަކުވެސް ލޮލުންވެސް ނުދެކެން. އެއީ އަލަށްވެސް ފެނުނު ފަހަރު.."

ހުރިހާ ވާހަކައެއް ކިޔައިދިން އިރު ރިފްގާއާއިއެކު ހުރި އޭނާގެ ފިރިމީހާ ރިފްގާގެ އަތުގައި ހިފީ ކީއްވެގެންކަން އެނގުނީ ދެނެވެ. "އަލަށްވެސް ފެނުނު.." ރިފްގާ އެހެން ބުނަން ފެށިތަނާ އޭނާގެ ފިރިމީހާ އެގޮތަށް އޭނާގެ އަތުގައި ހިފީ ހިތްވަރުދިނުމަށްކަން ވިސްނުނީ ރިފްގާއަށް ވާހަކަ ނުދެއްކި އަޑު ބެދުމުންނެވެ. އޭގެ ކުރިން އޭނާ ވާހަކަ ދެއްކީ ވަރަށް ހަރުދަނާކޮށް ސާފުއަޑަކުން ހަމަޖެހިފައި ހުރެއެވެ.

ކުރިއަށް މިއޮތް ރޯދަމަހު ކޮއްކޮމެނަށް ބޭނުންވާ ސާމާނު ހިފައިގެން ރަށަށް ދިއުމަށް ތައްޔާރުވަމުން ދިޔަ ރިފްގާއަކީ ވަރަށް ހިތްވަރުހުރި ކެރޭ އަންހެނެކެވެ. އޭނާ އެއްބަފާ ކޮއްކޮމެނާ ގުޅުން ބަދަހިކުރަމުން އެއަންނަނީ އެއްބަނޑު އެންމެންގެ ނުރުހުމާއި ފޫއްސާއިވެސް އެކުގައެވެ.

"އަހަރެންގެ އެންމެ ބޮޑު އެއް ދުއާއަކީ އެކުދިންގެ މަންމައާ ބައްދަލުވުން، އެކުދިންގެ ގެއްލިފައިވާ، މީހުން މަރުވިކަމަށް އެކިޔާ މަންމަ ފެނުން، މިއީ އެއްގޮތަކަށްވެސް އަމިއްލަ ބޭނުމެއް އޮވެގެން އެދޭ އެދުމެއް ނޫން، އެކަމަކު މިއީ އެއްބަފަޔަށް ތިބި ކޮއްކޮމެނަށްޓަކައި ކުރާ އިންތިޒާރެއް، މިއަދު އަހަރެން ނޫނީ އެކުދީންގެ އެއްވެސް މީހަކު ނެތް."

ބާރައަހަރު ކުރިން ދަރިފުޅު އެނދުމަތިކޮށްގެން އައިޖީއެމްއެޗުގައި އިންދާ އެތަނަށް ކުއްލިހާލަތުގައި ވަރަށް ވަރުދެރަވެގެން ގެނެވުނު ފިރިހެން ކުއްޖެކެވެ. އެގޮތަށް އިމަޖެންސީރޫމަށް މީހުން ގެނައުމަކީ އާކަމެއް ނޫނެވެ. އެހެންނަމަވެސް ގުރައިދޫން ސިކުނޑިހަމަނުޖެހޭ ސޭކު މީހަކު ގެނައުމަކީ "ހަމަ އާންމު" ކަމެއް ނޫނެވެ. އެއަށްވުރެވެސް ބޮޑު ސަމާލުކަމަކަށްވީ އެމޮޔަ މީހާގެ އެޑްރެހަކީ ރިފްގާގެވެސް އެޑްރެސް ކަމަށްވުމެވެ.

"މިސާލަކަށް އަމިއްލައަށް ތަސައްވުރު ކޮށްލަބަލަ، މަންމަ ހުރީ ރާއްޖެއިން ބޭރަށް ބޭހަކަށް ގޮސް، އެއްދުވަހެއްގަ މީހަކު އައިސް މިބުނަނީ ކަލޭގެ މަންމަ ހަރުފަ ވިހަ ލައިގެން މަރުވެއްޖެޔޭ، އެކަމާމެދު ރަނގަޅަށް ވިސްނައިނުލެވިގެން އުޅެނިކޮށް މާގިނަ ދުވަހެއްނުވެ ދެން މިއިވެނީ އިންޑިޔާގެ ނަށާ އަންހެނުން އުޅޭ ކޮންމެވެސް ނައިޓުކުލަބަކުން މަރުވި ކަމަށް އެބުނާ މަންމަ ފެނުނު ހަބަރު، ދެން ތުންތުން މަތިން އިވެން ފެށީ، އެކަކު މަންމަ މަރުވެއްޖެޔޭ ބުނާއިރު އަނެއްމީހާ މަންމަ މަރާލާފައި ދެއްކީ ގޭގަ ގެންގުޅޭ މީހާގެ ހަރުފަ ވިހަލާފައި އޮތް ހަށިގަނޑޭ، ހަމަ އެނޭވާގައި އެހެންމީހަކު ބުނަނީ މަރެއް ނުވެއޭ ލޮލުން ދުށީމޭ، ޑޮލަރުކޮޅަކަށް ވިއްކާލީއޭ، މިކަހަލަ ވާހަކަ ވާހަކަ އިވެންޏާ ވާނީ ކިހިނެއް؟"
ރިފްގާ އޭނާގެ ދޮންމަންމަ ހޯދަން ޖެހުނު ގޮތް ކިޔައިދެމުން

"އަބަދުވެސް ކުޑައިރުވެސް މީހުން ކިޔާނެ މަށަކީ ދޮންބެއްޔާގެ އާއިލާގެ މީހެއްނޫނޭ. މަންމަގާތުގަ އެހީމަ ބުނާނެ އެއީ އެހާވަރުގެ ވާހަކައެއް ނޫނޭ. އެކަމަކު ބޮޑުވަމުން އައި ވަރަކަށް އެނގޭ މަށަކީ މަ ބައްޕަ މިކިޔާ މީހާގެ ދޮންދަރިއެއްކަން. މާބޮޑު ސަމާލުކަމެއް ނުދެން، އެކަމަކު ވިސާލާ ބައްދަލުވުމާ ހަމައަށް، އެހިސާބުން މީހުން ކިޔާފަ ހުރި ހުރިހާ ވާހަކަތަކެއް މަށަށް މުހިންމުވި."

އެންމެ ފުރަތަމަ ވިސާލު ފެނުނީ ގުރައިދޫގައި ހުއްޓާ ބަލިވެގެން އައިޖީއެމްއެޗުގައި އެނދުމަތިކުރެވުނު ތަނުންނެވެ. އެހިސާބުން ވިސާލާއި ރިފްގާގެ ގުޅުން ބަދަހިވެގެން ދިޔައެވެ. ގުރައިދޫން ވިސާލު ކ.މާފުށީ ޖަލަށް ގެންދެވުނީ މާކުރީގައި ވިސާލު ކުޑަކުއްޖެއްގެ ގޮތުގައި ހުއްޓާ ކޮށްފައިވާ ވައްކަމުގެ ހަމަސްދުވަހުގެ ހުކުމެއް ތަންފީޒުކުރަން ގެންދަން ޖެހިގެންނެވެ. އެހުކުމަށް ކުރިން ނުގެންދެވުނީ ސިކުނޑީގެ މައްސަލައެއް ހުރުމުން ރަނގަޅުވަންދެން ފަރުވާކުރަން ގުރައިދޫއަށް ގެންދަން ޖެހުމުންނެވެ.

"ގުރައިދޫން ވިސާލުކޮއްކޮ ގެންދިޔައީ މާފުށީ ޖަލަށް. އަހަރެން ވިސާލުކޮއްކޮއާ ބައްދަލުކުރަން ފެށީ ކޮއްކޮ ޖަލުގައި އޮއްވާ. އެއީވެސް ދެން ވަރަށް މަޖާކަމެއް. ހުކުމަށް ޖަލަށް ގެންދަން ހަމަޖެހޭ މީހަކަށް ހަދަން، ފަރުވާދޭން ގުރައިދޫއަށް. ސަރުކާރު ކުށްވެރިކުރާނެ ތަނެއް ނެތްތާ. ބައްޕަ ހުރެ އެހެން ހަދަން ހުއްދަ ދިނީ. މަބުނާނީ އެއީވެސް ބައްޕަ ކުރުވި ކަމެކޭ."

ރިފްގާ ވާހަކަތައް ކިޔައިދިނީ އެއްވެސް އޮޅުވާލުމެއް ނެތި ސާފުކޮށް ތެދުތެދަށެވެ. އާއިލާއަށްވީތީއޭ ކިޔާފައި އޮޅުވާލުމަކަށް ވާހަކައެއް ހަދަހަދައިގެން ނުދައްކައެވެ.

އުނދަގޫ ކަމަކަށްވީ އެތައް ބައިވަރު ނުދަންނަ މީހުންނަކަށް ގުޅައި މެސެޖުކޮށް އެމީހުން ކުރެން ބޭނުންވާ މައުލޫމާތު ދެނެގަތުމެވެ. އޮޅުން ފިލުވައި އެކޮންނަން ޖެހުނީ އިއްޔެގެ ނުވަތަ ނިމުނު އަހަރުގެ ވާހަކަތަކެއް ނޫނެވެ. އެތަކެއް އަހަރު ކުރީގެ ވަހަކަތަކެކެވެ. ބައްދަލުކޮށް އޮޅުން ފިލުވަން ބޭނުން މައުލޫމާތު ހޯދުމަށް ކުރަން ޖެހުނު މަސައްކަތް ވަރަށް ބުރަވިއެވެ. އެކަމަކު ރިފްގާ އެހުރިހާ ކަމެއްހެން ހޯދިއެވެ.

ހައިރާންވާން ޖެހުނު ސަބަބަކަށްވި ވާހަކަ އޮޅުންފިލުވުމަށް އަހާލީމެވެ. އަމިއްލަ އުފަން ބައްޕަ ހޯދައިގެން އޭނާއާ ގުޅުން ބަދަހިކުރުމުގެ ބަދަލުގައި ރިފްގާ ދޮންމަންމައަކު ހޯދަން މަސައްކަތް ކުރަން ޖެހުނު ސަބަބަކީ ކޮބައިބާވައެވެ؟ އެވެސް ގައުމުން ބޭރުގައި އިންޑިޔާގައި މަރުވެފައިވާ ކަމަށް ބުނާ މީހެއްގެ މައުލޫމާތުތަކެވެ. އެސުވާލަށް ރިފްގާ ދިން ޖަވާބު އިވުމުން ކޮންމެ މީހަކުވެސް ހައިރާންވާނެއެވެ. އަދި އެއީ އަންހެނަކު އޭނާގެ އެއްބަފާ ކުދިންތަކެއްގެ ހައްގުގައި ވެދިން އަގު ނުކުރެވޭވަރުގެ އެހީއެއްކަން ގަބޫލު ކުރެވޭނެއެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅެއްގެ ވެރިކަން ކުރާ ރަށަކަށް އުފަން ރިފްގާގެ އުފަން ބައްޕައަކީ އަތޮޅުގައި ނަން މަޝްހޫރު، މީހުން ދަންނަ މީހެކެވެ. ފައިސާހުރި ތަނަވަސް މީހެއްވެސް މެއެވެ. އެކަމަކު މިހާރު އަލިމަނިކު ދިރިއުޅެމުން އެއަންނަނި ތިންވަނައަށް ކުރި ކައިވެނިން ލިބިފައިވާ ދެކުދިންނާއެކުގައެވެ. ކުރިން ކުރި ދެކައިވެނިން ލިބިފައިވާ ކުދިންނާމެދު އެއްވެސް ސަމާލުކަމެއް އޭނާގެ ނުހުރެއެވެ. ތެދަށް ބުނަންޏާ އެއީ އަލިމަނިކު ދަންނަ ބައެއްވެސް ނޫނެވެ. އަމުދުން ރިފްގާއާ ބެހޭ ގޮތުން އަލިމަނިކު ބުނަނީ އެއީ އޭނާގެ ދަރިއެއް ނޫންކަމަށެވެ. އެހެންނަމަވެސް ރިފްގާ ކައިވެންޏެއް ކުރަން އުޅުމުން ވަރަށް ފަސޭހައިން ވަލީ ދިނެވެ.

ކުރީގެ ދޮންމަންމަގެ އަންހެން ދަރިފުޅާއި ދެފިރިހެން ކުދިންގެ މައުލޫމާތު ވަރަށް ރަނގަޅަށް ރިފްގާ ހޯދިއެވެ. އެކުދިންގެ ބޮޑު ސިއްރާއި ކުދިން ވީތަންތަން އެނގުމުން އައި ރުޅިގައި ބައްޕައަށް ގުޅައި ބޭއަދަބީ ބަހުން ވާހަކަވެސް ދެއްކުނެވެ. އެއްބަފާ ތިންބެއިންނަކީ ސިކުނޑީގެ އުނިކަން ހުރި ބައެއްކަން އެނގުމުން އެކަން ނިމުނީއެއް ނޫނެވެ. ބަލިކަށިވެ ތަންމަތިން ހިރިލަންވެސް ބިރުގެންފައި އޮތް އެކުދިންގެ މާމަ ކިޔައިދިން ގޮތުގައި އެކުދިން ދުނިޔެއަށް އުފަންވީއިރު އެކުދިންގެ އެއްވެސް މައްސަލައެއް ނެތެވެ. ނަމަވެސް އުމުރުގެ ވަކި ހިސާބަކަށް ދިއުމަށްފަހު އެދިމާވި ކަމަކުން އެކުދީންގެ މުޅި ދުނިޔެ ހަލާކުވީއެވެ.

"ވިސާލުގެ މާމަ، އަހަރެންގެ ދޮންމާމަ ބުނިގޮތުގައި ވިސާލަށް ހަތަރުއަހަރަށް އޮއްވާ ދޮންމަންމަ އިންޑިޔާއަށް ދިޔައީ. އޭރު އެންމެ ކުޑަކޮއްކޮ އަސީލަށް އޮތީ އެންމެ ހަމަހަށް. ވިސާލާދައްތައަށް އޭރު ހަތްއަހަރު، މާނައަކީ މަށަށް ވާނީ ފަސް އަހަރޭ."

ރިފްގާގެ މަންމަ ނަފީސާއަކީ އަލިމަނިކުގެ ދެވަނަ އަނބިމީހާއެވެ. ކައިވެނި ކުރީ ދެއަނތްބަށް ނަމަވެސް އަށްޑިހައިގެ އެއަހަރުތަކުގައި ރާއްޖޭގައި ދެއަނތްބަށް މީހަކާ އިންނާކަށް ދޮށީ އަނބީގެ ނުވަތަ ހަނގު އަނބީގެވިޔަސް ހުއްދައެއް އޮންނާކަށް ނުޖެހެއެވެ. އެހެންކަމުން އަލިމަނިކު ނަފީސާއާ އިނީ އެއްވެސް މީހަކަށް އެންގުމަކާ ނުލައެވެ. ނަފީސާއަކީ ހަމައެހެން އިނދެލި އަންހެނަކަށް ހަދާފައި އަލިމަނިކު އެނބުރި ދޮށީ އަނބި ގާތަށް ދިޔައީއެވެ. ނަފީސާއަށް ރިފްގާ ލިބި އަށެއްކަމަސްވިތަނާހެން، ނުހަނު ރަނގަޅު މީހަކު މައިންބަފައިންގެ ރުހުމުގައި ނަފީސާއާ އިންނަން ރަން ކިޔަން ހެކިން ފޮނުވިއެވެ. ނަފީސާވެސް ދަރިފުޅަށްޓަކައި އެކައިވެނިކުރިއެވެ. އަދި އިތުރު ދެއަންހެންދަރިންނާއި ފިރިހެން ދަރިފުޅަކު ލިބި ވަރަށް ހަމަޖެހިގެން ކުދިންކޮޅާއެކު ނަފީސާމެން ދިޔައީ ދިރިއުޅެމުންނެވެ.

އެހެންނަމަވެސް ރިފްގާ ބޮޑުވަމުންދިޔަ ވަރަކަށް އޭނާގެ ބައްޕައާ ބެހޭ ގޮތުން ދޭތެރެއަކުން ކޮށްލާ ސުވާލަށް ޖަވާބުދޭން މަންމައަށް ވީ ވަރަށްބޮޑު ދަތިކަމަކަށެވެ. މިކަން އެނގޭ ވަރަށް ތަސައްރަފު ފުދުމުން ރިފްގާ އެއީ ހަމައެކަނި އޭނާގެ ސެޓްފިކެޓްގައި އޮންނަ ނަމަކަށް ހަދައި ފުއްދާލައިގެން އުޅެމުން ދިޔައީއެވެ.

ހުރިހާ ކަމެއް މުޅިން ބަދަލުވީ ރިފްގާގެ އެއްބަފާ ކޮއްކޮ ވިސާލާ ބައްދަލުވުމުންނެވެ. ވިސާލު ގުރައިދޫގައި ހުންނަން ޖެހުނީ ކީއްވެގެންތޯ ބަލަން އެއާއިލާ ކޮބައިތޯ އޮޅުން ފިލުވިއިރު އެވަރުގެ ބޮޑު ސިއްރެއް އޮވެދާނެކަމަކަށް ރިފްގާގެ ހިތަކަށް ނާރައެވެ. އެކަމަކު ފަހުން އެނގުނު ގޮތުގައި އެއީ މުޅި އަތޮޅަށްވެސް މަޝްހޫރު އެންމެންހެން ދަންނަ "ބޮޑު" ސިއްރެކެވެ. ދޮންމަންމަ ނެތްކަމާއި ވިސާލުގެ އިތުރުން އަސީލުވެސް ކޮންމެވެސް ވަރަކަށް ސިކުނޑި ހަމަނުޖެހޭކަން އެނގުމުން އަވަހަށް އޭނާގެ އިން އެއްބަފާ ހަމައެންމެ ދައްތަ ކޮބައިތޯ ބެލިއެވެ. މީހަކާއިނދެ ދަރިން ތިއްބަސް ވިސާލާވެސް ސިކުނޑި މުޅިއަކުން ހަމަޖެހޭ އަންހެނަކަށް ނުވެއެވެ. ކޮންމެވެސް ކަހަލަ އުނދަގޫ ގޮތެއް ވިސާލާގެވެސް ހުރެއެވެ.

"އަސްލު ވިސާލަށް ބޮޑުވަރުވީ އޭރު އޭނާ ހޭޖެހޭ އުމުރުގައި ހުއްޓާ އެހުރިހާ ކަމެއް ދިމާވީ. އެހެންވެ އޭނާއަށް އެހުރިހާ އަސަރެއް ކުރީ."

ރިފްގާ ކިޔައިދިނީ އެހެން ވާން ޖެހުނު ސަބަބެވެ. އޭނާ ދޮންމަންމަ ކޮބައިތޯ ބަލަން ބޭނުންވާ ސަބަބެވެ. އެންމެން ދައްކާ ވާހަކައާ ދެކޮޅަށް އޭނާ ދޮންމަންމައާ ބައްދަލުވާން ބޭނުންވާ ސަބަބެވެ.

"މިސާލަކަށް އަމިއްލައަށް ތަސައްވުރު ކޮށްލަބަލަ، މަންމަ ހުރީ ރާއްޖެއިން ބޭރަށް ބޭހަކަށް ގޮސް، އެއްދުވަހެއްގަ މީހަކު އައިސް މިބުނަނީ ކަލޭގެ މަންމަ ހަރުފަ ވިހަ ލައިގެން މަރުވެއްޖެޔޭ، އެކަމާމެދު ރަނގަޅަށް ވިސްނައިނުލެވިގެން އުޅެނިކޮށް މާގިނަ ދުވަހެއްނުވެ ދެން މިއިވެނީ އިންޑިޔާގައި ނަށާ އަންހެނުން އުޅޭ ނައިޓުކުލަބަކުން މަންމަ ފެނުނު ހަބަރު. އެކަކު މަންމަ މަރުވެއްޖެޔޭ ބުނާއިރު އަނެއްމީހާ މަންމަ މަރާލާފައި ދެއްކީ ގޭގައި ގެންގުޅޭ މީހާގެ ހަރުފަ ވިހަލާފައި އޮތް ހަށިގަނޑޭ، ހަމައެނޭވާގައި އެހެންމިހަކު މަރެއް ނުވެއޭ ލޮލުން ދުށީމޭ، ޑޮލަރުކޮޅަކަށް ވިއްކާލީއޭ، މިކަހަލަ ވާހަކަ ވާހަކަ އިވެންޏާ ވާނީ ކިހިނެއް؟"

އެސުވާލަށް ދޭނެ ޖަވާބެއް ނެތެވެ. އިތުރަށް އަޑު އަހަން ބޭނުންވީއެވެ. ރިފްގާ ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެއީ އިންސާނިއްޔަތުކަމުގެ ހައްދެއްވެސް ނެތް ކަހަލަ ވާހަކައެކެވެ. އެއީ ހަމަ މިކުޑަކުޑަ ދިވެހި ރާއްްޖޭގައި ދިވެހިންތަކެއް ކޮށްލި ކަމެއް ހެއްޔެވެ؟ ބުނާނީވެސް ވަކި ކީކޭހެއްޔެވެެ؟

"ދޮންމަންމަ ގޮވައިގެން އެއެބޯޝަނެއް ހަދަން ދިޔަ ދެއަންހެނުންނާވެސް ބައްދަލުކުރިން. ދެމީހުންނަކީވެސް މަސްތުވާތަކެތީގެ ބޮޑު ރިކޯޑެއް އޮތް ދެމީހުުން. މިހާރު އެކަކު ދުނިޔެއަކުވެސް ނެތް. ދެން ހުރި މީހާވެސް ވަރަށް ބަލި، ނުވެސް ހިނގޭ، މަރުމަތީގަ މަނިކެދައްތަ މަށާ ބައްދަލުކުރި، މާފަށް އެދުނު، ހިތްހެޔޮކުރުމަށް އާދޭސް ކުރީ. އަސްލު މަގޭ ކައިރިޔަކުން ނޫން މާފަށް އެދި ހިތްހަލާލު ހޯދަން ޖެހޭނީ. އެކަމަކު ދެން ތިބި އަސްލު އެމީހުން މާފަށް އެދެން ޖެހޭ އެއްވެސް ކުއްޖަކު ހަމަވިސްނުން ތިބި ބުއްދި ހަމަ ޖެހޭ މުކައްލަފުންނަކަށް ނުވާނެ، އެހެންވީމަ ވަރަށް ވިސްނާލާފަ މާފުކުރީ، މާފު ނުކުރުމަކުން އެކުދިންގެ މަންމައަށް އެހެން ނުވާކަމަކަށް ނުހެދޭނެއެއްނު..."

ހަރީރާއާއި ކަތްދާމަނިކެ، ދޮންފާތާމަނިކެ ގޮވައިގެން އިންޑިޔާއަށް ދިޔައީ ނުވަދިހައެކެއްގެ ކުރީކޮޅުކަމަށް ބުނެވެއެވެ. އަލިމަނިކަކީ ލޮރީ ޕިކަޕް ފަދަ ތަކެތި ދުއްވައި އުޅޭ މީހަކަށްވުމުން އޭނާ ހުރީ އެފަހަރު ގެނައި ލޮރީއެއް ކަސްޓަމުން ބޭރު ކުރުމަށް މާލެ ގޮހެވެ. ދޮންފާތާމަނިކެ ބަލިވެ އިނީ އަލިމަނިކަކަށް ނޫނެވެ. އެހެންކަމުން އަލިމަނިކު އަނބުރާ ރަށަށް އައުމުގެ ކުރިން އެކަމުން ސަލާމަތްވާން ބޭނުންވެގެން ފާތާމަނިކެ ރައްޓެއްސެއްގެ ފަރާތުން ހަރީރާއާ ބައްދަލުވެ އިންޑިޔާއަށް ދިއުމަށް އެހީތެރިކަން ލިބިގެން ދިޔައެވެ. ފާތާމަނިކެ އެދަތުރުގައި އޭނާގެ އަތުގައި ރައްކާކުރެވިފައިވާ އެއްހާސް ޑޮލަރުގެންދިޔައެވެ. އޭގެން ޓިކެޓާއި އެހެނިހެން "ބޭސްފަރުވާ"އަށް ހަރަދުކޮށްފައި ބާކީ އޮތް ހަސަތޭކަ ޑޮލަރުގެ ބޭނުމުގައި ފާތާމަނިކެގެ ވަސް ދުނިޔެއިން ފޮހެލީއޭވެސް ކިޔައިއުޅުނެވެ.

ކޮންމެއަކަސް ފާތާމަނިކެގެ ހަބަރެއް ނެތި، ވީނުވީއެއް ނޭނގި މަސްތަކެއް ވެގެން ދިޔައެވެ. އޭރުގެ ކަންތައް ހުރި ގޮތުން ރާއްޖެއިން ބޭރަށް މީހަކު ދިއުމުން ރާއްޖޭގައި ހުންނަ މީހަކަށް އެމީހާގެ ހަބަރެއް ދުވަހުން ދުވަހަށް މިހާރު މިލިބޭހާ ފަސޭހައިން ވަގުތުން ވަގުތަށް އެނގޭކަށް ނޯވެއެވެ. އެހެންކަމުން ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މީހާ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބެނީ އެވެ. އެގައުމުން އަންނަ މީހެއްގެ ފަރާތުން ހަބަރެއް ލިބިދާނެކަމަށްވެސް ބަަލަބަލައިތިބެނީއެވެ. އަމުދުން ފާތާމަނިކެގެ އިނީ އެކަނި މަންމައަކާއި އެންމެ ބޭބެއެކެވެ. ދެން ކުޑަކުޑަ ތިންކުދިންނެވެ. އެހެންކަމުން ފާތާމަނިކެގެ ހަބަރެއްނުވެ ލަސްވެގެން ރަށު އޮފީހަށް ގޮސް ސިފައިންގެއަށް މެސެޖެއް ޖަހާނީވެސް ވަކި ކާކުހެއްޔެވެ. ހައެއްކަ މަސްފަހުން އިންޑިޔާގެ ސަރުކާރުން ރާއްޖޭގެ ފުލުހުންނަށް އަންގައިގެން، އަލިމަނިކު ފުލުހަށް ހާޒިރުކުރެވުނެވެ. ފާތާމަނިކެގެ އޭރުގެ ގާނޫނީގޮތުން ފިރިމީހާކަމަށް އަލިމަނިކުވާތީއެވެ. އަދި އެމީހުންގެ ކުދިންވެސް ތިބުމާއެކުގައެވެ.

އަލިމަނިކަށް ދެއްކި ފޮޓޯތަކުގައި ދޮންފާތާމަނިކެގެ ދޮންދޮން ޖަންބެއްކަހަލަ ކޯތާފަތްވެސް ހުރީ ފެހިކަޅުކުލައެއްގައެވެ. ދުޅަވެގެން ގޮސް މުޅިން ސިފަގެއްލިފައެވެ. އިސްކޮޅުންވެސް ކުރުވެފައިވާކަހަލައެވެ. އަލިމަނިކަކީ އިހަށްވެސް ވަރަށް ފަރުވާކުޑަމީހެކެވެ. އެހެންނޫނަސް ސިފައިންގެ ތެރެއަށް ވަދެ އެމައްސަލައިގައި މާބޮޑަށް އުޅޭކަށް އޭނަ ބޭނުމެއް ނުވިއެވެ. އެހެންކަމުން އޭނާގެ ބައި ފުރިހަމަކޮށްފައި އެތަނުން އޭނާ ދިޔައީއެވެ.

ފާތާމަނިކެގެ ހަށިގަނޑު ރާއްޖެ ގެނެވޭކަށް ނެތެވެ. ގެންނާނެ މީހެއްވެސް ނުވަތަ ގެންނަން ބޭނުން މީހަކުވެސް ނެތެވެ. ފާތާމަނިކެގެ ހަށިގަނޑު ވަޅުލެވުނީ ޗާޗާ މަހާނައާ ގާތުގައޭވެސް ހަރީރާމެން ކިޔެވެ. ކޮންމެއަކަސް އެބޯޝަން ހެއްދުމުގެ ތެރޭގައި ފާތާމަނިކެގެ ބަނޑުގައި އޮތް ދަރިފުޅުގެ މަސްވިހަވީއޭވެސް ކިޔައެވެ. އެއްބަޔަކު ބުނެއުޅުނީ ފާތާމަނިކެ ގޭތެރެއިން ބޭރަށް ނުކުމެ އުޅެނިކޮށް ހަރުފަ ވިހަލީ ކަމަށެވެ.

"އެންމެންވެސް ތިބޭނީ ގަބޫލުކޮށްގެންތާ. ދެން މަޑުމަޑުން އެވާހަކަ ހިނދެމުން ހިނދެމުން ދިޔައީ. ފާޑަކަށް ހަނދާން ނެތެމުން. އެފަހަރު ނިޔާޒުބޯޓުން ރަށަށް ގެންނަން ޖެހޭ ބައެއް ކަހަލަ މުދާތައް ގަންނަން އިންޑިޔާއަށް ކުރި ދަތުރެއް އެއީ، ދިއްލީން އެގޮތަށް ދިވެއްސަކު ފެނުމުން ނޭނގި ނުދާނެ، އަމުދުން ފާތާމަނިކެއަކީ އާދަޔާހިލާފަށް ދޮން އަންހެނެއް. އެތާގެ ކުލަބަކުން ފާތާމަނިކެ ފެނުނީ، އަހަންނަކަށް ފާތާމަނިކެ ނުއޮޅޭނެ މަގޭ އުމުރުން ސަތޭކަވެ ތަކުލީފުކެނޑުނަސް،"

މަޝްހޫރު ވިޔަފާރިވެރިޔާ އަހަންމާދީދީ އާއި ފާތާމަނިކެއަކީ އިރެއްގައި ވަރަށް ގާތް ދެމީހުންކަމަށް އެންމެންވެސް ބުނެއެވެ. އެހެންކަމުން ބައެއް މީހުން އަހަންމާދީގެ މިވާހަކަ ގަބޫލުކުރަން ދައްޗޭވެސް ބުނެއުޅުނެވެ.

ދެހާސްވަނަ އަހަރު ރަށުގެ މިވިޔަފާރިވެރިއަކަށް ފާތާމަނިކެ ފެނުނު ވާހަކަ، ހިކި ޖަންގައްޔެއްގައި އަލިފާންރޯވެ ފެތުރިގަތްހެން، މުޅި އަތޮޅުގައި ފެތުރިގަތެވެ. މިއީ 1997ވަނަ އަހަރުގެ ފަހުކޮޅު ހަމަ ދިއްލީގެ ކޮންމެވެސް ޖީބީރޯޑަކުން، ފާތާމަނިކެ ކަޅު ވޭނަކަށް ލައިގެން ގެންދަނިކޮށް ފެނުނު ކަމަށް ކޮންމެވެސް ދެ ވިޔަފާރިވެރިޔަކު ބުނެފައިވަނިކޮށް އެއީ ތެދެއްކަމަށް ބާރުދޭ ދެވަނަ ހަބަރަށްވީއެވެ. މިފަހަރު 'އަހައްމާދީދީ'، ސިފައިންނަށް ގުޅާފައި އެހަބަރު ދިނުމުން އެބުނާ ކުލަބަކަށް ސިފައިން ދިޔަކަމަށްވެއެވެ. އެހެނަސް އެދެމެދުގައި ވީ ވަގުތުކޮޅު ތެރޭ ކަޅު ވޭނެއް ފާތާމަނިކެ އަރުވައިގެން ގެންދިޔަކަމަށް އަހައްމާދީދީގެ އިތުރުން އެކުލަބުން އެހެން މީހަކުވެސް ބަޔާންދިނެވެ.

މިއީ ފާތާމަނިކެ ދުނިޔޭގައި ހުރިކަމުގެ އުއްމީދު އާލާވާކަހަލަ ހިލަންވަޅުތަކެވެ. އެހެންނަމަވެސް މިއަދާ ހަމައަށް އަދި ފާތާމަނިކެގެ މިއަށްވުރެ އިތުރު އެހެން އެއްވެސް ހިލަމެއް ނުވެއެވެ. ފާތާމަނިކެ އިންޑިޔާއަށް ގެންދިޔަ ދެމީހުންގެ ތެރެއިން އެކަކު މިދުނިޔެއަކު ނެތެވެ. އަނެއްމީހާ އޮތީ ވަރަށް ބަލިހާލުގައި އައިސީޔޫގައެވެ. އެކަކު މަރުމަތީގައިވެސް ބުނީ އޭނާގެ ގޭތެރޭގައި ފާހާނާތެރެއަށް މަރުވެގެން ވެއްޓިފައި އޮއްވާ ފެނުނު ކަމަށާއި އެޖަނާޒާ ބޭއްވީ އޭރު އޭނާ ހިތާވެގެން އުޅުނު ޕާކިސްތާނު މީހާގެ އެހީގައިކަމަށެވެ. ބައެއް ވާހަކަ ހަމަ ސިކުނޑިއަކުން ވިސްނައިފިނަމަ ދިމައެއް ނުވެއެވެ. އައިސީޔޫގައި މިވަގުތު އޮތް މީހާ ބުނާ ގޮތުގައި ފާތާމަނިކެ މަރުވީ އޭނާގެ އަތްމައްޗަށެވެ. ޖަނާޒާ ބާއްވާނެ ގޮތެއް ނެތިގެން ގައިގައި ހުރި ގަހަނާ ވިއްކާލަން ޖެހުނުކަމަށްވެސް އޭނާ ބުނެފައިވެއެވެ. ހަމަ މިއަންހެން މީހާ އެއްދުވަހެއްގައި ކުރި ޒުވާބެއްގައި "އަހަރެމެން އަނގަ ހުޅުވައިފިއްޔާ ކަލެއާއި ކަލޭގެ ޝާޒްބާން އޮންނާނީ އުމުރަށް ޖަލުގައޭ، އުވަޖަހާގޭ ރަހަދޮނާގެ ދޮންފާތާއަށް އެންމެ ދެހާސްޑޮލަރަށް ކަލޭ ހެދިގޮތް ނޭނގޭ މީހުން މަދުވާނޭ. ކަލޭ އޭރު އެގޭގައި ގެންގުޅުނު ނޯކަރު އަންހެން މީހާ ވަނީ ބިމަށްހޭ އެރީ އުނޑަށްހޭ، ދޮންފާތާ ހަރުފަވިހަލައިގެން މަރުވިގަޑީގަ އެނޯކަރުމީހާ ހަވައަށް އެރީހޭ!" ކިޔާ ހަޅޭއްލަވާފައިވާ ވާހަކަ ރަށުތެރޭގައި ވަރަށް ގަދައަށް ދެކެވުނެވެ. ހަމަ އެވާހަަކަ އެހެން ދުވަހެއްގައި މާގަދައަށް އަމަލުވެގެން މީހެއް ގާތު ދެއްކިކަމަށްވެސް ވެއެވެ.

ކޮންމެއަކަސް ޔޯލައަށް ދެއްކޭ ވާހަކައަކުން ކުރާނެ ކަމެއް ނެތް ގޮތަށް ފަސްއަޅައި ނިމިފައިވާ ކަމެއް ކޮނެ ނަގާނެ ފެންވަރެއް ރިފްގާ ކަހަލަ އާދައިގެ އަންހެނެއް ގަޔަކު ނެތެވެ. އޭނާގެ ފެންވަރުން އޭނާއަށް ކުރެވޭނީ ދުއާއެވެ. ދެން އުއްމީދެވެ. އަދި ކޮއްކޮމެނަށް ދައްތައަށް ވެވޭ އެހީތެރިކަމެވެ. އެއީ އޭނާ ކަހަލަ އާދައިގެ އިންސާނަކަށް ކުރެވޭނެ ވަރެވެ.

އަލިމަނިކަކަށް މިއިން އެއްވެސް ކަމެއް މުހިންމެއް ނޫނެވެ. އެެހެންނަމަވެސް ގުރައިދޫން ސަލާމަތްކޮށް ރަށުގައި ކޮއްކޮއާއެކު އުޅެވޭނެ ގޮތަށް ހަމަޖައްސައި، ރަށުގައި ހުރެގެން ކުރެވޭ ކަހަލަ މަސައްކަތެއްވެސް ރިފްގާ ވަނީ ވިސާލަށް ހޯދަދީފައެވެ. ހަމައެހެންމެ ރިފްގާ އަދިވެސް އުއްމީދު ކުރަނީ ދޮންމަންމައާ ބައްދަލު ވުމަށެވެ. ކޮންމެވެސް އެއްދުވަހަކުން ދޮންމަންމައާ ބައްދަލުވެ، ކޮއްކޮމެން ގާތަށް ދޮންމަންމަ ގެނައުމަކީ ރިފްގާގެ ހިތުގެ އަޑިން ކުރެވޭ އިހުލާސްތެރި ދުއާއެކެވެ.

މިފަދަ ކިތަންމެ ހާދިސާއެއް އަޅުގަނޑުމެންގެ ކުޑަކުޑަ ރާއްޖޭގެ އެކި ރަށްރަށުގައި އެކި ފާޑުފާޑަށް ހިނގާފައިވެއެވެ. އަދި މހާރުވެސް މިފަދަ ހާދިސާތައް ދަނީ ހިނގަމުންނެވެ. މިފަދަ ކަންތަކުގެ ފަހަތުގައި ތިބޭ މީހުންނާއި ޒިންމާ އުފުލަން ޖެހޭ މީހުން އެއްފަރާތް ކޮށްފައި މުޅި އުމުރަށް ވޭން އުފުލާ ނުކުޅެދޭ ހާލަށް ވެއްޓެނީ ކުށެއް ނެތް ކިތައް ދިރިއުޅުން ބާވައެވެ؟ ތަރައްގީވަމުން އަންނަ ނުހަނު ހަލުވިމިނުގައި ކުރިއަރައިގެން އަންނަ ދުނިޔޭގައި އަދިވެސް މިފަދަ ކަންތަކާމެދު ހޭލުންތެރިކަން ކުޑަވުމަކީ އެންމެ ބޮޑު މައްސަލައެވެ. އެހެންކަމުން ވަގުތު އޮއްވާ ހަމަ މިހާރުން މިހާރަށް ލޯހުޅުވައި ކަންކަމާމެދު ހޭލުުންތެރިވުމަށް އަޒުމުކަނޑައަޅަމާހެއްޔެވެ؟ މިފަދަ ދެވަނަ ވިސާލެއް ނުވަތަ ފާތާމަނިކެއެއް އުފަންވެ، ނުވަތަ އުފެދުނަ ނުދެމާހެއްޔެވެ؟