ކޮވިޑުގެ ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމު ގާއިމުކުރެވިފައިވާ ކަމަށާއި ހާލަތަށް ބަލައި ފިޔަވަޅުތައް އަޅާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އިއުލާންކުރި އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު އުވާލިކަން އިއުލާންކުރެއްވުމުގެ ގޮތުން މިރޭ ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއުމުކޮށް، ކޮވިޑުގެ ހާލަތަށް އަންނަ ބަދަލުތައް ވަރަށް ރަނގަޅަށް ބަލަމުންދާނެ ކަމަށެވެ.

"ރާއްޖޭގައި ފެތުރެނީ ކޮވިޑް ޖައްސާ ކޮން ބާވަތެއްގެ ވައިރަހެއްތޯ ދެނެގަތުމަށް، ގަވާއިދުން ޖެނެޓިކް ސީކުއެންސް ޓެސްޓުތައް ކުރެވޭނެ ނިޒާމެއްވެސް މިހާރުވަނީ ރާއްޖޭގައި ގާއިމުކޮށްފައި. އެ ބަދަލުތައް ދެނެގަނެ، ހާލަތާ ގުޅޭގޮތުން ފިޔަވަޅުތައް އަޅަމުން ދާނެ،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކޮވިޑުގެ ނުރައްކާތެރިކަން އަދިވެސް ބަލަމުން އަންނަނީ ވަބާއެއްގެ ގޮތުގައި ކަމަށާއި އެހެންކަމުން ބަލީގެ ހާލަތު ނުރައްކާތެރިވާ ފަދަ އައު ބާވަތެއްގެ ވައިރަހެއް އުފެދިއްޖެ ނަމަ، އެކަންކަމަށް ރިއާޔަތްކޮށް ފިޔަވަޅުތައް އެޅުމަށް ތައްޔާރަށް ތިބުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ކުރިމަގުގައި ކޮވިޑަށް އިޖާބަ ދިނުމުގައި އަމަލުކުރާނެ ގޮތުގެ ނޭޝަނަލް ސްޓްރެޖީއާއި އެކްޝަން ޕްލޭނެއް، ހަލްތު މިނިސްޓްރީން ކަނޑައަޅައިގެން ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

"ކޮވިޑުގެ ސަބަބުން ގައުމުތަކުގެ އިގުތިސާދީ ހަރަކާތްތައް ހުއްޓެމުން ދިޔަ އިރު، މުޅި ދުނިޔޭގެ ނިސްބަތުން ވެސް، އިގުތިސާދީ ގޮތުން އެންމެ ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ލަފާކުރެވުނީ ރާއްޖެއަށް. މިދިޔަ ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ އިގުތިސާދަށް ގާތްގަނޑަކަށް 71.3 ބިލިއަން ރުފިޔާގެ ގެއްލުން ލިބުނު ކަމަށް އަންދާޒާ ކުރެވޭ. އެ ހާލަތުގައި ވެސް ސަރުކާރުން މަސައްކަތް ކުރީ، ރައްޔިތުން އުފުލަންޖެހޭ ތަކުލީފުތައް ކުޑަކޮށްދޭން. ދައުލަތުގެ ފުދުންތެރިކަން ހުރި މިންވަރަކުން، ތަފާތު ގޮތްގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވުނު،" އެމަނިކުފާނު ވިދާޅުވިއެވެ.

ކޮވިޑާ ގުޅިގެން ރައްޔިތުންނަށް ފޯރުކޮށްދިން އެހީތެރިކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ގޭބިސީތަކުގެ ކަރަންޓާއި ފެން ބިލުތަކުން ޑިސްކައުންޓުތަކާއި ވަޒީފާ ގެއްލުނު މީހުންނަށާއި މުސާރަ ދަށްވި މީހުންނަށް އިންކަމް ސަޕޯޓް އެލަވަންސްދީ، ލޯނު ނަގާފައިވާ މީހުންގެ ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށްދެވުނު ކަމަށެވެ. އަދި ވަޒީފާތަކުން މީހުން ވަކި ނުކުރުމަށް ޝަރުތުކޮށް ވިޔަފާރިތަކަށް ލުއި ލޯނު ދޫކޮށް، އިޖުތިމާއީ ރައްކާތެރިކަމަށް ބޭނުންވާ މީހުންނަށް އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީ، ރިސޯޓުތަކުގެ ކުލި ދެއްކުން ފަސްކޮށްދެވުނުކަން ވެސް ރައީސް ފާހަގަކުރެއްވިއެވެ.