ޚަބަރު

ދިރާގު ހައި ސްޕީޑް ފައިބާ އިންޓަނެޓް އަދި ދިރާގު ޓީވީގެ ހިދުމަތް ފަރެސްމާތޮޑާއަށް

ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ގދ. ފަރެސްމާތޮޑާގައި ރަސްމީކޮށް އިފުތިތާހުކޮށްފިއެވެ.

ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން އެ ދެ ހިދުމަތް ރަސްމީކޮށް އިފުތިތާހު ކޮށްފައިވަނީ ފަރެސްމާތޮޑާގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާ އެއްކޮށެވެ.

ދިރާގުން ބުނީ، ފައިބާ ބްރޯޑްބޭންޑް ޕެކޭޖަށް އެދި ހުށަހަޅާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާއަށް ބޭނުންވާ ހާއްސަ ރައުޓަރު ނުވަތަ އޯއެންޓީވެސް ހިލޭ ލިބޭނެ ކަމަށެވެ. މިއީ އެންމެ ހަލުވި ސްޕީޑާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖުތައް ހިޔާރުކުރުމަށް ލިބޭ ރަނުގެ ފުރުސަތެއް ކަމަށްވެސް ބުންޏެވެ.

ދިރާގު ޓީވީއަށް އެދޭ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑަރު) މުޅިން ހިލޭ ލިބިގެންދާނެއެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުން އަންނަ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 82 ޕަސެންޓަށް އެ ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާ އިރު، އޭގެ ތެރޭގައި 80 ރަށެއް ހިމެނޭ ކަމަށް އެކުންފުނިން ބުނެއެވެ. އަދި 100 އަށްވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ 82 ޕަސެންޓް ރަށަށް އެ ހިދުމަތްވެސް ފޯރުކޮށްދީފައިވާ ކަމަށްވެސް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ، އެ ކުންފުނިން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ބުންޏެވެ.