"ހެލޯ ޑާލިން" ނަމަކަށް ކިޔާ ޓްރެވެލް އޭޖެންސީއެއް ހިންގި އަންހެނަކު ރާއްޖޭގެ ހޮލިޑޭ ޕެކޭޖް ތަޖެއް ހަދައިގެން އެވިއްކައިގެން ކްލައިންޓުން އަތުން 100 މިިލިއަނަށްވުރެ ގިނަ ރުފިޔާ ހޯދައިގެން ފިލައިފިއެވެ.
މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ތަސްނީމް މޫސާ "ތަޒް" ނަމަކަށް ކިޔާ އެ އަންހެންމީހާ އަކީ ސައުތު އެފްރިކާގެ ޖޮހަނެސްބާގް އަށް ނިސްބަތްވާ އަންހެކެވެ. އޭނާ ފިލާފައި ވަނީ ކްލައިންޓުންގެ އަތުން 100 މިލިއަން ސައުތު އެފްރިކަން ރޭންޑް (102 މިލިއަން ރުފިޔާ) ނެގުމަށް ފަހުގައެވެ.
ރިޕޯޓުތައް ބުނާގޮތުގައި ތަސްނީމް ވަނީ "ހެލޯ ޑާލިން" ގެ ނަމުގައި ޓްރެވެލް އޭޖެންސީއެއް ހަދައި ފުރަތަމަ ދެތިންމަސް ދުވަހު ހެޔޮ އަގުގައި ޓްރެވަލް ޕެކޭޖްތައް ވިއްކާފައެވެ. އޭނާގެ ކުންފުންޏަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދަމަށް ފަހު އޭގެ ފައިދާ ނަަގައި އެތައް ބައިވަރު ޓްރެވެލް ޕެކޭޖެއް ވިއްކުމަށްފަހު ކުއްލިއަކަށް ހުރިހާ ފައިސާއެއް ހިފައިގެން އޭނާ ފިލީއެވެ.
ތަސްނީމް ކުންފުނިން ރާއްޖެ އާއި ތުރުކީ އަދި ދުބާއީ ގެ އިތުރުން އެހެން ގައުމުތަކުގެ ހޮލިޑޭ ޕެކޭޖްތައް ވިއްކާފައި އެބަހުއްޓެވެ. ނަމަވެސް ކްލައިންޓުން އަތުން ފައިސާ ނެގުމަށްފަހު އެއްވެސް ހޮޓެލަކުން "ހެލޯ ޑާލިން" އިން ބުކިން ހަދާފައެއް ނުވެއެވެ.
ސޯޝަލް މީޑިއާގައި އޭނާ މިހާރު މަޝްހޫރުވެފައި ވަނީ "ހޮލިޑޭ ސްވިންޑްލާ" ގެ ނަމުންނެވެ. ރިޕޯޓުތައް ބުނާގޮތުން ތަސްނީމުގެ ހީލަތުގައި ލަނޑު ލިބުނު 3000 މީހުން އެބަތިއްބެވެ. އޭގެތެރެއިން އެއް ބަޔަކު އޭނާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ އިރު ގިނަ އަދަދެއްގެ ބަޔަކު އަންނަނީ އޭނާއާ ދެކޮޅަށް ސޯޝަލް މީޑިއާގައި އަޑުއުފުލަމުންނެވެ.
ތަސްނީމް މޫސާ ހޯދުމުގެ މަސައްކަތް ދެކުނު އެފްރިކާގެ ކަމާބެހޭ ފަރާތްތަކުން ވެސް ކުރަމުން އަންނައިރު ތަސްނީމް މިހާރު ވަނީ އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތައްވެސް ޑީއެކްޓިވޭޓް ކޮށްފައެވެ. އަދި އޭނާ އެހެން ޓްރެވެލް އޭޖެންސީތައް ވެސް ހިންގާ ކަމަށާއި މިދިޔަ އަހަރު ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި އެވޯޑް ޝޯއެއްގައި "ވުމެން އޮފް ވޮންޑާ" ގެ އެވޯޑް ތަސްނީމަށް ލިބިފައިވާ ކަމަށްވެސް މީޑިއާތަކުން ވަނީ ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު