މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ފާއިތުވި 12 އަހަރުގެ ތެރޭގައި ޖޫރިމަނާތަކުގެ ގޮތުގައި 1.8 ބިލިއަން ރުފިޔާ ބަލައިގެންފައިވާ ކަމަށް އެ އޮތޯރިޓީން ހާމަކޮށްފިއެވެ.
މީރާއިން 2010 ވަނަ އަހަރުން ފެށިގެން މި އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް ހަދާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ޖޫރިމަނާ އިން ދައުލަތަށް އެންމެ ބޮޑަށް އާމްދަނީއެއް ހޯދާފައިވަނީ ވަނީ 2016 ވަނަ އަހަރު އެވެ. އެ އަހަރު ޖޫރިމަނާއިން އެކަނިވެސް އާމްދަނީ އަށް 270 މިލިއަން ރުފިޔާ ލިބިފައިވެ އެވެ.
2010 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ވަކި ވަކި މަސްތަކަށް ޖޫރިމަނާއިން ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު އެންމެ ބޮޑު އަދަދަކަށް ޖޫރިމަނާ ފައިސާ އެއްކޮށްފައި ވަނީ 2015 ވަނަ އަހަރު މޭ މަހު އެވެ. އެ އަހަރުގެ މޭމަހުގައި ޖޫރިމަނާ ފައިސާގެ ގޮތުގައި 63 މިލިއަން މީރާއަށް ވަނީ ބަލައިގެންފައެވެ.
ކޮވިޑުގެ އެންމެ ނާޒުކު ހާލަތު ދިވެހިން ތަހައްމަލުކުރަމުން ދިޔަ އިރުވެސް 2021 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ޖޫރިމަނާ ފައިސާގެ ގޮތުގައި 57 މިލިއަން މީރާއިން ބަލައިގެންފައިވެއެވެ. އެއީ ފާއިތުވި 12 އަހަރުގެ ވަކި ވަކި މަސްތަކަށް ބަލާއިރު، ޖޫރިމަނާ ފައިސާއިން ދެވަނައަށް އެންމެ ބޮޑު އާމްދަނީއެއް ދައުލަތަށް ހޯދި މަހެވެ.
- 12 އަހަރުގެ ޖޫރިމަނާއިން ދައުލަތަށް ލިބިފައިވާ އާމްދަނީގެ ނަމްބަރުތައް
- 2010- 44 މިލިއަން ރުފިޔާ
- 2011- 50 މިލިއަން ރުފިޔާ
- 2012- 51 މިލިއަން ރުފިޔާ
- 2013- 54 މިލިއަން ރުފިޔާ
- 2014- 116 މިލިއަން ރުފިޔާ
- 2015- 257 މިލިއަން ރުފިޔާ
- 2016- 270 މިލިއަން ރުފިޔާ
- 2017- 195 މިލިއަން ރުފިޔާ
- 2018- 226 މިލިއަން ރުފިޔާ
- 2019- 197 މިލިއަން ރުފިޔާ
- 2020- 128 މިލިއަން ރުފިޔާ
- 2021- 184 މިލިއަން ރުފިޔާ
މީރާ ގެ ހިސާބުތައް އަޅައި ކިޔާލުމުން ފެންނަ ގޮތުން ދެވަނައަށް އެއްމެ ބޮޑު އާމްދަނީއެއް ޖޫރިމަނާގެ ގޮތުގައި ލިބުނީ 2015 ވަނަ އަހަރު އެވެ. އެ އަހަރު 257 މިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ.
ޖޫރިމަނާގެ ގޮތުގައި ދައުލަތަށް އެންމެ ބޮޑަށް އާމްދަނީއެއް ލިބޭ ދާއިރާތަކުގެ ތެރޭގައި ޓެކުހާ ގުޅޭ އިޖުރާތުތައް ފުރިހަމަ ކުރުމާއި އެއްގަމު އުޅަނދުގެ ސްޓިކާ ޖެހުމާއި ޓްރެފިކް ގާނޫނާއި ގަވާއިދާއި ހިލާފުވެގެން ކުރާ ޖޫރިމަނާތައް ހިމެނެ އެވެ. އަދި ކޮވިޑާ ގުޅިގެން ދައުލަތުން އަޅާފައިވާ ސިއްހީ ކުއްލި ނުރައްކާ ހާލަތުގެ އަމަލުކުރަންޖެހޭ އުސޫލުތަކާއި ހިލާފުވެގެންވެސް ގިނަ އަދަދަކަށް މީހުން ޖޫރިމަނާ ކޮށްފައިވެއެވެ.
ޚަބަރު
ޚަބަރު
ޚަބަރު