ޓޫރިޒަމަށް 50 އަހަރުފުރުން ފާހަގަކުރުމުގެ ގޮތުން ޓިކްޓޮކް ޗެލެންޖެއް ބާއްވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އަންނަ މެއި މަހުގެ ދިހަވަނަ ދުވަހާ ހަމައަށް ކުރިއަށްގެންދަން ނިންމާފައިވާ މި ޓިކްޓޮކް ޗެލެންޖުގައި ދިވެހިންގެ އިތުރުން ބޭރު މީހުންނަށްވެސް ބައިވެރިވެވޭނެ ކަމަށެވެ.

އެގޮތުން ދިވެހި ޓިކްޓޮކް އެކައުންޓުތަކުގެ ތެރެއިން "ކެޓަގަރީ އޭ" އަކީ 10،000 އަށްވުރެ ގިނަ ފޮލޯވާސް ތިބި އެކައުންޓުތަކެެވެ. އަދި "ކެޓަގަރީ ބީ" އަކީ 10،000 އަށްވުރެ މަދު ފޮލޯވާސް ތިބި އެކައުންޓުތަކެެވެ. ބޭރު މީހުންގެ ތެރެއިން އެއް މިލިއަނަށް ވުރެ ގިނަ ފޮލޯވާސް ތިބި އެކައުންޓުތައް "ކެޓަގަރީ އޭ"ގެ ގޮތުގައި ހިމެނޭ އިރު، "ކެޓަގަރީ ބީ" އަކީ އއް މިލިއަނަށްވުރެ މަދު ފޮލޯވާސް ތިބި އެކައުންޓުތަކެވެ. އެހެންކަމުން އެ ޗެލެެންޖުގައި ބައިވެރިވުމަށް ވަނީ އެންމެންނަށް ވެސް ފުރުސަތު ހުޅުވިފައިވާ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.

ޓޫރިޒަމްގެ ރަން ޔޫބީލްއަށް ހާއްސަކޮށްފައިވާ "ނަލަ ނަލަ ރާއްޖެ" ލަވަ ހިމަނައިގެން ހަދަންޖެހޭ މި ޓިކްޓޮކް ވީޑިއޯގައި މި ލަވަ 'ލިޕްސިންގް' ކުރަންޖެހޭނެއެވެ. އަދި ވީޑިއޯއެއްގެ ދިގު މިނުގައި ހުންނަންޖެހޭނީ 60 ސިކުންތެވެ.

މި ޗެލެންޖުގައި ބައިވާން ބޭނުންވާ ފަރާތްތަކުން ޓިކްޓޮކް ހެދުމަށްފަހު ވީޑިއޯ އަޕްލޯޑް ކުރަންވާނީ ޓޫރިޒަމް މިނިސްޓްރީގެ ރަސްމީ ޓިކްޓޮކް ހޭންޑްލް ޓެގްކުރުމަށްފަހު، ހޭޝްޓެގްތަކެއް ވެސް ހުންނަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ދިވެހިން ހަދާ ވީޑިއޯތަކުން އެންމެ ގިނަ ވިއުސް، ލައިކްސް އަދި ޝެއާ ލިބޭ ތިން ވީޑިއޯއެއް ހޮވައި ފައިސާގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ކޮންމެ ކެޓަގަރީއަކުން ވެސް އެއްވަނަ ވީޑިއޯއަށް 25،000 ރުފިޔާ، ދެވަނަ ވީޑިއޯއަށް 15،000 ރުފިޔާ، ތިންވަނަ ވީޑިއޯއަށް 10،000 ރުފިޔާ ދިނުމަށް ވަނީ ނިންމައިފައެވެ. އަދި ބޭރު މީހުން ހަދާ ވީޑިއޯތަކުގެ ތެރެއިން އެއްވަނައަށް ހޮވޭ ވީޑިއޯއަށް ދެމީހަކަށް އަށް ދުވަހުގެ ހޮލިޑޭ ޕެކޭޖެއް އަދި ދެވަނައަށް ހޮވޭ ވީޑިއޯއަށް ދެ މީހަކަށް ފަސް ދުވަހުގެ ހޮލިޑޭ ޕެކޭޖެއް ދިނުމަށް ވަނީ ނިންމައިފައެވެ.

މި ވީޑިއޯތައް އިވަލުއޭޓު ކުރާނީ މެއި މަހުގެ 11 ވަނަ ދުވަހުއެވެ. އަދި ނަތީޖާ ފާޅުކުރާނީ މެއި މަހުގެ 17 ވަނަ ދުވަހު ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

[ޓިކްޓޮކް ޗެލެންޖުގެ އިތުރު މައުލޫމާތު ](https://www.tourism.gov.mv/en/announcements/maldives_tourism_golden_jubilee_nala_nala_raajje_tiktok_challenge)