ޅ. މާފިލާފުށީގައި ތަމްރީނު ހަދަމުން ދަނިކޮށް ހާލު ސީރިއަސްވެގެން ގެނައި ދެ މީހުންގެ ތެރެއިން އެކަކުގެ ހާލު އަދިވެސް ސީރިއަސް ކަމަށް އައިޖީއެމްއެޗުން ބުނެފިއެވެ.
ތަމްރީނު ހަދަމުން ދަނިކޮށް ހާލު ދެރަވެގެން އެންމެ ފުރަތަމަ މި ދެ މީހުން ގެންދިޔައީ ޅ. އަތޮޅު ހޮސްޕިޓަލަށެވެ. އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި އިތުރު ފަރުވާއަށް އެ ދެމީހުން ވަނީ މާލެ ގެނެސްފައެވެ. އެ ދެ މީހުންނަށް މިހާރު ފަރުވާދެމުން އަންނަނީ އައިޖީއެމްއެޗްގައެވެ.
އައިޖީއެމްއެޗްގެ މީޑިއާ އޮފިސަރު "ވަން"އަށް މައުލޫމާތުދެއްވަމުން މިއަދު ވިދާޅުވީ އެކަކުގެ ހާލު ސީރިއަސްވެ ރެއިން ފެށިގެން އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށެވެ. އަދި ދެން ގެނައި މީހާއަށް އެ ހޮސްޕިޓަލުގެ ވޯޑުގައި އެޑްމިޓުކޮށްގެން ފަރުވާދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ހާދިސާއާ ގުޅޭގޮތުން އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު "ވަން"އަށް މިއަދު ވިދާޅުވީ ޓްރެއިނިން އަކީ އަބަދުވެސް އެއްގޮތަކަށް ކުރިއަަށްގެންދާ އެއްޗެއް ކަމަށެވެ. ވަކި މީހަކަށް ވަކި ގޮތަކަށް ޓްރެއިނިންތައް ކުރިއަށްނުގެންދާ ކަމަށާއި އަބަދުވެސް އެންމެންނަށްވެސް ކުރިއަށްދާނީ އެއް ގޮތަކަށް ކަމަށް ވިދާޅުވިއެވެ.
ފަރުވާދެމުން އަންނަ ދެ މީހުންގެ ހާލަތާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ވިދާޅުވީ، އެ ދެ މީހުންގެ ހާލަތާ ގުޅޭ އެއްވެސް މައުލޫމާތެއް ނުލިބޭ ކަމަށެވެ. އަދި އިތުރު މައުލޫމާތެއްވެސް ދެވެން ނެތް ކަމަށް އޮފިސަރު ވަނީ ވިދާޅުވެފައެވެ.
ޓްރެއިނިން ހަދަމުން ދަނިކޮށް ހާލު ދެރަވުމުން އެ ދެ މީހުން ފެއިލްކޮށްލީތޯ އަދި ހާލު ނުބަލަނީ ކީއްވެގެންތޯ ސުވާލުކުރުމުން މިހާތަނަށް އެއްވެސް ޖަވާބެއް ދީފައެއް ނުވެއެވެ.
ޅ. އަތޮޅު ހޮސްޕިޓަލުގެ މެނޭޖަރު ޖައުފަރު އަބްދުﷲ "ވަން" އަށް މިއަދު ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ މާފިލާފުށިން އުމުރުން 21 އަހަރުގެ ދެ މީހަކު ހާލު ދެރަވެގެން އެ ހޮސްޕިޓަލަށް ގެނައި ކަމަށެވެ.
ޖައުފަރު ވިދާޅުވީ އޭގެ ތެރެއިން އެކެއްގެ ހާލު ވަރަށް ސީރިއަސް ކަމަށާއި އެގޮތުން ހިތުގެ މައްސަލައެއް ހުރިކަން ފާހަގަވެފައިވާ ކަމަށެވެ. އަދި ޑޮކްޓަރުންނާ ހަވާލާދީ ވިދާޅުވީ ގިނަ ގުނަވަން (މަލްޓިޕްލް އޯގަންސް)ތަކެއް ފެއިލްވަމުންދާ ކަމަށާއި ވަރަށް ބޮޑަށް ޑީހައިޑްރޭޓްވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
ދެން ގެނައި މީހާ އަކީ ހީޓް ސްޓްރޯކެއް ޖެހިގެން ގެނައި މީހެއް ކަމަށާއި ދެ މީހުންނަށްވެސް ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އިއްޔެގެ ވަގުތެއްގައި މާލެ ފޮނުވާލާފައިވާ ކަމަށެވެ.
"ގެނައި އިރު އެކަކުގެ ހާލު ވަރަށް ސީރިއަސް. ދެން ގެނައި މީހާގެ ހާލުވެސް ދެރަ. އެކަކު ހިތުގެ ބައްޔެއް ފާހަގަވި ކަމަށް ޑޮކްޓަރުން ބުނި. އަދި މަލްޓިޕްލް އޯގަންސް ފެއިލްވަމުންދާ ކަމަށް ބުނި. އޭގެ އަލާމާތްތަކެއްވެސް އެބަހުއްޓޭ ޑޮކްޓަރުން ބުނީ. ދެން ޑޮކްޓަރުން ބުނި ވަރަށް ބޮޑަށް ޑިހައިޑްރޭޓު ވެފައޭ ހުރީވެސް. ނޭވާލާން އުނދަގޫވެ ރަނގަޅަށް ހަރަކާތްވެސް ނުކުރެވޭ ގެނައި އިރު. އޭނާގެ ހާލު ކުޑަކޮށް ސްޓޭބަލް ވީމަ އިތުރު ފަރުވާއަށް މާލެ ފޮނުވާލީ. ހީޓް ސްޓްރޯކެއް ޖެހިގެން ގެނައި މީހާވެސް ފަރުވާ ދިނުމަށްފަހު ސްޓޭބަލް ވީމަ މާލެ ފޮނުވާލީ،" އޭނާ ވިދާޅުވިއެވެ.
އެމްއެންޑީއެފްގެ ވަޒީފާއަށް ވަނުމުގެ ކުރިންނާއި ޓްރެއިނިންއަށް ފުރުމުގެ ކުރިން މެޑިކަލް ޗެކަޕް ހަދައެވެ. އަދި ވަޒީފާއަށް ވަދެވޭނީ މި މެޑިކަލް ޓެސްޓުން ފާސްވެގެންނެވެ.
މާފިލާފުށީގައި އެމްއެންޑީއެފް ޓްރެއިނިން ހަދަމުންދިޔަ އުމުރުން 19 އަހަރުގެ ޒުވާނަކުވެސް ވަނީ މި މަހުގެ ހަތްވަނަ ދުވަހު މަރުވެފައެވެ. އޭނާ މަރުވެފައިވަނީވެސް ގުނަވަންތައް ފެއިލްވުމުގެ ސަބަބުން ކަމަށް ޖައުފަރު ވަނީ ވިދާޅުވެފައެވެ. އަދި ހޮސްޕިޓަލަށް ގެނައި އިރުވެސް އޭނާ މަރުވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ އޭނާ ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު