ބެލޮންޑިއޯ އެވޯޑު

ދެން ބެލޮންޑިއޯ ދޭނީ ސީޒަނަށް ބަލައިގެން، ފަނޑިޔާރުންގެ އަދަދުވެސް މަދުކޮށްފި

ދުނިޔޭގެ އެންމެ މޮޅު އަންހެން އަދި ފިރިހެން ފުޓުބޯޅަ ކުޅުންތެރިޔާ ހޮވުމަށް ފްރާންސްގެ ފުޓުބޯޅަ މެގަޒިންއިން ދޭ ބެލޮންޑިއޯ އެވޯޑުގެ އުސޫލުތަކަށް ބަދަލު ގެނެސްފިއެވެ.

ބެލޮންޑިއޯގެ އުސޫލަށް ގެނައި އެންމެ ބޮޑު ބަދަލަކީ އެވޯޑަށް ވާދަކުރާ އެތުލީޓުންގެ ކުޅުމަށް ބަލާ މުއްދަތަށް ގެނައި ބަދަލެވެ. މީގެ ކުރިން އޮންނަ ގޮތުން ބެލޮންޑިއޯ ހޮވުމަށް ފަނޑިޔާރުން ބަލަނީ ކަލަންޑަރު އަހެރެއްގެ ކުޅުމަށެވެ. އޭރުން ފަނޑިޔާރުންނަށް ބަލަން ޖެހެނީ ދެ ސީޒަނަށެވެ. އެހެން އޮތް އޮތުން ބަދަލުކުރަން ފްރާންސް ފުޓްބޯލް މެގަޒިންއިން ނިންމާފައިވާ އިރު، އަންނަ އަހަރުން ފެށިގެން ގެންނަ ބަދަލަކީ ސީޒަނެއްގެ ކުޅުމަށް ބަލައި ބެލޮންޑިއޯ ދިނުމެވެ.

ދުނިޔޭގެ އެންމެ ޝަރަފުވެރި އެއް ފުޓުބޯޅަ އެވޯޑު، ބެލޮންޑިއޯގެ އުސޫލަށް ދެން ގެނައި އެއް ބަދަލަކީ ފަނޑިޔާރުކަން ކުރާ ޕެނަލްގައި ހިމެނޭނެ ނޫސްވެރިންގެ އަދަދަށް ގެނައި ބަދަލެވެ. ކުރިން އޮންނަ ގޮތުން ފިރިހެން އެވޯޑު ދެނީ 170 ކުޅިވަރު ނޫސްވެރިންގެ މައްޗަށް އެކުލެވޭ ޕެނަލަކުންނެވެ. އިއްޔެ އިއުލާން ކުރި ބަދަލާއެކު މިހާރު ބެލޮންޑިއޯ ފިރިހެން އެވޯޑަށް އިންސާފު ކުރާނީ 100 ނޫސްވެރިންގެ ޕެނަލަކުންނެވެ. އަދި އަންހެން އެވޯޑަށް އިންސާފުކުރާނީ 50 ނޫސްވެރިންގެ ޕެނަލަކުންނެވެ.

ފްރާންސް ފުޓްބޯލްގެ ޗީފް އެޑިޓަރު ޕަސްކަލް ފެރޭ ވިދާޅުވެފައިވާ ގޮތުގައި ސީޒަނަކަށް ބަލައި އެވޯޑު ދިނުމަކީ ބެލޮންޑިއޯގެ އިންސާރުވެރިކަން އިތުރު ވެގެންދާނެ ކަމެކެވެ. އަދި ބެލޮންޑިއޯ ދިނުމުގައި އެފަދަ ގޮތަކަށް ބެލުމުގެ ސަބަބުން ކުޅުންތެރިންނަށްވެސް ރަނގަޅު ފޯމެއްގައި ސީޒަން އެއްކޮށް ހިފަހައްޓާލަން އިތުރު ހިތްވަރެއް ލިބޭނެ ކަމަށް ފެރޭ ވިދާޅުވިއެވެ. ފެރޭ އިތުރަށް ވިދާޅުވީ ކުޅުންތެރިޔާގެ ޓީމުން ހޯދާ ކާމިޔާބީތަކަށްވުރެ ބޮޑަށް ބެލޮންޑިއޯގައި ބަލާނީ އިންޑިވިޖުއަލް ޕާފޮމަންސްއަށް ކަމަށެވެ.

ބެލޮންޑިއޯގެ އުސޫލަށް ބަދަލުތަކެއް ގެންނަން ނިންމާފައި މިވަނީ ބެލޮންޑިއޯ ދިނުމުގައި އިންސާފުކުރާ މިންގަނޑުތަކަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އެންމެފަހުން މިއަހަރު ދިން ބެލޮންޑިއޯ ލިއޮނަލް މެސީ ހޯދާފައިވާ އިރު، ގިނަ ބަޔަކު ގަބޫލުކުރި ގޮތުގައި އެވޯޑު ހައްގު ވަނީ ރޮބާޓް ލެވަންޑޯސްކީއަށެވެ.

ފީފާ ދަ ބެސްޓް އެވޯޑުވެސް ހޯދި ލެވަންޑޯސްކީ މިދިޔަ ސީޒަނުގައި މޮޅަށް ކުޅެ، ޖަރުމަނު ލީގުގައި އެކަނިވެސް 41 ގޯލު ޖަހައިފައިވާ އިރު، އޭނާ ވަނީ ބަޔާންއާއެކު ލީގު ތަށި ހޯދައިފައެވެ.

މިދިޔަ އަހަރު ބެލޮންޑިއޯ ހޯދި މެސީ ވަނީ ރެކޯޑު ހަތް ފަހަރަށް އެވޯޑު ހޯދައިފައެވެ. އޭނާއާ ޖެހިގެން ދެން އެންމެ ގިނަ ފަހަރު ބެލޮންޑިއޯ ހޯދާފައި ވަނީ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ވަނީ ފަސް ފަހަރު ބެލޮންޑިއޯ ހޯދައިފައެވެ. މިދިޔަ އަހަރު ދޭން ފެށި އަންހެން ބެލޮންޑިއޯ އެވޯޑު އެންމެ ފުރަތަމަ ހޯދި ކުޅުންތެރިޔަކީ ބާސެލޯނާއަށް ކުޅެމުންދާ އެލީޒިއާ ޕުޓެލާސްއެވެ.