ހަނގުރާމަވެރި ސަރަހައްދަކުން ރާއްޖެ ގެނައި އާއިލާގެ ޖިނާއި ތަހުގީގެއް ހިންގަންޖެހޭނަމަ އެކަން ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ، ދުނިޔޭގެ ބައެއް ގައުމުތަކުގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް 2013 ވަނަ އަހަރު ރާއްޖެ ދޫކޮށް ދިޔަ ދިވެހި އާއިލާއެއް ރާއްޖެއަށް މިއަދު އަނބުރާ ގެނެސްފައިވާ ކަމަށެވެ. އަދި އެމީހުންނާމެދު އަމަލުކުރުމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި ނެޝަނަލް ރީއިންޓެގްރޭޝަން ސެންޓަރުގައި އިދާރީ ބަންދެއްގައި ބައިތިއްބާފައިވާ ކަމަށެވެ.
އެ އާއިލާގައި ހިމެނެނީ 33 އަހަރުގެ ދިވެހި އަންހެނަކާއި 18 އަހަރުން ދަށުގެ ހަތަރު ކުޑަ ކުދިންނެވެ. އެ ހަތަރު ކުދިންގެ ތެރެއިން ދެ ކުއްޖަކު އުފަންވެފައި ވަނީ ރާއްޖެއިން ބޭރުގައި ކަމަށްވުމާއެކު އެ ކުދިންގެ ރައްވެހިކަމާއި ރެޖިސްޓްރޭޝަނާ ގުޅޭކަންކަން ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައިވާ ގޮތުގެ މަތިން ޑީއެންއޭ ކަށަވަރުކުރުމަށްފަހު ހަމަޖައްސާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ރިސްކް އެސެސްމެންޓް ހަދައި ފުލުހުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ފަރާތެއް އެ އާއިލާގައިވާ ނަމަ ޖިނާއީ ތަހުގީގު ހިންގާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
މިއީ، ދިވެހިންގެ ތެރެއިން ހަނގުރާމަވެރި ސަހައްދުތަކުގައި ތާށިވެފައި ތިބި އަންހެނުންނާއި ކުޑަކުދިން އަނބުރާ ރާއްޖެއަށް ގެނައުމަށް ގައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ހިންގުނު ފުރަތަމަ ހަރަކާތެވެ.
ހޯމް މިނިސްޓްރީން މިއަދު ބުނީ، މީގެ އަހަރުތަކެއް ކުރިން ރާއްޖެއިން ބޭރުގެ ހަނގުރާމަވެރި ސަރަޙައްދުތަކަށް ދަތުރުކޮށްފައިވާ ދިވެހި ފިރިހެނުންނާއެކު ދަތުރުކުރި އަނބިންނާއި އެފަދަ އާއިލާތަކަށް ނިސްބަތްވާ ކުޑަކުދިން ހަނގުރާމައިގައި ހާލުގައި ޖެހިފައިވާ މީހުން ބަލަހައްޓާ ކޭމްޕުތަކުގައި ހާލުގައި ޖެހި ފުރާނަޔަށް ނުރައްކާވާ ހާލަތަށް ގޮސްފައިވާ ކަމުގެ ޝަކުވާ އެފަދަ ފަރާތްތައް ނިސްބަތްވާ އާއިލާތަކުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރުގެ ކަމާގުޅުންހުރި އިދާރާތަކަށް ކުރަމުންދާ ކަމަށެވެ.
އެހެންވެ އެފަދަ އާއިލާތައް ރާއްޖެ ގެނައުމުގެ މަސައްކަތުގެ ތެރެއިން މިއަދު ފުރަތަމަ އާއިލާ ރާއްޖެ ގެނެސްފައިވާ ކަމަށެވެ.
ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައި ތިބި ދިވެހިން އަނބުރާ ރާއްޖެ ގެނައުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. ހެންކަމުން ހަނގުރާމަވެރި ސަރަހައްދުގައި ހާލުގައި ޖެހިފައިވާ މީހުން ރާއްޖެ ގެނައުމަށް ސަރުކާރުން ގިނަ މަސައްކަތްތެއް ކުރަމުންދާ ކަމަށް ހޯމް މިނިސްޓްރީން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު