ތެލުގެ އަގު މައްޗަށް ދިއުމާ ގުޅިގެން މާލެ ސަރަހައްދުގެ ޓެކްސީ އަގުތަކަށް ބަދަލު ގެނައުމަށް ގޮވާލައި ޓެކްސީ ޑްރައިވަރުން ފާޅުކުރަމުންދާ ކަންބޮނޑުވުންތަކަށް އަވަސް ހައްލެއް ހޯދައިދިނުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލައެންސް (އެމްޑީއޭ) އިން ގޮވާލައިފިއެވެ.
އެމްޑީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރާއްޖޭގެ އާބާދީގެ ބޮޑު ބައެއް ދިރިއުޅެމުންދަނީ މާލޭ ސަރަހައްދުގައި ކަމަށެވެ. އެހެންކަމުން ކޮންމެ ދުވަހަކު ވެސް ގިނަ އަދަދެއްގެ ރައްޔިތުން ޓެކްސީގެ ހިދުމަތް ބޭނުންކުރަމުންދާ ކަމަށެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޓެކްސީ ކޮށްގެން އާމްދަނީ ހޯދާ ފަރާތްތަކަށް އެކަމުގެ ނޭދެވޭ އަސަރުކޮށްފައިވާއިރު، ޓެކްސީގެ ހިދުމަތް ބޭނުންކުރާ ރައްޔިތުންނަށް ދަތި ނުވާނެ ގޮތެއްގެ މަތިން ޓެކްސީތަކުގެ އިންތިޒާމުތައް ހަމަޖެހިގެން ދިޔުމަށް އެދޭ ކަމަށް ބުންޏެވެ.
ތެލުގެ އަގު ބޮޑުވުމުގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަޝްވަރާގެ މަގު އިހުތިޔާރު ކުރުމަށް އެމްޑީއޭއިން ވަނީ އެދިފައެވެ. އަދި ހިދުމަތް ދޭ މީހުންނާއި ހިދުމަތް ހޯދާ މީހުންގެ މަސްލަހަތު ރައްކާތެރި ވާން އެދޭ ކަމަށް ވެސް އެ ޕާޓީން ބުންޏެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖެއިން ވެސް ވަނީ ތެޔޮ ވިއްކާ އަގު ބޮޑުކޮށްފައެވެ. އެހެންވެ ޓެކްސީ ޑްރައިވަރުން ވަނީ ޓެކްސީ ކޮށްދޭ އަގުތައް ބޮޑުކުރަން ނިންމައިފައެވެ. ޓެކްސީ ދަތުރުގެ އަގުތައް ބޮޑުކޮށްދޭން ޑްރައިވަރުން ހުށަހެޅި ހުށަހެޅުމަށް ޓްރާންސްޕޯޓު މިނިސްޓްރީން ޖަވާބު ނުދިނުމުން، ޓެކްސީ ޑްރައިވަރުން ދަތުރުތައް ހުއްޓާލައި ހުޅުމާލެ ރުއްގަނޑު ދޭއްގައި އިއްޔެ ވަނީ ޝުއޫރު ފާޅުކޮށްފައެވެ.
މިއަދުވެސް ދަތުރުތައް ހުއްޓާލައި ޓެކްސީ ޑްރައިވަރުން އަންނަނީ މާލޭގައި އިހުތިޖާޖު ކުރަމުންނެވެ. ނަމަވެސް މިނިސްޓްރީން ވަނީ އަގުތައް ބޮޑުކުރުމާމެދު ގޮތެއް ނިންމައި ޖަވާބެއް ދެވޭނީ އަންނަ ހަފުތާގައި ކަމަށް ބުނެފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު