"އަޅުގަނޑުގެ ޙަޔާތުގެ އެންމެ ފަހުގެ އެދުމަކީ އަޅުގަނޑުގެ ދަރިފުޅު އިސްލާމްވުމެވެ. އެހެނީ އިސްލާމްދީނަކީ އަރަހުށި މާތް ﷲ ތަބާރަކަ ވަތަޢާލާ ވީރާނާވެފައިވާ ހިތްތަކާއި، ފިކުރުބޮޑުވެ ޙައިރާންވެފައިވާ ސިކުނޑިތަކަށް ހަމަޖެހުމާއި، ހިތްގައިމުކަން ދެއްވާ އަލިކަމެކެވެ. އެއީ އެކަލާނގެ މަގުދެއްކެވުމެކެވެ. މިއަހަރުގެ ފިނިމޫސުމުގައި އަޅުގަނޑުގެ ދަރިފުޅު ފެނުމުން އީމާންކަމުގައިވެސް އޭނާ އަޅުގަނޑާ ބައްދަލުކުރާނެކަން އަޅުގަނޑަށް ޔަޤީންވިއެވެ. އަޅުގަނޑުގެ ދަރިފުޅު ވިޔަފާރީގައި ކިތަންމެ ކާމިޔާބުކަމުގައި ވިޔަސް އަދި އެކަމުގައި ކިތަންމެ އަވަދިނެތި އުޅުނު ކަމުގައި ވިޔަސް އަޅުގަނޑު އުއްމީދުކުރަނީ އަޅުގަނޑުގެ މިއެދުން ފުރިހަމަވާނެ ކަމުގައެވެ."
މިއީ އަލްޖީރިޔާއާއި މޮރޮކޯގައި ޖަރުމަން ވިލާތުގެ ސަފީރެއްގެ ޙައިޘިއްޔަތުން ޚިދުމަތްކުރައްވައިފައިވާ ޑރ. މުރާދު ހޮފްމަން Wilfred Hoffman)) އޭނާ އިސްލާމްވެވަޑައިގެންނެވި ވާހަކަ ވިދާޅުވެދެއްވަން ފަށްޓަވައިގެންނެވުމުގައި ބޭނުންފުޅުކުރެއްވި ޢިބާރާތެކެވެ.
ޑރ. މުރާދު ހޮފްމަން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 6 ޖުލައި 1931 ގައި ޖަރުމަން ވިލާތުގައެވެ. ޖަރުމަން ވިލާތުގެ ކެތަލިކް ކްރިސިޓިއަން ޢާއިލާއަކުންނެވެ. އޭނާ ބޮޑުފުޅުވެ ތަރުބިޔަތު ލިބިވަޑައިގަތީ އެ މާޙައުލުގައެވެ. އިބްތިދާއީ ތަޢުލީމް ޙާސިލްކުރެއްވީ ވެސް އެ ވެށީގައެވެ.
މަތީ ތަޢުލީމު ޙާސިލްކުރެއްވުމަށްޓަކައި އޭނާ އެންމެ ފުރަތަމަ ވަޑައިގަތީ އެމެރިކާއަށެވެ. އެމެރިކާގެ ހާވަޑް ޔުނިވަރސިޓީގެ ލޯ ކޮލެޖުން އެލް.އެލް.އެމް. ގެ ޑިގްރީ ޙާސިލްކުރެއްވިއެވެ. އެއަށްފަހު ޖަރުމަން ވިލާތަށް އެނބުރިވަޑައިގެން ޤާނޫނީ ރޮނގުން ޑޮކްޓަރޭޓް ހޯއްދެވިއެވެ.
ޑޮކްޓަރ މުރާދު އެންމެ ގިނަ ދުވަހު ޚިދުމަތްކުރައްވައިފައިވަނީ ޖަރުމަނު ވިލާތުގެ ޚާރިޖީ ދާއިރާގައެވެ. ނޭޓޯގެ ޑައިރެކްޓަރ އޮފް އިންފޮރމޭޝަންގެ މަޤާމުގައިވެސް މަސައްކަތްކުރެއްވިއެވެ. ޑޮކްޓަރ މުރާދު ވަނީ އޭނާގެ ޢިލްމީ އަދި ސައިންސީ ޚިދުމަތްތަކުގެ ސަބަބުން ޢިލްމީ ދުނިޔޭގައި ވަރަށް ބޮޑަށް މަޝްހޫރުވެވަޑައިގެންފައެވެ.
ޑޮކްޓަރ މުރާދު އޭނާ އިސްލާމްވެވަޑައިގެންނެވި ވާހަކަ ބަޔާންކުރައްވަމުން ވިދާޅުވެފައިވެއެވެ.
"ކްރިސްޓިއަން ދީނުގެ އުނގަންނައިދިނުންތަކާ އެދީނުގެ ޢަޤީދާތަކާ މެދު އަޅުގަނޑުގެ ހިތުގައި އުފެދިފައިވާ ސުވާލުތަކާއި ޝައްކުތަކަށް ޤުރްއާނުން އަޅުގަނޑަށް ވަނީ ޖަވާބު ލިބިފައެވެ. ﷲ އާއި މަލާއިކަތުންނާއި، ވަޙީއާއި، އާޚިރަތާއި، އަޚްލާޤީ އުޞޫލުތަކާ ބެހޭގޮތުން ޤުރްއާނުން އަޅުގަނޑަށް ލިބުނު ތަފްޞީލުތަކުން އަޅުގަނޑުގެ ހިތަށް ވަރަށް އަސަރުކުރިއެވެ. ވަރަށް ބޮޑަށް ހިތްހަމަޖެހުން ލިބުނެވެ. އަޅުގަނޑުގެ ހިތް އިސްލާމް ދީން ޤަބޫލްކޮށްފިއެވެ."
މިއަދު އަޅުގަނޑު މިކިޔައިދޭ ވާހަކަތަކަކީ އަޅުގަނޑުގެ މާޒީއަށް ދަތުރެއް ކުރުން ފަދަ ކަމެކެވެ. ވިހިވަނަ ސައްތައިގައި އިސްލާމްދީން ދިރުވުމަށް ހިންގުނު ޙަރަކާތްތަކުގައި އެންމެ ބޮޑު އަހަންމިއްޔަތެއް ލިބިފައިވަނީ ދެބޭފުޅެއްގެ މަސައްކަތްޕުޅަށާއި، އެދެބޭފުޅުންގެ ފަރާތްޕުޅުން ހިންގުނު ޙަރަކާތްތަކަށެވެ. އެ ދެބޭފުޅުންނަކީ ޝަޙީދު ޙަސަނުލް ބަންނާއާއި، ސައްޔިދު އަބުލް އަޢުލާ މައުދޫދީއެވެ.
އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރީ ކީއްވެގެން ހެއްޔެވެ؟ މި ސުވާލަށް ޖަވާބު ދިނުމަކީ އުނދަގޫ ކަމެއްކަމުގައި ވިޔަސް އެ ސުވާލަށް ވަރަށް ތެދު ޖަވާބެއް ދެވެން އެބައޮތެވެ. އެ ޖަވާބަކީ އަޅުގަނޑު އިސްލާމްދީން ޤަބޫލުކުރީ މާތް ﷲ ގެ ހެޔޮ ތައުފީޤުން ކަމުގައި ބުނުމެވެ. އެކަލާންގެ އަޅުގަނޑުގެ ހިތް އިސްލާމްދީނަށް ލެންބެވިއެވެ. އެއް ނަޒަރަކުން ބަލާއިރު މި ސުވާލަކީ ފިރިޔަކު ކުރެން އޭނާގެ އަނބިމީހާ ދެކެ ލޯބިވަނީ ކީއްވެގެންތޯ ސުވާލު ކުރުން ފަދަ ކަމެކެވެ. އަނތްބަކު ކުރެން އޭނާގެ ފިރިމީހާ ދެކެ ލޯބިވަނީ ކީއްވެތޯ އެހުން ފަދަ ކަމެކެވެ. މި ސުވާލަކީ އެއްވެސް މަންޠިޤީ ޖަވާބެއް އޮންނަ ކަހަލަ ސުވާލެއް ނޫނެވެ. އާދެ، އަޅުގަނޑު ދަންނަވަން މި އުޅެނީ ބައެއް ސުވާލު ތަކަކީ އެ ސުވާލުތަކަށް މަންޠިޤީ ޖަވާބެއް ނުދެވޭނެ ސުވާލުތަކެއް ކަމުގައެވެ. ކަން ހުރީ މިހެން ކަމުގައި ވިޔަސް، އަޅުގަނޑު އިސްލާމް ވުމުގެ ވަރަށް ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ވަރަށް ގިނަ ކަންތައްތަކެއް އެކަމަށް މެދުވެރިވިއެވެ.
އަޅުގަނޑު ދުނިޔެއަށް އައީ ޖަރުމަންވިލާތުގެ ދީންވެރި ކެތަލިކް ޢާއިލާއަކުންނެވެ. އެ ދުވަސްވަރު ޖަރުމަންގައި އޮތީ ނާޒީވެރިކަމެވެ. ދުނިޔޭގެ ދެވަނަ ބޮޑުހަނގުރާމަ އޭގެ އެންމެ ޖޯޝާއި ފޯރީގައި ކުރިޔަށް ދެއެވެ. ޖަރުމަނުން ގެންދިޔައީ އިނގެރޭސިވިލާތާއި، އެމެރިކާއާއި އެނޫންވެސް އިއްތިޙާދީ ބާރުތަކާ ވަރުގަދަޔަށް ހަނގުރާމަކުރަމުންނެވެ. ޖަރުމަންވިލާތުގައި ބީ.ބީ.ސީ. އަޑުއެހުމަކީ މަރުގެ އަދަބު ދެވޭ ކުށެކެވެ. އަޅުގަނޑު ކިޔަވާކުދީންގެ ސިއްރު ޖަމާޢަތެއް ކަމުގައިވާ JESUITS އާ ގުޅިއްޖައީމެވެ. އެޖަމާޢަތުގެ މެންބަރުންގެ ގާތްގަނޑަކަށް އައްޑިހަ އިންސައްތަ ކުދީންނަކީ އެކުދީންގެ ކުލާސްތަކުގެ އެންމެ ފާހަގަކޮށްލެވޭ ދަރިވަރުންނެވެ. އަޅުގަނޑުމެން އެ ޖަމާޢަތުގެ ސްޓޭޖުން ކްރިސްޓިއަން ދީން ފަތުރަމުން ގެންދިޔައީމުއެވެ. ހިޓްލަރގެ ސިފައިން ބަލިވެ އެމެރިކާގެ ލަޝްކަރު ޖަރުމަނަށް އެރުމުން އަޅުގަނޑަށް ހީވީ މަރު އަޅުގަނޑުގެ ފަހަތުން ފަހައިދުވާނެހެންނެވެ. ނަތީޖާއަކަށްވީ ކޮންމެ ފަދަ ވަގުތެއްގައިވެސް މަރާ ކުރިމަތިލާން ޖެހިދާނެކަން އަޅުގަނޑަށް އިތުރަށް ޔަޤީންވުމެވެ.
ދީންވެރި ކެތަލިކް ޢާއިލާއަކުން ދުނިޔެއަށް އައުމާއެކުވެސް ކްރިސްޓިއަން ޢަޤީދާތަކާ މެދު އަޅުގަނޑު ހިތްހަމައެއް ނުޖެހެއެވެ. ޓްރިނިޓީއާއި، މަރިޔަމުގެފާނަކީ ކަލާންގެ މައިކަނބަލުންކަމުގައި ވުމާއި، އިންސާނާއަކީ ދުނިޔެއަށް އުފަންކުރައްވާއިރު ވެސް ފާފަވެރިޔަކަށް ވުމާއި (އާދަމުގެފާނު ކުރެއްވި ފާފައިގެ މަސްއޫލިއްޔަތު އެންމެހައި އާދަމުގެ ދަރީން އުފުލަން ޖެހުމާއި) އިންސާނިއްޔަތު ފާފައިން ސަލާމަތްކުރެއްވުމަށްޓަކައި ޢީސާގެފާނު ޞަލީބަށްއަރައިވަޑައިގަތުމާއި މިކަންކަން އަޅުގަނޑަކަށް ވިސްނައެއް ނުގަނެވުނެވެ. އަޅުގަނޑުގެ ގާތް ތިމާގެ މީހުނާއި މުދައްރިސުންނާ އަޅުގަނޑު އެ ޢަޤީދާތަކާ ބެހޭ ގޮތުން ސުވާލުކުރަމެވެ. އެބޭފުޅުން ޖަވާބުދެއްވަނީ އެއީ ހައްތާވެސް ވަންހަނާގައިވާ ކަންތައްތަކެއް ކަމުގައެވެ. ނަމަވެސް އެކަންކަން ޔަޤީންކުރަން ޖެހޭނެ ކަމުގައެވެ. އަޅުގަނޑު ބުނަމެވެ. އަޅުގަނޑު މިހިރީ އެކަންތައް ޤަބޫލުކުރަން ތައްޔާރަށެވެ. އެކަމަކު އަޅުގަނޑަށް އެކަންކަން ވިސްނައިގަނެވިގެންނެވެ.
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު